އިތުރު މަރެއް: "ޖޫރިމަނާއަކުން ރައްކާތެރިކަމެއް ނުލިބުނު، ހަރުކަށި ފިޔަވަޅު ނޭޅި، ފުރާނަތައް ގެއްލެން ދޫކޮށްލަނީތަ؟"

މާލޭ ސަރަހައްދުގެ މަގުތަކަކީ މިހާރު ނުރައްކާތެރި ކަނޑެއް ފަދަ ތަނެކެވެ. ކޮންމެ ދުވަހަކު އިވެނީ ކޮންމެވެސް އެކްސިޑެންޓެއްގެ ހިތާމަވެރި ޚަބަރެވެ. ނަމަވެސް، މިދިޔަ ހޯމަ ދުވަހުގެ ރޭ މާލޭގެ ސޯސަން މަގުގައި ހިނގައިދިޔަ ނުރައްކާތެރި އެކްސިޑެންޓަކީ މުޅި ގައުމަށް އަނެއްކާ ވެސް ސިހުން ގެނުވި، ހިތްތައް ކުދިކުދިކޮށްލި ހާދިސާއެކެވެ.

އުމުރުން އެންމެ 26 އަހަރުގެ އައިޝަތު މާހިދާގެ ފުރާނަ މި ދުނިޔެއާ ވަކިވެގެން ދިޔައީ، ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ލިބުނު ބޮޑެތި އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް އިއްޔެ ހަވީރުގެ ވަގުތެއްގައެވެ.

ށ. ފޯކައިދުއަށް އުފަން މާހިދާއަކީ އުޖާލާ މުސްތަގުބަލަކަށް އުންމީދުކުރަމުން ދިޔަ ހީވާގި ޒުވާނެކެވެ. އެމްޓީސީސީގައި ޚިދުމަތް ކުރުމަށްފަހު، މޯލްޑިވްސް އިމިގްރޭޝަންގެ އެސިސްޓެންޓް އޮފިސަރެއްގެ ވަޒީފާއާ އޭނާ ގުޅުނީ މިއަހަރުގެ ޖެނުއަރީ މަހުއެވެ. މާހިދާގެ ކުއްލި ވަކިވުމާ ގުޅިގެން އިމިގްރޭޝަނުން ނެރުނު މެސެޖެއްގައި ވަނީ އޭނާ އެ އިދާރާގައި ހޭދަކުރި ނުވަ މަސްދުވަހުގެ ތެރޭގައި ދެއްކި އިޚްލާސްތެރި މަސައްކަތް ފާހަގަކޮށް، ފުން ހިތާމަ ފާޅުކޮށްފައެވެ.

މި އެކްސިޑެންޓް ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ދަންވަރު 01:12 އެހައިކަންހާއިރުއެވެ. މި ހާދިސާގައި 21 އަހަރާއި 22 އަހަރުގެ ދެ ފިރިހެނުންނަށް ވެސް އަނިޔާވިއެވެ.

ނަމަވެސް އެންމެ ހިތްދަތި، އަދި ހަމައެހެންމެ ރުޅިވެރިކަން އާންމުންގެ މެދުގައި އުފެދުނު ކަމަކީ، އެކްސިޑެންޓްވި އެއް ސައިކަލް ދުއްވަން އިން 21 އަހަރުގެ ޒުވާނާއަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް މީހެއް ނޫން ކަމަށް ވުމެވެ. ފުލުހުން ކޯޓުގައި ބުނެފައިވާ ގޮތުގައި، އޭނާއަކީ ލައިސަންސް ނެތި ދުއްވައިގެން މި އަހަރު އެކަނި ވެސް ހަތަރު ފަހަރަށް ހިފަހައްޓައި، ޖޫރިމަނާކޮށްފައިވާ މީހެކެވެ.

މި ހިސާބުން އުފެދޭ ސުވާލަކީ، ހަތަރު ފަހަރު ކުށް ތަކުރާރުކުރުމުން ވެސް ފަސްވަނަ ފަހަރަށް މީހެއްގެ ފުރާނަ ދުއްވާލަން އޭނާއަށް މަގުމައްޗަށް ނިކުމެވުނީ ކީއްވެގެން ހެއްޔެވެ؟

މި މަރާއެކު ސޯޝަލް މީޑިއާގަޔާއި އާންމުންގެ މެދުގައި ވަނީ ބޮޑު ބަހުސެއް ފެށިފައެވެ. ކުޑަ ވައްކަމެއް ކުރާ މީހާ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވާ ކަމަށް ބުނެ ބަންދުކުރާއިރު، މަގުމަތީގައި އެތައް ބައެއްގެ ފުރާނައަށް ނުރައްކާކުރާ މީހުން ޖޫރިމަނާ ކޮށްލުމަށްފަހު ދޫކޮށްލަނީ ކީއްވެގެން ހެއްޔެވެ؟ ކަމާބެހޭ މުއައްސަސާތަކަށް މުހިންމީ ޖޫރިމަނާގެ ފައިސާ ހޯދުންތޯ ނުވަތަ ރައްޔިތުންގެ ފުރާނައިގެ ރައްކާތެރިކަންތޯ ގިނަ ބަޔަކު ސުވާލު އުފައްދައެވެ. މަތިމައްޗަށް ޖޫރިމަނާ އަރަމުންދިޔަޔަސް ގަވާއިދާ ޚިލާފަށް ދުއްވާ މީހުން އެކަމަކަށް ޖެހިލުމެއް ނުވެއެވެ.

ސޯޝަލް މީޑިއާގައި ޚިޔާލު ފާޅުކުރި ބައެއް މީހުން ބުނެފައިވަނީ "އަހަރީ ފީ ނުދައްކާ މީހުން ހޯދަން ދޭ ސަމާލުކަން، ނުރައްކާތެރިކޮށް ދުއްވާ މީހުން ހުއްޓުވަން ދޭނަމަ މިފަދަ ހިތާމަތައް ނުހިނގާނެ" ކަމަށެވެ. އަދި ބައެއް ފަރާތްތަކުން ވަނީ "މަރުގެ ދިޔަ ޤާތިލުގެ ކިބައިން ނަގަން ޖެހޭނެ" ކަމަށް ބުނެ ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.

"މިއީ ކުށަށް އެކަށޭނަ އަދަބު ނުދެވުމުގެ ނަތީޖާއެވެ. އެއަށް ޢަމަލު ނުކުރެވޭ އެއްވެސް ތާކުންތާކު ނުޖެހޭ އަމިއްލަ ވަޟަޢީ ޤާނޫނުތަކެއް ހެދުމުގެ ނަތީޖާއެވެ. ދެން މިވާހަކަވެސް 2 ނުވަތަ 3 ހަފްތާ ވަންދެން ދައްކާލާނެއެވެ. އެކަން ކުށްވެރިކޮށް ނޫސްބަޔާންވެސް ނެރޭނެއެވެ. އެއަށްފަހު ދެން އެނިމުނީއެވެ. ހައްޔަރު ކުރި މީހާވެސް ދެތިން މަހަކަށްފަހު އަދަބުން ވީއްލިގެން ނިކުމެ އަނެއްކާ ސައިކަލުގައި މަގުތައް ކުޑަކުރާނެއެވެ. މިކަހަލަ ކަންކަމުގައި ޒިންމާވާނެ ފަރާތެއް، ޒިންމާ ނަގާނެ ފަރާތެއް ނުވެއެވެ. ހުރިހާ ދެރައަކާއި ހިތާމައެއް ނިޔާވި މީހާގެ އާއިލާއަށެވެ." މިކަމާ ގުޅިގެން ސޯޝަލް މީޑިއާ އެކްޓިވިސްޓް އަހްމަދު ނަސީރު ފޭސްބުކްގައި ލިޔެފައިވެއެވެ.

މާހިދާގެ ވަކިވުމަކީ ހަމައެކަނި އެ އާއިލާއަށް ލިބުނު ފުން ހިތާމައެއް ނޫނެވެ. މިއީ ނިޒާމުގައި ހުރި ބޮޑެތި ބާގަނޑުތަކަށް އެޅުނު ވަރުގަދަ ލޯގަނޑެކެވެ. ހަރުދަނާ ފިޔަވަޅު ނޭޅި، ޒިންމާދާރުކަމެއް ނެތި މިގޮތުގައި ކުރިއަށްދާނަމަ، ދެން ގެއްލިގެންދާނީ ކާކުގެ ލޯބިވާ ފުރާނައެއް ބާއެވެ

comment ކޮމެންޓް