އެމްއައިބީން ޤައުމީ ކްރިކެޓް ޓީމުގެ ކިޓް ސްޕޮންސާޝިޕް އިތުރު އަހަރަކަށް އައުކޮށްފި

ގައުމީ ކްރިކެޓް ޓީމުގެ ކިޓް ސްޕޮންސަރަކަށް އެމްއައިބީ އިތުރު އެއް އަހަރަށް އެއްބަސްވުން އައުކުރުމަަށްފަހު-- ފޮޓޯ: ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

ގައުމީ ކްރިކެޓް ޓީމުގެ ކިޓް ސްޕޮންސަރުގެ ގޮތުގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާއެކު އިތުރު އެއް އަހަރަށް އެއްބަސްވުން އައުކޮށްފިއެވެ.

މި އެއްބަސްވުން އައުކޮށްފައިވަނީ ދާދިފަހުން ބޭއްވި ގައުމީ ކްރިކެޓް ޓީމަށް ކިޓު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ. މި އެއްބަސްވުމާއެކު ގައުމީ ކްރިކެޓް ޓީމުގެ މެޗު ކިޓާއި ޓްރެއިނިން ކިޓު އަދި ޓްރެވަލިން ކިޓު އެމްއައިބީން ވަނީ ސްޕޮންސާކޮށްދީފައެވެ.

އެމްއައިބީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ހެޑް އޮފް މާކެޓިން އަޝަން ޖަމާލެވެ. ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) ގެ ފަރާތުން ސޮއިކުރެއްވީ ބޯޑްގެ ރައީސް މުހައްމަދު ފައިސަލްއެވެ.

މީގެ ކުރިންވެސް ގައުމީ ކްރިކެޓް ޓީމުން ވަނީ އެމްއައިބީގެ ކިޓް ސްޕޮންސާޝިޕުގެ ދަށުން މުބާރާތްތަކުގައި ވާދަކޮށްފައެވެ. އެމްއައިބީއަކީ ކްރިކެޓް ކުރިއެރުވުމަށް މިހާތަނަށް ގިނަ މަސައްކަތްތަކެއް ކޮށްދީފައިވާ ފަރާތެކެވެ.

ސީބީއެމް އިން ވަނީ މި އެއްބަސްވުމަކީ ކްރިކެޓު ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު އިތުރު ހިތްވަރެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި އެކަމަށްޓަކާ ކްރިކެޓް ބޯޑުން ވަނީ އެމްއައިބީއަށް ޝުކުރުއަދާކޮށްފައެވެ.

ގައުމީ ކްރިކެޓް ޓީމުން މިހާރު ތައްޔާރުވަމުންދަނީ އައިސީސީ މެންސް ޓީ-20 ވޯލްޑްކަޕް 2028 ގެ އޭޝިއަން ސަބް ރީޖަނަލް ކޮލިފިކޭޝަން މުބާރާތުގައި ވާދަކުރުމަށެވެ.

މި މުބާރާތަށް ނެގި 12 ކުޅުންތެރިންގެ އައު ސްކޮޑުގެ ކެޕްޓަނަކަށް ހަސަން ހާޒިޤް ހަމަޖައްސާފައިވާއިރު، ވައިސް ކެޕްޓަނަކީ ޔޫސުފް އަޒްޔާންއެވެ. އަފްޣާނިސްތާނުގެ ތަޖުރިބާކާރު ކޯޗު އަސަދުﷲ ޚާންގެ އިރުޝާދުގެ ދަށުން މުބާރާތަށް ތައްޔާރުވަމުން އަންނަ ޤައުމީ ޓީމު، މެލޭޝިއާއަށް ދިއުމުގެ ކުރިން ލަންކާގައި ތަމްރީނު ކޭމްޕެއް ފުރިހަމަކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ލަންކާ ކޭމްޕަށް ޓީމު ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27 ވަނަ ދުވަހުގެ ފަތިހުއެވެ.

comment ކޮމެންޓް