ފުޓުބޯޅަ ކުޅެނީ ފައިސާއާއި ލިބޭ އާމްދަނީއަށް ބަލައިގެންނޫން ކަމަށާއި ކުޅެނީ ކުޅިވަރަށް އޮތް ލޯބީގެ ބޮޑުކަމުން ކަމަށް ބާސެލޯނާ އަދި ސްޕެއިންގެ ތަރި ލަމީން ޔަމާލް ބުނެފިއެވެ.
ގާޑިއަން ނޫހަށް މައުލޫމާތުދެމުން ޔަމާލް ބުނީ އަމިއްލަ ރެކޯޑުތަކާއި ހިސާބުތަކަށް ސަމާލުކަން ދީގެން އުޅެން ބޭނުންނުވާ ކަމަށެވެ. އަދި ފުޓްބޯޅައިގެ ހަގީޤީ އުފާ އޮތީ އުފެއްދުންތެރިކަމާއެކު ކުޅެ، ޓީމުގެ އެހެން ކުޅުންތެރިންނަށް އެހީތެރިވުމުގައި ކަމަށް އޭނާ ބުންޏެވެ.
"އަހަރެން ފުޓްބޯޅަ ކުޅެނީ ފައިސާއަކަށް ނޫން، އަހަރެން ކުޅެނީ ކުޅޭހިތްވާތީ," ޔަމާލް ބުންޏެވެ.
"ގޯލުތަކާއި އެސިސްޓްތަކަށް މާބޮޑަށް ސަމާލުކަންދޭ ކުޅުންތެރިންނަށް ކުޅިވަރުގެ އުފަލެއް ނުލިބޭ. އަހަރެން ކުޅެނީ މަޖަލަކަށް، ގޯލެއް ނުޖެހި ހުރި ކުޅުންތެރިޔަކަށް ގޯލެއް ޖަހައިދީ، އުފާވެރިކަން ހޯދައިދިނުމަށް," އޭނާ އިތުރަށް ބުންޏެވެ.
މީގެއިތުރުން ފީފާ ވޯލްޑް ކަޕް 2026 ގެ ފައިނަލް މެޗަށްފަހު ލިއޮނެލް މެސީއާ ބައްދަލުވި ދަނޑިވަޅަށް އަލިއަޅުވާލަމުން ޔަމާލް ބުނީ މެސީ ކައިރިއަށް ދިޔައީ ފުޓްބޯޅައަށް އޭނާ ކޮށްދިން ހިދުމަތްތަކަށް ހަމައެކަނި ޝުކުރު އަދާކޮށްލުމަށް ކަމަށެވެ.
"އަހަރެން ހަމައެކަނި އޭނާއަށް ޝުކުރު އަދާކުރީ ފުޓްބޯޅައަށް ކޮށްދިން ހިދުމަތަށާއި، އޭނާއަކީ އެންމެ މޮޅު ކުޅުންތެރިޔާ ކަމުގައިވާތީ. އަހަރެން އަބަދުވެސް ގަބޫލުކުރަނީ އޭނާއަކީ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް," މެސީއާ ގުޅޭގޮތުން ޔަމާލް ބުންޏެވެ.
ޔަމާލް އިތުރަށް ބުނީ މެސީއާ ބައްދަލުކުރި ކުރުމަކީ މީޑިއާގެ ސަމާލުކަން ހޯދުމަށް ރޭވިގެންކުރި ކަމެއްނޫން ކަމަށާއި، އެއީ އަމިއްލައަށް ހިތަށްއެރި ގޮތަށް ކުރެވުނު ކަމެއް ކަމަށެވެ.
"އަހަރެން އަބަދުވެސް ބަލަނީ މީހުންނަށް ދެއްކުމުގެ ގޮތުން ކުރާ ކަންތައްތަކާ ދުރުގައި އުޅެވޭތޯ. މެސީ ފެނުނީމާ ގޮސް، ފުޓްބޯޅައަށް ކޮށްދިން ކަންތައްތަކަށް ޝުކުރު އަދާކުރީ. އެއީ އެވަގުތު ހިތަށްއައި ގޮތަށް ކުރެވުނު ކަމެއް," އޭނާ ބުންޏެވެ.
ސްޕެއިންގެ ލަމީން ޔަމާލަކީ މިހާރު ފުޓުބޯޅައިގައި އެންމެ އަރަމުންއަންނަ އެއް ކުޅުންތެރިޔާއެވެ.