ނައިބު ރައީސް ނިއުޔޯކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

ނައިބު ރައީސް ނިއުޔޯކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން --- ފޮޓޯ/ މިނިސްޓަރު އިރުތިޝާމް

އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ހައި ލެވެލްގެ ހަފުތާގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

މި ދަތުރުފުޅުގެ ތެރެއިން އެ މަނިކުފާނު ވަނީ، އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގެން އިންސާފުވެރި ވެރިކަމުގެ ނިޒާމަކަށާއި މޫސުމީ ވިލުންތެރިކަމާއި ކުދި ޖަޒީރާ ޤައުމުތަކުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށް ރާއްޖޭން ކުރަމުންދާ މަސައްކަތްތައް ހާމަކުރައްވާފައެވެ.

ޢާންމު ބަހުސްގައި ރާއްޖޭގެ ފަރާތުން ޤައުމީ ބަޔާން އިއްވަވަމުން، އެ މަނިކުފާނު ވަނީ ކޮންމެ ޤައުމަކަށްވެސް އެ ޤައުމެއްގެ އަމިއްލަ މުސްތަޤުބަލު ބައްޓަންކުރުމުގެ އަސާސީ ޙައްޤު ލިބިގެންވާކަން ފާހަގަކުރައްވާފައެވެ.

ކުދި ޤައުމުތަކުގެ ސަލާމަތަށް ކުރިމަތި ވަމުންދާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ނައިބު ރައީސް ވަނީ މިއީ 2040 ވަނަ އަހަރާ ހަމައަށް ރާއްޖެ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރާ ގުޅިފައިވާ ކަމެއްކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، 1967 ގެ ކުރީގެ ސަރަޙައްދީ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައަޅައި، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމަށް، އެމަނިކުފާނު ވަނީ ވަކާލާތުކުރައްވާފައެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކަށް އަލިއަޅުއްވާލައްވަމުން، ކަނޑުގެ ލޮނުގަނޑު އުފުލުމާ ގުޅޭގޮތުން ބޭއްވި މަތީ ފަންތީގެ ޕްލެނަރީ ބައްދަލުވުމުގައި ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ތަޤުރީރު ކުރައްވާފައެވެ.

އދ.ގެ އާންމު މަޖިލީހުގައި ނައިބު ރައީސް ތަގުރީރުކުރައްވަނީ --- ފޮޓޯ/ މިނިސްޓަރު އިރުތިޝާމް

އެމަނިކުފާނު ވިދާޅުވީ، ކަނޑުގެ ލޮނުގަނޑު އުފުލި ރަށްތައް ގިރަމުންދާ ދިއުމަށް ރާއްޖޭން ދޭ ޖަވާބަކީ، ފަހަތަށް ޖެހުމެއް ނެތި ވިލުންތެރިކަން އިސްކުރުން ކަމުގައެވެ. މޫސުމަށް އަންނަމުންދާ ބަދަލުތަކަށް ހޭނުމަށް ބޭނުންވާ ހިލޭ އެހީ، ފުޅާ ދާއިރާއެއްގައި އަވަހަށް ލިބިދިނުމަށް އިލްތިމާސްކުރެއްވިއެވެ.

ބައިނަލްއަޤްވާމީ ގުޅުންތައް އިތުރަށް ބަދަހިކުރެއްވުމުގެ ގޮތުން، ނައިބު ރައީސް ވަނީ އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސްއާއި ބަންގްލަދޭޝްގެ ބޮޑުވަޒީރު ތާރިޤް ރަޙްމާން އާއެކު މުހިންމު މަޝްވަރާތަކެއް ބާއްވަވާފައެވެ. އަދި، ޗައިނާއިން އިންތިޒާމުކުރި ގްލޯބަލް ޑިވެލޮޕްމަންޓް އިނިޝިއޭޓިވްގައިވެސް އެމަނިކުފާނު ތަޤުރީރު ކުރެއްވިއެވެ. މި ބައްދަލުވުން ތަކުގެ ޒަރީޢާއިން ޚާރިޖީ ގޮތުންނާއި އަދި ތަރައްޤީގައި ދިވެހިރާއްޖެއިން އިސްކަންދޭ ކަންކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކާމިޔާބުކަމާއެކު، ބައިނަލްއަޤްވާމީ މައިދާނުގައި ހާމަކުރައްވާފައެވެ.

comment ކޮމެންޓް