ކުރިއަށް އޮތް މިޑް-އޮޓަމް ފެސްޓިވަލް ޗުއްޓީއާ ދިމާކޮށް ޗައިނާގެ އެކި ސަރަޙައްދުތަކަށް ކުރާ ދަތުރުތަކުގެ އަދަދު 650 މިލިއަނަށް އަރާނެ ކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ލަފާކޮށްފިއެވެ.
ބުރާސްފަތި ދުވަހުގެ މެންދުރުފަހު ސްޓޭޓް ކައުންސިލް އިންފޮމޭޝަން އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޗައިނާގެ ޓްރާންސްޕޯޓް މިނިސްޓްރީގެ ނައިބު ލީ ޔަންގް ވިދާޅުވީ، އާންމު ދުވަސްތަކާ އަޅާބަލާއިރު މި ޗުއްޓީ ތެރޭގައި ދަތުރުކުރާ މީހުންގެ އަދަދު ކުޑަކޮށް އިތުރުވާނެ ކަމަށެވެ. އަދި ގިނަ ދަތުރުތަކަކީ ޢާއިލާއާއި ރަޙްމަތްތެރިންގެ ގާތަށް ޒިޔާރަތްކުރުމަށް ކުރާ ދަތުރުތައް ކަމަށާއި، ކައިރި އަވަށްތަކަށް ކުރާ ކުރު ދަތުރުތައް ވެސް މި ދުވަސްވަރު އިތުރުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މިއީ ދުވާލަކަށް އެވްރެޖުކޮށް 220 މިލިއަން ދަތުރެވެ.
މި އަހަރުގެ ތިން ދުވަހުގެ މިޑް-އޮޓަމް ފެސްޓިވަލް ޗުއްޓީއަށްފަހު، ހަތް ދުވަހުގެ ގައުމީ ދުވަހުގެ ޗުއްޓީ އަންނާތީ، ދަތުރުފަތުރުގެ ނިޒާމަށް ބާރުބޮޑުވެ، ރައްކާތެރިކަމުގެ ގޮތުން އިތުރު ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ބެލެވެއެވެ. މިކަމާ ގުޅިގެން މިނިސްޓްރީ އޮފް އެމަޖެންސީ މެނޭޖްމަންޓުން ވަނީ ބުރާސްފަތި ދުވަހު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، ރައްކާތެރިކަމުގެ ޚާއްސަ އިރުޝާދުތަކެއް ނެރެފައެވެ.
މިނިސްޓްރީ އޮފް ޕަބްލިކް ސެކިއުރިޓީގެ ރޯޑް ޓްރެފިކް ސޭފްޓީ ރިސާޗް ސެންޓަރުގެ ޑެޕިއުޓީ ޑިރެކްޓަރު ގޮންގް ޖިއާންގުއޯ ވަނީ ސްމާޓް އަދި އިލެކްޓްރިކް އުޅަނދުފަހަރުގައި ދުރު ރާސްތާއަށް ދަތުރުކުރާއިރު ސަމާލުވާންވީ ކަންކަން ހިއްސާކުރައްވާފައެވެ. އެގޮތުން ކަރަންޓު ޚަރަދު ކުޑަކުރުމުގެ ބޭނުމުގައި މާ ލަހުން ދުއްވުމުގެ ބަދަލުގައި، ކަނޑައެޅިފައިވާ ސްޕީޑްގައި ދުއްވުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ.
މީގެއިތުރުން، އެމަޖެންސީ މެނޭޖްމަންޓް މިނިސްޓްރީގެ ތަރުޖަމާނު ޝެން ޒަންލީ ވިދާޅުވީ، ފަތުރުވެރިން ޒިޔާރަތްކުރާ ތަންތަނާއި ދަތުރުފަތުރުގެ ޚިދުމަތްދޭ ފަރާތްތަކުން މޫސުމަށާއި ކާރިސާތަކުގެ އިންޒާރުތަކަށް ވަރަށް ބޮޑަށް ސަމާލުވާންޖެހޭނެ ކަމަށެވެ. އަދި ހާލަތަށް ބަލައި މަގުތައް ބަންދުކުރުން ފަދަ އަވަސް ފިޔަވަޅުތައް އެޅުމަށް ވެސް ވަނީ އަންގާފައެވެ.
ޗައިނާގެ ކަމާބެހޭ އިދާރާތަކުން ވަނީ ދަތުރުވެރިންނާއި ޚިދުމަތްދޭ ފަރާތްތަކުން ކުރިއާލައި ދަތުރުތައް ރާވައި، ދިމާވެދާނެ ނުރައްކާތަކުން ރައްކާތެރިވެ ތިބުމަށް ގޮވާލާފައެވެ.