ފޭސްބުކާއި ވައިބަރު އެކައުންޓް ހެކްކޮށްގެން އޮޅުވާލައިގެން ހޯދި ފައިސާތަކެއް އެކައުންޓަށް ޖަމާވުމުން، އެ ފައިސާގެ ވެރިފަރާތަށް ރައްދުނުކޮށް ބޭނުންކުރި މައްސަލައެއްގައި ހުޅުމާލެއަށް ނިސްބަތްވާ މީހަކު ހަތަރު މަހާއި 14 ދުވަހަށް ޖަލަށް ލުމަށާއި، ގެއްލުނު ފައިސާ އަނބުރާ ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މިދިޔަ ހަފުތާގައި ކްރިމިނަލް ކޯޓުގެ ޤާޒީ މުޙައްމަދު މިޞްބާހު ކުރެއްވި މި ހުކުމަކީ، 27 ޑިސެންބަރު 2023 ގައި ހިންގި މާލީ އޮޅުވާލުމުގެ މައްސަލައަކާ ގުޅިގެން ދައުލަތުން އޭނާގެ މައްޗަށް އުފުލި "އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުން" ކުށުގެ ދައުވާގެ ހުކުމެކެވެ.
މައްސަލައިގެ ވާޤިއާއަށް ބަލާއިރު، ކާކުކަން ނޭނގޭ މީހަކު ލ. އިސްދޫ، އަންހެނެއްގެ ފޭސްބުކް އަދި ވައިބަރު އެކައުންޓް ހެކްކޮށް، މެސެންޖަރާއި ވައިބަރު މެދުވެރިކޮށް ދެ މީހަކަށް އޮޅުވާލައިގެން ފައިސާ ފޮނުވިއެވެ. މެސެންޖަރު މެދުވެރިކޮށް މުޢާމަލާތްކޮށް، އޭނާގެ ބޭންކް އެކައުންޓުން ދެފަހަރު މަތިން ޖުމްލަ 7،000 ރުފިޔާ އަޙްމަދު މޫސާގެ ބީއެމްއެލް އެކައުންޓަށް ޖަމާކުރުވިއެވެ. އަދި ލ. އަތޮޅު ފިރިހެނެއްގެ ވައިބަރު މެދުވެރިކޮށް މުއާމަލާތްކޮށް، އޭނާގެ އެމްއައިބީ އެކައުންޓުން އެކިފަހަރު މަތިން ޖުމްލަ 11،000 ރުފިޔާ އަޙްމަދު މޫސާގެ ބީއެމްއެލް އެކައުންޓަށް ޖަމާކުރުވިއެވެ.
އަޙްމަދު މޫސާ ވަނީ މި ފައިސާއަކީ ކޮން ގޮތަކަށް އޭނާގެ އެކައުންޓަށް ޖަމާވި ފައިސާއެއްކަން ކަށަވަރުކުރުމެއް ނެތި، އެ ފައިސާގެ ވެރިފަރާތްތަކަށް ރައްދުނުކޮށް ނަގައި ބޭނުންކޮށްފައެވެ. އަދި މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމާއި އަވަސްނިޔާގެ ޝަރީޢަތުގައި އަޙްމަދު މޫސާ ވަނީ ކުށަށް އިއުތިރާފުވެފައެވެ.
އޭނާ ޝަރީޢަތުގައި ބުނެފައިވަނީ މިކަން ކުރެވުނީ މަސްތުވާތަކެތީގެ ވަބާގައި ޖެހުމުގެ ސަބަބުން ކަމަށާއި، ހަތަރު އަހަރު ވަންދެން މަސްތުން ދުރުވެ ހުރެފައި އަނެއްކާވެސް އެކަމުގެ ތެރެއަށް ވަދެވުނީ ކަމަށެވެ. އަދި ގޯސް ރައްޓެހިންނާއި މަސްތުވާތަކެއްޗާ ދުރުވުމަށް ޓަކައި ޖަލު އަދަބެއް ކަނޑައަޅައިދިނުމަށް އޭނާ އެދިފައިވެއެވެ.
މި ކުށަކީ ޖިނާޔަތުގެ ފަސް ވަނަ ދަރަޖައިގެ ކުށެއް ކަމަށްވެފައި، އަސާސީ އަދަބަކީ ނުވަ މަހާއި 18 ދުވަހުގެ ޖަލު އަދަބެކެވެ. ނަމަވެސް، ކުށަށް އިޢުތިރާފުވުމުންނާއި އިޞްލާޙްވުމަށް ބާރުއެޅުމުގެ ގޮތުން ޤާނޫނުލްޢުޤޫބާތުގެ ދަށުން އަދަބު ދެ ދަރަޖަ ދަށްކޮށް، ކޯޓުން ކަނޑައެޅީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު އަދަބެކެވެ. މައްސަލައިގެ ބަންދުގައި އޭނާ ހޭދަކުރި 10 ދުވަސް އުނިކުރުމުން، އަޙްމަދު މޫސާ ތަންފީޒުކުރަންޖެހޭ އަދަބަކީ ހަތަރު މަހާއި 14 ދުވަހުގެ ޖަލު އަދަބެކެވެ.
މީގެއިތުރުން، މި ކުށުގެ ސަބަބުން ސީދާ ގެއްލުންވި އަންހެން މީހާއަށް 7،000 ރުފިޔާ އަދި ފިރިހެން މީހާއަށް 10،000 ރުފިޔާ 23 ސެޕްޓެމްބަރު 2026 އިން ފެށިގެން 30 ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް އަޙްމަދު މޫސާގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.