އިޒްރޭލް މެޗު ކުޅެން ދެކޮޅު ހެދުމުގެ ގޮތުން އަޔަލެންޑުގެ އެއްވަނަ ކީޕަރު މެޗު ބޮއިކޮޓުކޮށްފި

އަޔަލެންޑްގެ ގައުމީ ފުޓްބޯޅަ ޓީމުގެ އެއްވަނަ ކީޕަރު ގެވިން ބަޒޫނޫ--

އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާއި ގަތުލުއާންމާ ދެކޮޅު ހެދުމުގެ ގޮތުން، އަޔަލެންޑްގެ ގައުމީ ފުޓްބޯޅަ ޓީމުގެ އެއްވަނަ ކީޕަރު ގެވިން ބަޒޫނޫ، ޔުއެފާ ނޭޝަންސް ލީގުގައި އިޒްރޭލާ ދެކޮޅަށް ކުޅެން އޮތް މެޗު ބޮއިކޮޓްކޮށް ސްކޮޑުން ވަކިވެއްޖެއެވެ.

ސައުތެމްޕްޓަނަށް ކުޅެމުންދާ އުމުރުން 24 އަހަރުގެ ކީޕަރު އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް ހާމަކުރި ގޮތުގައި، މިއީ އޭނާގެ އަމިއްލަ އަގީދާ އާއި އިންސާނީ އުސޫލުތަކުގެ މައްޗަށް ބިނާކޮށް ނިންމި ނިންމުމެކެވެ. އޭނާ ބުނި ގޮތުގައި ކުށެއްނެތް މައުސޫމް ބަޔަކު މަރަމުންދާއިރު، އެކަންކަމާ ދެކޮޅަށް ތެދުވުމަކީ އޭނާގެ ގަބޫލުކުރާ ގޮތް ކަމަށާއި، މިފަދަ ދަނޑިވަޅެއްގައި އިޒްރޭލާ ދެކޮޅަށް ދަނޑުމައްޗަށް އެރުމަކީ އޭނާއަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ބަޒޫނޫގެ މި ނިންމުމާއެކު އަޔަލެންޑްގެ ޓީމުގެ އެހެން ކުޅުންތެރިންގެ މެދުގައި ވެސް މުޅި މެޗު އެއްކޮށް ބޮއިކޮޓްކުރުމާ މެދު ބޮޑެތި ބަހުސްތަކެއް ހިނގައި، ކުޅުންތެރިންގެ މެދުގައި ވޯޓެއް ވެސް ނެގުނެވެ. ނަމަވެސް، މެޗު ބޮއިކޮޓްކޮށްފި ނަމަ ޔުއެފާއިން މުޅި ގައުމީ ޓީމަށް ދީފާނެ ބޮޑެތި އަދަބުތަކަކުން ސަލާމަތްވުމުގެ ގޮތުން، ޓީމުގެ ބޮޑު މެޖޯރިޓީއަކުން ނިންމީ މެޗު ކުޅެ ކުރިއަށް ގެންދިއުމަށެވެ

އެހެންނަމަވެސް، އިޒްރޭލުގެ އަމަލުތަކާ ދެކޮޅު ހެދުމުގެ ގޮތުން މެޗުގެ ކުރިން އިޒްރޭލުގެ ކުޅުންތެރިންނާ ސަލާމް ނުކުރުމަށާއި، މެޗުގައި ކަޅު ބޭންޑު އަޅައިގެން ކުޅުމަށް އަޔަލެންޑްގެ ކުޅުންތެރިން ވަނީ ނިންމާފައެވެ.

މިކަމާ ގުޅިގެން އަޔަލެންޑްގެ ކޯޗު ހެއިމިރް ހާލްގްރިމްސަން ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ޓީމުން މެޗު ކުޅެން ނިންމި ނަމަވެސް، އޭގެ މާނައަކީ އެމީހުން އިޒްރޭލުން ހިންގާ ގަތުލުއާންމަށް ތާއީދުކުރުން ނޫން ކަމަށެވެ. އަދި އަޔަލެންޑް ޓީމުން އަބަދުވެސް ތިބޭނީ އެފަދަ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް ކަމަށް އޭނާ ބުންޏެވެ.



comment ކޮމެންޓް