އިންޑިއާ ހަލުވިކަމާއެކު ކުރިއަރަމުން ދިޔަ ނަމަވެސް، އެ ގައުމުން އަބަދުވެސް ބައިނަލްއަގުވާމީ ޒިންމާތައް ފުރިހަމައަށް އަދާކުރުމުގައި ދެމިއޮންނާނެ ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް. ޖައިޝަންކަރު ވިދާޅުވެއްޖެއެވެ.
އދ. ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވަމުން ޖައިޝަންކަރު ވިދާޅުވީ، ދުނިޔޭގެ 78 ގައުމެއްގައި އިންޑިއާއިން މިހާރުވެސް ތަރައްގީގެ މުހިންމު 600 މަޝްރޫއެއް ހިންގަމުން އަންނަ ކަމަށެވެ. މީގެ ތެރޭގައި އުމްރާނީ ތަރައްގީ، ދަނޑުވެރިކަން، އައިޓީ، އިއާދަކުރަނިވި ހަކަތަ އަދި ސާފު ބޯފެނުގެ މަޝްރޫއުތައް ހިމެނޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މި ދަތުރުގައި އިންޑިއާގެ އެންމެ އިސް ބައިވެރިންނަކީ އެފްރިކާގެ ގައުމުތަކާއި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް ކަމަށް ވެސް ވިދާޅުވިއެވެ.
ކާރިސާތަކާއި ބަލިމަޑުކަމުގެ ވަގުތުތަކުގައި އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭ ގައުމެއްގެ ގޮތުގައި އިންޑިއާ އޮތްކަން ފާހަގަކުރައްވައި ޖައިޝަންކަރު ވިދާޅުވީ، ނޭޕާލްގެ ފެންބޮޑުވުމާއި ވެނެޒުއޭލާގެ ބިންހެލުމުގައި ވެސް އިންޑިއާއިން ވަގުތުން އެހީތެރިކަން ފޯރުކޮށްދިން ކަމަށެވެ. އަދި އދ. ގެ ސުލްހަ ބަލަހައްޓާ ފައުޖުތަކުގައި އިންޑިއާގެ ސިފައިން މުހިންމު ދައުރެއް އަދާކުރަމުން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ.
ކަނޑުދަތުރުފަތުރުގެ ރައްކާތެރިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން، ގަލްފާއި ރަތް ކަނޑު އަދި ކަޅު ކަނޑުގައި ވިޔަފާރި އުޅަނދުފަހަރަށް ދެމުންދާ ހަމަލާތައް ކުށްވެރިކުރައްވައި ޖައިޝަންކަރު ވިދާޅުވީ، މިއީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. މިފަދަ އަމަލުތަކާ ދެކޮޅަށް ދުނިޔޭގެ ސަމާލުކަން ހޯދުމަށް ލައިބީރިއާ އާއި އިތުރު 23 ގައުމަކާއެކު އިންޑިއާއިން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަކީ އިންސާނުން ބާރުވެރިކުރުވައި އިގްތިސާދީ ކުރިއެރުން ގެނެސްދޭނެ ވަސީލަތެއް ކަމަށާއި، ކޮންމެ ގައުމަކަށްވެސް އަމިއްލަ އިސްކަންދޭ ކަންކަމާ އެއްގޮތަށް ޓެކްނޮލޮޖީ ބައްޓަންކުރުމުގެ ހައްގު އޮންނަންވާނެ ކަމަށް ވިދާޅުވިއެވެ.
މަހާތުމާ ގާންދީގެ "ސުލްހައަށް ދާނެ ވަކި މަގެއް ނެތެވެ. ސުލްހައަކީ ހަމަ މަގެވެ" މި ބަސްފުޅު ހަނދާންކޮށްދެއްވަމުން ޖައިޝަންކަރު ވަނީ، ދުނިޔޭގެ މަސްރަހު ބަދަލުވަމުންދާއިރު އެންމެންގެ ބައިވެރިވުން ހިމެނޭ ގޮތަށް އދ. އިސްލާހުކޮށް، ސުލްހައާއި ތަރައްގީއަށް އިސްކަންދިނުމަށް ގޮވާލައްވާފައެވެ. އަދި ދައުރު ނިންމަވާލައްވާ އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސްގެ ޚިދުމަތްތަކަށް އިންޑިއާގެ ނަމުގައި ޝުކުރު އަދާކުރެއްވިއެވެ.