އަންހެން ކުއްޖެއްގެ އަތުން ފޭރިގަނެ، އޭނާ ސިޑިން ވައްޓާލި މީހަކަށް ފަސް މަހުގެ ޖަލު ހުކުމެއް

އަންހެނެއް މަގުމަތީގައި: އަންހެން ކުއްޖެއްގެ އަތުން ފޭރިގަނެ، އޭނާ ސިޑިން ވައްޓާލި މީހަކަށް ފަސް މަހުގެ ޖަލު ހުކުމެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭގެ ޖިމަކުން ނުކުތް އަންހެން ކުއްޖެއްގެ މޯބައިލް ފޯނު އަތުލައި، ކަރުގައި އޮތް ރިހިފަށް ކަނޑާލައި، ސިޑިން ތިރިއަށް ވައްޓާލައި އަނިޔާކުރި މީހެއްގެ މައްޗަށް ކުށް ސާބިތުވެ އޭނާ ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ހުކުމްކޮށްފައިވަނީ މ. ނާލާފުށި / ބަނަފްސާގެ، މޫސާ ނާފިޢުގެ މައްޗަށެވެ. އެ މައްސަލަ ބައްލަވައި މިދިޔަ ބުދަ ދުވަހު ހުކުމް ކުރެއްވީ ކްރިމިނަލް ކޯޓުގެ ގާޟީ މުޙައްމަދު މިޞްބާޙްއެވެ.

ދައުލަތުން ނާފިޢުގެ މައްޗަށް އުފުލި ދައުވާތަކުގައިވާ ގޮތުން، މިދިޔަ އޭޕްރިލް މަހުގެ ފަސްވަނަ ދުވަހުގެ ރޭ 20:15 ހާއިރު، ފަރީދީމަގުގައި ޖިމެއް ހިންގާ އިމާރާތުގައި ހުރި އަންހެން ކުއްޖެއްގެ މޯބައިލް ފޯނު ނާފިޢު ވަނީ އަތުލާފައެވެ. އަދި އޭނާގެ ކަރުގައި އަޅާފައި އޮތް ރިހި ފަށް ކަނޑާލައި، އަންހެން ކުއްޖާ ސިޑިން ތިރިއަށް ވައްޓާލުމުގެ ސަބަބުން އޭނާއަށް ވަނީ ތަފާތު އަނިޔާތައް ލިބިފައެވެ.

މި ހާދިސާއާ ގުޅިގެން ދައުލަތުން ނާފިޢުގެ މައްޗަށް ތިން ދައުވާއެއް އުފުލިއެވެ. އިބްތިދާއީ އަޑުއެހުމާއި އަވަސްނިޔާގެ ޝަރީއަތުގައި އޭނާ ވަނީ އެއްވެސް މަޖުބޫރުކަމެއް ނެތި، އަމިއްލަ އިޚްތިޔާރުގައި އެ ތިން ދައުވާއަށް ވެސް އިއުތިރާފުވެފައެވެ.

އޭނާ ކުށަށް އިއުތިރާފުވުމާ ގުޅިގެން، ގާނޫނުގައިވާ ގޮތުގެ މަތިން އަދަބު ލުއިކޮށްދިނުމަށްފަހު ކޯޓުން ކަނޑައެޅި އަދަބުތަކަކީ، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތުގައި ބާރު ހިންގުމުގެ ކުށުގައި ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުން، އަނިޔާއެއް ދިނުމުގެ ކުށުގައި 27 ދުވަހަށް ޖަލަށް ލުން އަދި މުދަލަށް ގެއްލުންދިނުމުގެ ކުށުގައި ހަ ދުވަހަށް ޖަލަށް ލުމެވެ.

އަދަބު ކަނޑައެޅުމުގައި ކޯޓުން ފާހަގަކުރެއްވި ގޮތުގައި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތުގައި ބާރު ހިންގުމުގެ ކުށް ނާފިޢުގެ މައްޗަށް ސާބިތުވެ، މި އަހަރު އެހެން މައްސަލައެއްގައި ވެސް އަދަބު ކަނޑައަޅައިފައިވެއެވެ. ނަމަވެސް، މި މައްސަލައިގައި އޭނާ ކުށަށް އިއުތިރާފުވެ ޝަރީއަތް އަވަސްކުރުމަށް އެއްބާރުލުން ދީފައިވާތީ ގާނޫނުލްޢުގޫބާތުގެ ދަށުން އަދަބުގެ ދަރަޖަ ވަނީ ދަށްކޮށްދީފައެވެ.

comment ކޮމެންޓް