ވަރަށް ގާތް އެކުވެރިއެކެވެ. ތަރިކަ މުދަލުގެ ގޮތުގައި މާލޭގެ ވަރަށް ރަނގަޅު ހިސާބަކުން އޭނާއަށް ގޯތީގެ ބައެއް ލިބިފައި އޮންނަތާ ކިތަންމެ އަހަރެއްވެއްޖެއެވެ. އެއީ 10 ބުރިއަށް ހެދޭވަރުގެ ޖާގައެކެވެ. އޭނާގެ އުމުރުން 30 ގެ އަހަރުތަކުގައި ލިބުނު އެ ބިން އަދިވެސް ހެދޭވަރު ނުވާއިރު އުމުރުން 50ގެ އަހަރުތައް ގުނަނީއެވެ. އެ ގެ ނުހެދިގެން އުޅެނީ އޭނާގެ ގަބޫލުކުރުންތަކުގެ ތެރެއިން އެކަން ކުރެވޭ ގޮތެއް ނުވެގެންނެވެ. އަމިއްލަ ފައިސާއިން އެވަރުގެ ކަމެއް ކުރެވޭނެ ތަނަވަސް ކަމެއް އޭނާގެ ނެތެވެ. ދެން އޮތީ ބޭންކް ލޯނު ނަގައިގެން ގެ ހަދައި ކުލިން ލިބޭ އެއްޗަކުން ލޯނު ދެއްކުން ކަމަށްވާއިރު, ލޯނެއްގައި ޖެހޭކަށް އޭނާ ބޭނުމެއް ނުވެއެވެ. ދެން އޮތްގޮތަކީ ބަޔަކަށް ދިގު މުއްދަތަކަށް ދީގެން ހެދުމެވެ. އެކަމަކު އޭރުން ގޭގެ ފްލޯތައް އަހަރުތަކަކަށް ބަޔަކަށް ދޭން ޖެހޭތީ އެކަން އެގޮތަށް ކުރާކަށް ވެސް އޭނާ ބޭނުމެއް ނުވެއެވެ. ވެރިރަށް މާލޭގައި ބިން އޮވެ, އޭގެން މާބޮޑު ފައިދާއެއް ނުވެ އުޅެނިކޮށް އުމުރުން 60އާ ގާތް ކުރަނީއެވެ.
މި އެކުވެރިޔާގެ މިސާލު އަޅުގަނޑުމެންގެ މި ގައުމަށް ވެސް ފުދެއެވެ.
ދިވެހިރާއްޖޭގެ ބޮޑެތި މުދަލާއި، ބިންތަކާއި ނުވަތަ އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ބޭރުގެ އިންވެސްޓަރުންނާ ހަވާލުކުރަން ސަރުކާރުން ހުށަހަޅާ ކޮންމެ ފަހަރަކު، ސިޔާސީ ގޮތުން އެއް ބަހުސެއް ފެށެއެވެ. އެއީ "ގައުމު ވިއްކާލަނީ ކީއްވެގެން ހެއްޔެވެ؟" މިއީ އާ ވާހަކައެއް ނޫނެވެ. މީގެ ކުރިން 2010 ވަނަ އަހަރު މާލޭ ބައިނަލްއަގުވާމީ ވައިގެ ބަނދަރު އިންޑިއާގެ ޖީއެމްއާރާއި މެލޭޝިއާ އެއާޕޯޓްސްއާ ހަވާލުކުރުމުންވެސް މި އަޑު އިވުނެވެ. ދިރާގާއި މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގައި އޮތް ސަރުކާރުގެ ހިއްސާ ކުޑަކޮށް، ބޭރުގެ ކުންފުނިތަކަށް ހިއްސާ ވިއްކާލުމުންވެސް މި ވާހަކަ ދެކެވުނެވެ. އަދި މިހާރު، އަބޫދާބީގެ އީގަލް ހިލްސްއާއެކު ރަސްމާލެ ނުވަތަ މޯލްޑިވްސް ވޯޓަފްރަންޓް އެންޑް މެރީނާ މަޝްރޫއު ކުރިއަށްގެންދަން ސަރުކާރުން ނިންމުމުންވެސް މި ބަހުސް ވަނީ އަލުން ފެށިފައެވެ. ނަމަވެސް، މިއަށްވުރެ މުހިންމު އެހެން ސުވާލެއް އެބައޮތެވެ. ދައުލަތުގެ މިލްކިއްޔާތުގައި ހުރިހާ ތަނެއް އޮތުމަކީ، އޭގެ ޒާތުގައި ދިވެހި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތް ހެއްޔެވެ؟ އަދި، ކެޕިޓަލް މަދު، އުމްރާނީ ތަރައްގީގެ ބޮޑެތި ބޭނުންތަކެއް ހުރި، އަދި ދަރަނި ބޮޑު ގައުމަކަށް، ހުރިހާ ވައިގެ ބަނދަރުތަކާއި، ކަނޑުގެ ބަނދަރުތަކާއި، ޔުޓިލިޓީ ކުންފުނިތައް އަމިއްލައަށް ތަރައްގީކުރެވިދާނެ ހެއްޔެވެ؟
ޖީއެމްއާރު މާލެ އިންޓަނޭޝަނަލް އެއާޕޯޓުން ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން ---ޖީއެމްއާރުގެ މައްސަލައަކީ އިގުތިސާދީ ސިޔާސަތެއް ސިޔާސީ ވެގެންދާ ގޮތުގެ އެންމެ ސާފު އެއް މިސާލެވެ. ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން 2010 ވަނަ އަހަރު 25 އަހަރުގެ މުއްދަތަކަށް އެއާޕޯޓު ހަވާލުކުރީ އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަންގެ އެހީތެރިކަމާއެކު ކުރިއަށްގެންދިޔަ ވާދަވެރި ބީލަމަކަށް ފަހުގައެވެ. އެ އެއްބަސްވުމުގެ ދަށުން 78 މިލިއަން ޑޮލަރު ސަރުކާރަށް ދިންއިރު، އެއާޕޯޓަށް އެތައް ސަތޭކަ މިލިއަން ޑޮލަރެއް އިންވެސްޓްކުރަން އޮތީ ރާވާފައެވެ. ވޯލްޑް ބޭންކުން ފަހުން ސިފަކުރި ގޮތުގައި މިއީ ރާއްޖޭގެ ފުރަތަމަ ބޮޑު ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕް (ޕީޕީޕީ) އެވެ. އަދި އެ މަޝްރޫއުގެ އިންވެސްޓްމަންޓް 400 މިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ބޭންކުން ފާހަގަކުރިއެވެ. ނަމަވެސް، އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖާއި އެއްބަސްވުމުގެ އެހެނިހެން ކަންކަމާ ގުޅިގެން އުފެދުނު ޚިޔާލުތަފާތުވުންތަކާއެކު، މައްސަލަ ސިޔާސީވެ، 2012 ވަނަ އަހަރު ނަޝީދުގެ ސަރުކާރު ބަދަލުވުމަށްފަހު އެއްބަސްވުން ވަނީ ބާތިލުކޮށްފައެވެ. މި މައްސަލަ ބައިނަލްއަގުވާމީ އާބިޓްރޭޝަނަށް ގޮސް، ޖީއެމްއާރަށް ބަދަލުގެ ގޮތުގައި 270 މިލިއަން ޑޮލަރު ދޭން ޖެހުނެވެ. މިއިން އެނގެނީ ބޮޑެތި އުމްރާނީ މަޝްރޫއުތަކާ މެދު ސިޔާސީ ގޮތުން ދެބަސްވުން އުފެދުމުން، އޭގެ އިގުތިސާދީ ގެއްލުން މާ ބޮޑުވާ ކަމެވެ. ބޭރުގެ އިންވެސްޓަރަކަށް ބޭނުންވަނީ އެއް ސަރުކާރަކުން ސޮއިކުރާ އެއްބަސްވުމެއް، އަނެއް ސަރުކާރު އައުމުންވެސް ދެމިއޮންނާނެ ކަމުގެ ޔަގީންކަމެވެ.
ދިރާގުގެ މިސާލަށް ބަލާއިރު، އެ ކުންފުނި 1988 ވަނަ އަހަރު އުފެއްދީ ސަރުކާރާއި ކޭބަލް އެންޑް ވަޔަލެސް ގުޅިގެންނެވެ. ދެހާސް ނުވަ ވަނަ އަހަރު ސަރުކާރުން ވަނީ 40 މިލިއަން ޑޮލަރަށް ކުންފުނީގެ ހަތް ޕަސެންޓް ހިއްސާ ކޭބަލް އެންޑް ވަޔަލެސްއަށް ވިއްކާލައި، ސަރުކާރުގެ ހިއްސާ 48 ޕަސެންޓަށް ކުޑަކޮށްފައެވެ. އަދި 2011 ވަނަ އަހަރު އާންމުންނަށް ހިއްސާ ވިއްކިއެވެ. ދިރާގުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަދު އެ ކުންފުނީގެ 52 ޕަސެންޓް ހިއްސާ އޮންނަނީ ބަހްރޭންގެ ބިޔޯން އަތުގައެވެ. ސަރުކާރުގެ އޮތީ 41.8 ޕަސެންޓެވެ. އާންމުންގެ އަތުގައި 6.2 ޕަސެންޓެވެ. ބޭރުގެ ބޮޑު ހިއްސާއެއް އޮތް ނަމަވެސް، ދިރާގަކީ ދިވެހި ކުންފުންޏެއްގެ ގޮތުގައި ހިދުމަތް ދެމުން އަންނަ ކުންފުންޏެކެވެ. ނަމަވެސް، މިހާރު ސަރުކާރުގެ މިސްރާބު ހުރީ މިއާ އިދިކޮޅަށެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދިރާގުގައި އޮންނަ ސަރުކާރުގެ ހިއްސާ 51 ޕަސެންޓަށް އިތުރުކުރުމަށާއި، އެމްޑަބްލިއުއެސްސީގައި ޖަޕާނުގެ ހިޓާޗީއަށް އޮންނަ 20 ޕަސެންޓް ހިއްސާ ގަތުމަށް ނިންމަވާފައިވާކަން އިއުލާންކުރައްވާފައެވެ. މި ބަދަލާއެކު އުފެދޭ ސުވާލަކީ، ސްޓްރެޓީޖިކް ކުންފުންޏެއްގައި ބޭރުގެ ހިއްސާ އޮތުން ވަކި ދުވަސްވަރެއްގައި ރަނގަޅުވެފައި، އަނެއް ދުވަސްވަރެއްގައި ގޯސްވަނީ ކީއްވެގެން ހެއްޔެވެ؟ މިއީ ސިޔާސީ ފިކުރެއްގެ މައްޗަށް ބިނާވާ ކަމެއް ހެއްޔެވެ؟ ނުވަތަ ގައުމީ ސަލާމަތާއި، މާކެޓުގެ ވާދަވެރިކަމާއި، މާލީ ފައިދާއަށް ބަލައި ނިންމާ ނިންމުމެއް ހެއްޔެވެ؟ އެމްޑަބްލިއުއެސްސީގެ 80 ޕަސެންޓް ސަރުކާރަށް އޮވެފައި 20 ޕަސެންޓް ހިޓާޗީއަށް އޮތުމުން ދައްކައިދެނީ، ބޭރުގެ ހިއްސާ އޮތުމަކީ މުޅިން ކޮންޓްރޯލް ގެއްލުން ނޫން ކަމެވެ. އަދި އެ ދެ ކުންފުނީގެ ހިންގުމަށް ބަލާއިރު ދިވެހި ސަރުކާރުގެ ހިއްސާ އޮތް, އެންމެ ރަނގަޅަށް ހިނދާ ދެ ކުންފުންޏަކީ އެއީއެވެ.
ރާއްޖޭގައި އޮތް އެންމެ ބޮޑު އެއް މައްސަލައަކީ ދައުލަތުގެ ކުންފުނިތައް ނުވަތަ އެސްއޯއީތަކުގެ ނިޒާމެވެ. ކަރަންޓާއި ފެނުން ފެށިގެން، ވައިގެ ބަނދަރުތަކާއި، ކަނޑުގެ ބަނދަރުތަކާއި، އިމާރާތްކުރުމާއި، ދަތުރުފަތުރާއި، ބޯހިޔާވަހިކަމުގެ އިތުރުން ވިޔަފާރީގެ އެކި ކަންކަމަށް ސަރުކާރުން ވަނީ ކުންފުނިތައް އުފައްދާފައެވެ. މީގެ ތެރެއިން ބައެއް ކުންފުނިތަކަށް ފައިދާވާއިރު، އަނެއްބައި ކުންފުނިތައް ހިންގަނީ ގެއްލުމުގައެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރިޕޯޓުތައް ދައްކާ ގޮތުން އެސްއޯއީތަކަށް އެތައް ބިލިއަން ރުފިޔާއެއްގެ ގެއްލުން ދަނީ ލިބެމުންނެވެ. އޮޑިޓާ ޖެނެރަލްވެސް ވަނީ ކުންފުނިތަކުގެ މާލީ ހާލަތުގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ބޮޑު ބުރައެއް އުފުލަންޖެހޭކަން ފާހަގަކުރައްވާފައެވެ. ވޯލްޑް ބޭންކުން 2024 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައިވެސް ވަނީ ރާއްޖޭގެ އިގުތިސާދު ހަމައަކަށް އެޅުވުމަށްޓަކައި އެސްއޯއީތައް އިސްލާހުކޮށް، އިގުތިސާދުގައި ދައުލަތުގެ ދައުރު ކުޑަކުރުމަށް ގޮވާލާފައެވެ. ސަރުކާރުން ގިނަ ކުންފުނިތަކެއް ހިންގުމުން، އެ ކުންފުނިތައް ވަނީ ސިޔާސީ ނުފޫޒު ފޯރުވާ ހަތިޔާރަކަށެވެ. ވެރިންނަށް އަންނަނީ ވިޔަފާރި ނޭނގޭ ސިޔާސީ މީހުންނެވެ. ވަޒީފާތަކާއި، ކޮންޓްރެކްޓްތަކާއި، ބޮޑެތި ބަޖެޓުތައް ކޮންޓްރޯލްކުރަނީ މި ކުންފުނިތަކުންނެވެ. މީގެ ސަބަބުން ކުންފުނިތަކުގެ ވިޔަފާރީގެ ނިންމުންތައް، ފައިދާއާއި ހަރުދަނާކަމަށް ބެލުމުގެ ބަދަލުގައި ސިޔާސީ ބޭނުންތަކަށް ނިންމުމުގެ ފުރުސަތު ބޮޑުވެއެވެ.
ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ސަރުކާރަށް އެކަނި ޚަރަދު ނުކުރެވޭވަރުގެ ބޮޑެތި މަޝްރޫއުތައް ހިންގަނީ ޕީޕީޕީ އުސޫލުންނެވެ. އިންޑިއާގެ ދިއްލީ އަދި މުމްބާއީ އެއާޕޯޓު ތަރައްގީކުރީ ޖީއެމްއާރާއި، ފްރަޕޯޓް އަދި މެލޭޝިއާ އެއާޕޯޓްސް ހިމެނޭ ކޮންސޯޓިއަމްއަކުންނެވެ. އޮމާންގެ ސަލާލާ ބަނދަރުގައި އޭޕީއެމް ޓާމިނަލްސްއިން 30 ޕަސެންޓް ހިއްސާވާއިރު، ބާކީ ހިއްސާ އޮންނަނީ އޮމާން ސަރުކާރާއި ޕެންޝަން ފަންޑުތަކަށެވެ. އެ ބަނދަރަށް 800 މިލިއަން ޑޮލަރު އިންވެސްޓްކޮށްފައިވާއިރު، އެއީ މިހާރު އޭޝިއާއާއި ޔޫރަޕް ގުޅުވައިދޭ މުހިންމު މަރުކަޒެކެވެ. ރާއްޖެއަށްވެސް މިފަދަ ފުރުސަތުތައް އެބައޮތެވެ. ރާއްޖޭގެ އިންވެސްޓްމަންޓް ޕްރޮމޯޝަން އޭޖެންސީން ބުނާ ގޮތުގައި އަހަރަކު 70،000 އަށް ވުރެ ގިނަ ކާގޯ ބޯޓު ރާއްޖެ ހިމެނޭ ސަރަހައްދުން ދަތުރުކުރެއެވެ. ސަރުކާރުން މިހާރު އަންނަނީ ތިލަފުށީގައި 600 މީޓަރުގެ ކޮންޓެއިނާ ކުއޭއަކާއި، ދެ ލައްކަ 80،000 ޓީއީޔޫގެ ކެޕޭސިޓީ ހިމެނޭ ބައިނަލްއަގުވާމީ ބަނދަރެއް ތަރައްގީކުރަމުންނެވެ. އަދި ލާމު އަތޮޅުގައި ޓްރާންސްޝިޕްމަންޓް ބަނދަރަކާއި ބަންކަރިން ޚިދުމަތް ފެށުމަށްވެސް އަންނަނީ މަސައްކަތްކުރަމުންނެވެ. ނަމަވެސް، ފެންވަރު ރަނގަޅު ބަނދަރެއް ތަރައްގީކުރުމަށް ބޮޑު ކެޕިޓަލްއަކާއި، ޓެކްނޮލޮޖީއާއި، ޝިޕިން ލައިންތަކާ ގުޅުން ބޭނުންވެއެވެ. އެހެންކަމުން، ސަރުކާރަށް އެކަނި މިކަން ނުކުރެވޭނަމަ، ބޭރުގެ ކުންފުނިތަކާ ގުޅިގެން މިކަން ނުކުރަންވީ ސަބަބަކީ ކޮބައިތޯ ސުވާލު އުފެދެއެވެ. ކަނޑު ޕޯޓްތަކުގެ ފައިދާ އަވައްޓެރި ގައުމުތަކުން ނަގާއިރު ދިވެހީންނަށް މިއޮތީ މިކަން ނުވެއެވެ. ސަރުކާރުން ކުރަން ކިޔައިގެން އެއްކަމެއް ވެސް ނުވެއެވެ.
ހަމަ މި ސުވާލު ރާއްޖޭގެ އެއާޕޯޓުތަކާ މެދުވެސް އުފެދެއެވެ. އުތުރުގައި ހަނިމާދޫ ބައިނަލްއަގުވާމީ ވައިގެ ބަނދަރު އަދި ދެކުނުގައި އައްޑޫ ބައިނަލްއަގުވާމީ ވައިގެ ބަނދަރު އޮތް ނަމަވެސް، ހަމައެކަނި އެއާޕޯޓެއް އޮތުމަކުން އިގުތިސާދީ ފައިދާއެއް ނުލިބޭނެއެވެ. އެއާޕޯޓަކަށް އެއާލައިންތަކާއި، ފަސިންޖަރުންނާއި، ކާގޯ އަދި ހަރުދަނާ މެނޭޖްމަންޓެއް ބޭނުންވެއެވެ. ސަރުކާރަށް ރަންވޭއާއި ޓާމިނަލް މިލްކުކުރެވިދާނެއެވެ. ނަމަވެސް ވިޔަފާރި އުސޫލުން ނުހިންގޭނަމަ، ބޭރުގެ އޮޕަރޭޓަރުންނަށް ކޮންސެޝަން އުސޫލުން އެއާޕޯޓުތައް ހިންގަން ހަވާލުކުރުމަކީ ވިސްނަންޖެހޭ ކަމެކެވެ.
އެންމެ ފަހުން އީގަލް ހިލްސްއާއެކު މި މަހުގެ 21ގައި ސޮއިކުރި ރަސްމާލެ މޯލްޑިވްސް ވޯޓަފްރަންޓް އެންޑް މެރީނާ މަޝްރޫއުގެ އެއްބަސްވުމާ ގުޅިގެންވެސް އުފެދެނީ ހަމަ މިފަދަ ސުވާލުތަކެކެވެ. ނުވަދިހަ ނުވަ އަހަރަށް ބިން ކުއްޔަށް ދީގެން ހިންގާ މި މަޝްރޫއުގައި ހޮޓާތަކާއި، ރެސިޑެންސްތަކާއި، ވިޔަފާރި މަރުކަޒުތައް ހިމެނެއެވެ. ފާޑުކިޔާ ފަރާތްތަކުން ބިމުގެ އަގާއި، ތިމާވެއްޓަށް ކުރާނެ އަސަރާއި، ދެފުށް ފެންނަ މިންވަރާ މެދު ސުވާލު އުފެއްދުމަކީ ގޯހެއް ނޫނެވެ. މީގެ ހައްލަކީ އެއްބަސްވުންތައް ހާމަކުރުމެވެ. ބިމުގެ އަގުކުރި ގޮތާއި، ސަރުކާރަށް ލިބޭނެ އާމްދަނީއާއި، އިންވެސްޓަރުގެ ޒިންމާތައް އާންމުކުރުމެވެ. ފަންސާސް އަހަރަށް ނުވަތަ 99 އަހަރަށް ބިމެއް ކުއްޔަށް ދިނުމަކީ ގައުމުގެ ސިޔާދަތު ދޫކޮށްލުމެއް ނޫނެވެ. އަދި ޔުޓިލިޓީ ކުންފުންޏެއްގައި ބޭރުގެ މައިނޯރިޓީ ހިއްސާއެއް އޮތުމަކީ ދައުލަތުގެ ކޮންޓްރޯލް ގެއްލުމެއްވެސް ނޫނެވެ. މުހިންމީ ގާނޫނީ އޮނިގަނޑާއި، ރެގިއުލޭޓަރީ ނިޒާމު ހަރުދަނާވުމެވެ.
ރާއްޖެއަށް ބޭނުންވަނީ ސްޓްރެޓީޖިކް މުދަލާ ގުޅޭ ހަރުދަނާ އޮނިގަނޑެކެވެ. ގައުމީ ސަލާމަތާ ގުޅޭ އުމްރާނީ ވަސީލަތްތައް ދައުލަތުގެ ކޮންޓްރޯލްގައި ބޭއްވުމާއެކު، ވިޔަފާރި އުސޫލުން ހިންގޭނެ އެއާޕޯޓުތަކާއި ބަނދަރުތައް ވާދަވެރި ބީލަމުގެ އުސޫލުން ބޭރުގެ ފަރާތްތަކަށް ހުޅުވާލެވިދާނެއެވެ. ސަރުކާރުން ރެގިއުލޭޓްކޮށް، އަމިއްލަ ފަރާތްތަކުން އޮޕަރޭޓްކުރާ ގޮތަށް ބަދަލުކުރެވިދާނެއެވެ. ކޮންމެ ސަރުކާރެއް ބަދަލުވާއިރަށް އިންވެސްޓްމަންޓް އެއްބަސްވުންތައް ބާތިލުކުރާނަމަ، ބޭރުގެ އިންވެސްޓަރުންގެ އިތުބާރެއް ނޯންނާނެއެވެ.
ވޯލްޑް ބޭންކުންވެސް ވަނީ ރާއްޖޭގެ މާލީ ނާޒުކުކަން ކުޑަކުރުމަށްޓަކައި ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، ޕްރައިވެޓް ސެކްޓާގެ ބައިވެރިވުން އިތުރުކުރުމަށް ލަފާދީފައެވެ. ރާއްޖެއަކީ އިންޑިއާ ކަނޑުގެ މުހިންމު ސަރަހައްދެއްގައި އޮތް ގައުމަކަށް ވިޔަސް، ހަމައެކަނި އެކަމުން މުއްސަނދިކަމެއް ނުލިބޭނެއެވެ. އެކަން އިގުތިސާދީ ފައިދާއަކަށް ބަދަލުކުރެވޭނީ އިންވެސްޓްމަންޓާއި ތަޖުރިބާ ލިބިގެންނެވެ.
އީގަލް ހިލްސް އާއި ދިވެހި ސަރުކާރާ ދެމެދު ރާއްޖޭގައި 20 ބިލިއަން ޑޮލަރު ނުވަތަ ގާތްގަނޑަކަށް 308 ބިލިއަން ރުފިޔާގެ ވޯޓާފްރަންޓް އަދި މެރީނާ މަޝްރޫއެއް ތަރައްގީކުރުމަށް ސޮއިކުރުން --- ފޮޓޯ: ހައުސިން މިނިސްޓްރީއެހެންކަމުން، ސިޔާސީ ގޮތުން "ގައުމު ވިއްކާލަނީ" ތޯ ކުރާ ސުވާލަށްވުރެ މުހިންމީ، ދައުލަތުން މިލްކުކުރާނީ ކޮން ތަންތަނެއްތޯއާއި، ރެގިއުލޭޓްކުރާނީ ކޮން ކަންކަމެއްތޯއާއި، އަމިއްލަ ފަރާތްތަކަށް ދޫކޮށްލާނީ ކޮން މަޝްރޫއުތަކެއްތޯ ކަނޑައެޅުމެވެ. ބޭނުންނުކޮށް ހުންނަ މުދަލަކީ ގައުމުގެ މުއްސަނދިކަން ރައްކާތެރިކޮށްދޭ އެއްޗަކަށް ނުވެދާނެއެވެ. ބައެއް ފަހަރު އެންމެ ބޮޑު ނުރައްކަލަކީ، ތަރައްގީކުރާނެ ފައިސާއާއި ތަޖުރިބާ ނެތް މުދަލެއް ދައުލަތުގެ އަތުގައި ބާއްވައިގެން ތިބުމެވެ.
މިހާތަނަށް ރާއްޖެ މިދަނީ އެކުވެރިޔާ އެ އިޚުތިޔާރު ކުރާ މަގުންނެވެ. އަތުގައި އަގުބޮޑު އެސެޓެއް އޮވެ ބޭނުން ނުކުރެވި ގައިބާރު ދާން ކައިރިވަނީއެވެ.