އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާ ގުޅޭ ހާދިސާތަކުގައި މުއާމަލާތްކުރުމަށް ދެ ގައުމުގެ ދެމެދުގައި ޚާއްސަ މުވާސަލާތީ ނިޒާމެއް ގާއިމުކުރަން އެމެރިކާއާއި ޗައިނާއިން އެއްބަސްވެއްޖެ ކަމަށް ވައިޓް ހައުސްއިން ބުނެފިއެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިންގް ވަނީ މިދިޔަ ބުދަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް އެމެރިކާއަށް ވަޑައިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލުކުރައްވައިފައެވެ.
ވައިޓް ހައުސްއިން ބުނި ގޮތުގައި އެ ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ އޭއައިގެ އިތުރުން ވިޔަފާރިއާއި އީރާނުގެ ހަނގުރާމައާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ. އަދި، އޭއައިއާ ގުޅޭ މުވާސަލާތީ ނިޒާމެއް ގާއިމުކުރަން އެއްބަސްވި ކަމަށް ވައިޓް ހައުސްއިން ބުނި ނަމަވެސް އެކަމާ ގުޅޭ ތަފުސީލެއް ނުދެއެވެ. އަދި ޗައިނާއިން މިހާތަނަށް އެކަމާ ގުޅޭ ގޮތުން އެއްޗެކޭ ބުނެފައިނުވެއެވެ.
އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ސަމިޓުގައި ބޮޑެތި ކުރިއެރުންތަކެއް ލިބިފައެއް ނުވެއެވެ. އަލްޖަޒީރާގެ ނޫސްވެރިޔާ އެލަން ފިޝާ ރިޕޯޓުކުރި ގޮތުގައި، ސަމިޓުގައި ފެނުނު ނަތީޖާއަށް ވުރެ ބޮޑަށް ރަސްމިއްޔާތުތަކުގެ ކުލަގަދަކަމެވެ. ނަމަވެސް، ނޮވެންބަރު މަހަށް ހަމަވާ، ދެ ގައުމުގެ ވިޔަފާރީގެ އެއްބަސްވުމުގެ މުއްދަތު އަންނަ ޖަނަވަރީ މަހުގެ ނިޔަލަށް އިތުރުކުރަން ދެ ގައުމުން ވަނީ ނިންމާފައެވެ.
ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން، އަންނަ އަހަރާއި 2028 ވަނަ އަހަރު އެމެރިކާއިން މަދުވެގެން 10 މިލިއަން މެޓްރިކް ޓަނުގެ ބޯޓުދެލި އެތެރެކުރުމަށް ޗައިނާއިން ވަނީ އެއްބަސްވެފައެވެ. މީގެ އިތުރުން، 30 ބިލިއަން ޑޮލަރުގެ މުދަލުން ނަގާ ޓެކްސް ކުޑަކުރުމަށާއި، އެމެރިކާގެ ޒޫއަކަށް ޗައިނާއިން ދެ ޕާންޑާ ފޮނުވުމަށް ވެސް ވަނީ ނިންމާފައެވެ.
މި ދަތުރުފުޅާ ގުޅޭގޮތުން ޓްރަމްޕް ވިދާޅުވި ގޮތުގައި، މިއީ ދެ ގައުމަށް ވެސް ވަރަށް ފައިދާހުރި ކުރިއެރުންތަކެއް ލިބުނު ދަތުރުފުޅެކެވެ. ޗައިނާގެ ރައީސް ޝީ ވިދާޅުވީ، އޭއައިގެ ދާއިރާގައި އެންމެ ކުރީގައި އުޅޭ ދެ ގައުމުގެ ހައިސިއްޔަތުން، އިންސާނިއްޔަތަށް ފައިދާހުރި ގޮތެއްގައި އޭއައި ތަރައްގީކޮށް ބެލެހެއްޓުމުގެ ގާބިލުކަމާއި ޒިންމާ ދެ ގައުމުގައި ވެސް އެބައޮތެވެ.
ޗައިނާގެ ޒިންހުއާ ނިއުސް އޭޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޓައިވާނުގެ މައްސަލައިގައި ފަރުވާތެރިކަމާއެކު އަމަލުކުރުމަށް ޝީ ވަނީ ޓްރަމްޕަށް ގޮވާލައްވާފައެވެ. މީގެ އިތުރުން މެދުއިރުމައްޗާއި ޔޫކްރެއިން އަދި ކޮރެއާ ސަރަހައްދުގެ މައްސަލަތަކާ ގުޅޭގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.
މި އަހަރުގެ ފަހުކޮޅު ޗައިނާގެ ޝެންޒެންގައި އޮންނަ އޭޕެކް ސަމިޓާއި އެމެރިކާގެ މަޔާމީގައި އޮންނަ ޖީ20 ސަމިޓުގައި ދެ ބޭފުޅުން ބައްދަލުކުރައްވާނެ ކަމަށް ވައިޓް ހައުސްއިން ބުނެފައިވެއެވެ.