އައިސީސީ ޓީ20 މުބާރާތުގެ ކުރިން ގައުމީ ކްރިކެޓް ޓީމު ލަންކާއަށް

ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމު މިއަދު ލަންކާއަށް ފުރުމުގެ ކުރިން ބަސް ޓާމިނަލުގައި-- ފޮޓޯ: ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

އަންނަ މަހު މެލޭޝިއާގައި އޮންނަ އައިސީސީ ޓީ20 ކްރިކެޓް ވޯލްޑް ކަޕް އޭޝިއަން ސަބް ރީޖަނަލް ކޮލިފައިން މުބާރާތަށް ތައްޔާރުވުމުގެ ގޮތުން، ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމު ނުވަ ދުވަހުގެ ތަމްރީނު ކޭމްޕަކަށް ސްރީ ލަންކާއަށް ފުރައިފިއެވެ.

މި ދަތުރަކީ މުބާރާތުގެ ކުރިން ނެޗުރަލް ޓާފުގައި ކުޅެ މެޗު ފިޓްނަސް އިތުރުކުރުމާއި، ޕިޗަށް ހޭނުމުގެ ގޮތުން ކުރިއަށްގެންދާ ކޭމްޕެކެވެ. ލަންކާގެ ގޯލް އިންޓަނޭޝަނަލް ކްރިކެޓް ސްޓޭޑިއަމްގައި ދެ އެކުވެރިކަމުގެ މެޗު ކުޅުމަށްފަހު، ގައުމީ ޓީމު މުބާރާތް ބާއްވާ މެލޭޝިއާއަށް ފުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 5 ވަނަ ދުވަހުއެވެ.

ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމު މިއަދު ލަންކާއަށް ފުރުމުގެ ކުރިން ބަސް ޓާމިނަލުގައި-- ފޮޓޯ: ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

އަފްގާނިސްތާންގެ ކޯޗު އަސަދުﷲ ހާން (އަސަދު) ގެ ބެލުމުގެ ދަށުން ނުކުންނަ ގައުމީ ސްކޮޑުގެ ކެޕްޓަނަކީ ހަސަން ހާޒިގެވެ. އަދި ވައިސް ކެޕްޓަނަކީ ޔޫސުފް އަޒްޔާންއެވެ.

ޓީމުގައި ދެން ހިމެނޭ ކުޅުންތެރިންނަކީ މުހައްމަދު ރިޝްވާން، އިސްމާއިލް ނަޒްވާން، ހަރްޝާ އަމަރަސިންގޭ، އިގްބާލް ޝެރާޒް، އާދަމް ނާސިފް، އަހުމަދު އަމީލް، އިސްމާއިލް އަލީ، މަބްސަރު އަބްދުﷲ، އިބްރާހިމް ރިޒާން، އަޝަން ޔާޕާ، ތަރުޝާ ކަވިންދާ އަދި ޝަފްރާޒް ޖަލީލްއެވެ. ކޯޗިން އޮފިޝަލުންގެ ގޮތުގައި އެސިސްޓަންޓް ކޯޗު މުހައްމަދު ޖާވިދު، ފިޒިއޯ ދަނުޝްކާ ސްރިމަލް އަދި ޓީމު މެނޭޖަރު އާރިފް ރިޒާ ހަރަކާތްތެރިވާނެއެވެ.

އަންނަ މަހުގެ 6 އިން 15 އަށް ކުރިއަށްދާ މި ކޮލިފައިން މުބާރާތުގައި ރާއްޖެ ހިމެނެނީ ގްރޫޕް 'ބީ' ގައެވެ. މި ގްރޫޕްގައި ރާއްޖޭގެ އިތުރުން ހިމެނެނީ ޗައިނާ، ސިންގަޕޫރު، މެލޭޝިއާ، ހޮންގް ކޮންގް އަދި ސައުދީ އަރަބިއްޔާއެވެ.

ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމު މިއަދު ލަންކާއަށް ފުރުމުގެ ކުރިން ބަސް ޓާމިނަލުގައި-- ފޮޓޯ: ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހުގެ 8 ވަނަ ދުވަހު ނުކުންނާނީ ޗައިނާއާ ދެކޮޅަށެވެ. އެއަށްފަހު، 9 ވަނަ ދުވަހު ސިންގަޕޫރާ، 11 ވަނަ ދުވަހު މެލޭޝިއާއާ، 12 ވަނަ ދުވަހު ހޮންގް ކޮންގާ އަދި ގްރޫޕްގެ ފަހު މެޗުގައި 14 ވަނަ ދުވަހު ސައުދީ އަރަބިއްޔާއާ ދެކޮޅަށް ރާއްޖެ ކުޅޭނެއެވެ. މުބާރާތުގެ ރީޖަނަލް ފައިނަލްސްއަށް ހޮވޭނީ ކޮންމެ ގްރޫޕަކުންވެސް އެންމެ ކުރިހޯދާ ދެ ޓީމެވެ.

comment ކޮމެންޓް