ބެންގަލޫރުގެ ސިވިލް ކޯޓު ހުކުމެއްގައި ޗެޓްޖީޕީޓީގެ އިރުޝާދުތަކެއް

އޭއައިގެ އިރުޝާދުތައް ހުކުމުގައި ހުރި ކަމަށް ބުނާ ލިޔުންތައް ސޯޝަލް މީޑިއާގައިވަނީ ލީކްކޮށްލާފައި ---

އިންޑިއާގެ ބެންގަލޫރުގެ ސިވިލް ކޯޓަކުން ނެރުނު ހުކުމެއްގައި، އޭއައި ނުވަތަ ޗެޓްޖީޕީޓީ ބޭނުންކޮށްގެން އިބާރާތްތައް ރަނގަޅުކުރުމަށް ދީފައިވާ ފަދަ އިރުޝާދުތަކެއް ހިމެނިފައިވާކަން ފާހަގަކުރެވިގެން އެ މައްސަލަ ސޯޝަލް މީޑިއާގެ ސަމާލުކަމަށް އައިސްފިއެވެ. މިއީ އެ ކޯޓުގައި ކުރިއަށްދިޔަ މައްސަލަ ނަންބަރު O.S. No. 4956/2011 ގެ ހުކުމް ނިންމި ގޮތުގެ ލިޔުމުގައި ހުރި ކަންތައްތަކެކެވެ.

ޝާއިޢުކޮށްފައިވާ އެ ހުކުމުގައި ހުރި އިރުޝާދުތަކުގެ ތެރޭގައި، ލިޔުމުގެ އިބާރާތްތައް "ބާރުގަދަކުރުމަށް" އަންގާފައިވާ އެންގުންތަކާއި، ޑިކްރީ ޝީޓް ތައްޔާރުކުރުމަށް ދީފައިވާ އިރުޝާދުތަކުގެ އިތުރުން، ހުކުމް ކިޔައި ކުށްރަނގަޅު ކުރުމަށް ދީފައިވާ އެންގުންތައް ހިމެނެއެވެ. އަދި 1968 ވަނަ އަހަރުގެ ވަސިއްޔަތަކާ ގުޅޭ ގޮތުންނާއި، އޭގެ ފަހުން މުދާ ގަތް ފަރާތްތަކާ ގުޅޭ ގޮތުން ޤާނޫނީ ޙުއްޖަތްތައް ތަރުތީބުކުރާނެ ގޮތާމެދު އޭއައިއާ ކޮށްފައިވާ ފަދަ ސުވާލާއި ޖަވާބުގެ އިބާރާތްތައްވެސް އެ ހުކުމުގައި ހިމެނިފައިވެއެވެ.

މި މައްސަލައަކީ "ގާޔަތުރީ" އާއި "ގުރު ރެޑީ ރާޖޫ އެސް އެން" އާ ދެމެދު ކުރިއަށްދިޔަ، މުދާ ބެހުމަށާއި ވަކިން މިލްކުވެރިކަން ހޯދުމަށް އެދި ހުށަހަޅައިގެން ގިނަ ދުވަސްތަކެއް ވަންދެން ހިނގި މުދަލުގެ މައްސަލައެކެވެ.

އެ މައްސަލާގައި ކޯޓުން ކުރި ހުކުމުގައި ވަނީ ދަޢުވާކުރާ ފަރާތަށް ތަރުތީބު A، B އަދި E ގައިވާ މުދަލުން 5 ބައިކުޅަ 1 ބައި ލިބޭ ގޮތަށް މައްސަލަ ބައެއް ބައިތަކުން ކާމިޔާބުވެފައިވާ ކަމަށް ނިންމާފައެވެ. ނަމަވެސް އެހެން ބައެއް މުދާތަކާ ގުޅޭގޮތުން ހުށަހެޅި ދަޢުވާތައް ކޯޓުން ވަނީ ބާތިލުކޮށްފައެވެ.

އޭއައިގެ އިރުޝާދުތައް ހުކުމުގައި ހުރި ކަމަށް ބުނާ ބުނުމުގެ އަސާސަކީ އިންޓަނެޓްގައި ޝާއިޢުކޮށްފައިވާ އެ ހުކުމުގެ އަސްލު ލިޔުމެވެ. ނަމަވެސް، އެ އިބާރާތްތައް ޝަރީޢަތުގެ ރެކޯޑަށް ވަނީ ކިހިނެއް ކަމެއް ނުވަތަ އެއީ ކާކު ކުރި ކަމެއްކަން ސާބިތުކުރުމަށް، ހަމައެކަނި އެ ލިޔުމުގައިވާ އިބާރާތްތަކަށް އެކަނި ބުރަވެވިގެން ނުވާނެ ކަމަށްވެސް ބައެއް ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.

މި ހާދިސާއާއެކު، ޝަރުޢީ ދާއިރާއާއި ޤާނޫނީ މަސައްކަތްތަކުގައި އޭއައި ނުވަތަ ޗެޓްޖީޕީޓީ ފަދަ ޒަމާނީ ވަސީލަތްތައް ބޭނުންކުރުމުގައި ސަމާލުވާންޖެހޭ މިންވަރާއި، ކޯޓުތަކުން ނެރޭ ހުކުމްތައް އާންމުކުރުމުގެ ކުރިން އިބާރާތްތައް ފުރިހަމައަށް ކަށަވަރުކުރުމުގެ މުހިންމުކަން ވަނީ ފާހަގަވެފައެވެ. އަދި އިންސާފު ގާއިމުކުރުމުގެ ނިޒާމުގެ ތެރެއަށް އާޓިފިޝަލް އިންޓެލިޖެންސް ވަންނަމުންދާ މިންވަރާމެދު ޤާނޫނީ ދާއިރާގެ ބޭފުޅުންނާއި އާންމުންގެ މެދުގައި ވަނީ ބަހުސްތަކެއް އުފެދިފައެވެ.

comment ކޮމެންޓް