އެޕަލް ޕޭގެ ފީތަކާ ދެކޮޅަށް ކުރާ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ކޯޓުން ނިންމައިފި

މި މައްސަލަ ކޯޓަށް ހުށަހެޅުނު ފަހުން އެޕަލްއިން ވަނީ ސިޔާސަތުތަކަށް ބައެއް ބަދަލުތައް ގެނެސްފައި ---

އައިފޯނުތަކުގައި ބޭނުންކުރާ އެޕަލް ޕޭ ޚިދުމަތާ ގުޅިގެން އެޕަލް ކުންފުނިން ނަގަމުންދާ ފީތަކާ ދެކޮޅަށް އެމެރިކާގެ ބޭންކުތަކާއި ކްރެޑިޓް ޔޫނިއަންތަކުން ގުޅިގެން ކުރަމުންދާ އެންޓިޓްރަސްޓް ދައުވާ ކްލާސް-އެކްޝަން ނުވަތަ ޖަމާއަތީ ދައުވާއެއްގެ ގޮތުގައި ކުރިއަށް ގެންދެވޭނެ ކަމަށް އެމެރިކާގެ ޑިސްޓްރިކްޓް ގާޒީ ޖެފްރީ ނިންމަވައިފިއެވެ.

މި ނިންމެވުމާއެކު، އެޕަލް ޕޭ މެދުވެރިކޮށް ކުރެވޭ މުއާމަލާތްތަކުން އެޕަލްއަށް ފީ ދައްކާފައިވާ އެމެރިކާގެ ހުރިހާ ބޭންކުތަކަކާއި މާލީ އިދާރާތަކަށް މި ދައުވާގައި ގުޅިގެން ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވިފައެވެ. މީގެ އިތުރުން، މޮބައިލް ވޮލެޓް މާކެޓުގައި އެޕަލްއިން ނާޖާއިޒު ބާރު ނުވަތަ މޮނޮޕޮލީ ހިންގާކަން ސާބިތުކުރުމަށް މާހިރުން ދީފައިވާ ހެކިބަސް މައްސަލައިން އުނިކުރުމަށް އެޕަލްއިން ހުށަހެޅި ހުށަހެޅުންވެސް ގާޒީ ވަނީ ބޭރުކޮށްލައްވާފައެވެ.

https://sun.mv/223748

ދެހާސް ބާވީސް ވަނަ އަހަރު ފުރަތަމަ ކޯޓަށް ހުށަހެޅުނު މި ދައުވާގައި ބުނެފައިވަނީ، އައިފޯނުގެ އެންއެފްސީ ޗިޕް އެހެން ކުންފުނިތަކަށް ބޭނުން ނުކުރެވޭ ގޮތް ހަދައި، ވާދަވެރި މޮބައިލް ވޮލެޓްތައް އުފެއްދުމަށް ހުރަސްއެޅުމުގެ ނަތީޖާއެއްގެ ގޮތުން އެޕަލްއިން އަހަރަކު އެއް ބިލިއަން އެމެރިކާ ޑޮލަރާ ހަމައަށް ޣައިރުގާނޫނީ ގޮތުގައި ފީގެ ގޮތުގައި ހޯދަމުންދާ ކަމަށެވެ.

އައިފޯނު ބޭނުންކުރާ ފަރާތްތަކުން އެޕަލް ޕޭއާ ގުޅުވާފައިވާ ކާޑަކުން ވިޔަފާރިއެއް ކުރުމުން، ކްރެޑިޓް ކާޑުތަކުން މުއާމަލާތުގެ 0.15 އިންސައްތަ އަދި ޑެބިޓް ކާޑުތަކުން ކޮންމެ މުއާމަލާތަކަށް ބައި ސެންޓު (0.5 ސެންޓު) އެޕަލްއަށް ދައްކަންޖެހެއެވެ. މިގޮތުން އެޕަލް ޕޭ މެދުވެރިކޮށް ކުރެވޭ 1,000 ޑޮލަރުގެ ވިޔަފާރިއަކުން އެޕަލްއަށް 1.50 ޑޮލަރުގެ ފީއެއް ކާޑު ދޫކުރި ބޭންކުން ދައްކަންޖެހެއެވެ.

ދައުވާކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، ގޫގުލްގެ އެންޑްރޮއިޑް ސިސްޓަމުގައި ތަފާތު ގިނަ މޮބައިލް ވޮލެޓްތައް ބޭނުންކުރުމުގެ ފުރުސަތު އޮންނައިރު، ކޮންޓެކްޓްލެސް ފައިސާގެ މުއާމަލާތްތަކުން ކާޑު ދޫކުރާ އިދާރާތަކުން ގޫގުލްއިން އެއްވެސް ފީއެއް ނުނަގައެވެ. އެހެންކަމުން، އެޕަލް އުފެއްދުންތަކުގައިވެސް އެހެން މޮބައިލް ވޮލެޓްތަކަށް ފުރުސަތު ދީފިނަމަ، މިފަދަ ބޮޑު ފީއެއް އެޕަލްއަށް ނުނެގޭނެ ކަމަށް ދައުވާގައި ބުނެފައިވެއެވެ.

މި މައްސަލަ ކޯޓަށް ހުށަހެޅުނު ފަހުން އެޕަލްއިން ވަނީ ސިޔާސަތުތަކަށް ބައެއް ބަދަލުތައް ގެނެސްފައެވެ. އެގޮތުން އައިއޯއެސް 18.1 އަދާހަމާއާއެކު، އެޕް އުފައްދާ ފަރާތްތަކަށް އަމިއްލަ އެޕްލިކޭޝަންތަކުގައި އެންއެފްސީ ކޮންޓެކްޓްލެސް ޕޭމަންޓް ޚިދުމަތް ހިމެނުމުގެ ފުރުސަތު އެމެރިކާ، ކެނެޑާ، އޮސްޓްރޭލިޔާ، ބްރެޒިލް، ޖަޕާން، ނިއުޒީލަންޑް، އިނގިރޭސިވިލާތް އަދި ޔޫރަޕްގެ އިއްތިހާދު ހިމެނޭ ގޮތަށް ގިނަ ގައުމުތަކެއްގައި ވަނީ ދީފައެވެ.

ނަމަވެސް، މައްސަލައިގައި ދައުވާކުރާ ގާނޫނީ ވަކީލުން އެދެމުންދަނީ މާޒީގައި ބޭންކުތަކުން އެޕަލްއަށް ދައްކާފައިވާ ހުރިހާ ފީއެއް އަނބުރާ ހޯދައިދިނުމަށާއި، އެޕަލްގެ މިފަދަ އުސޫލުތައް މުޅިން ހުއްޓުވައި އިންސާފު ގާއިމުކޮށްދިނުމަށެވެ.

comment ކޮމެންޓް