މީހަކަށް އޮޅުވާލައިގެން އިންޓަނެޓް ބޭންކިން މެދުވެރިކޮށް 183,700 ރުފިޔާ އަތުލައިގަތް މައްސަލައެއްގައި، ދެ މީހެއްގެ މައްޗަށް ކުށް ސާބިތުވެ އެ ފައިސާ އަނބުރާ ދެއްކުމަށް މިދިޔަ ބުދަ ދުވަހު ކްރިމިނަލް ކޯޓުން ހުކުމްކުރިއިރު، ގެއްލުން ލިބުނު މީހާ މަރުވެފައިވާކަން ހާމަވެއްޖެއެވެ.
މި މައްސަލައިގައި ކުށް ސާބިތުވެފައިވަނީ ކ. ދިއްފުށި / ވިނަމާ، އަޙްމަދު ޢާޞިމް އާއި، ހުޅުމާލެ ހިޔާ 01-09-12، މުޙައްމަދު ހިޝާމްގެ މައްޗަށެވެ. އެ ދެ މީހުންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތުގައި ބާރު ހިންގުމުގެ ކުށުގެ ދައުވާއެވެ.
ޝަރީއަތުގެ ނިންމުމުން އެނގޭ ގޮތުގައި، 2021ވަނަ އަހަރު ތެރޭގައި ހިނގި މި މައްސަލައަކީ މި މައްސަލަ ކުރިއަށްދަނިކޮށް މަރުވެފައިވާ މީހެއްގެ އެކައުންޓުން މަކަރުވެރި ރޭވުމެއްގެ ތެރެއިން ފައިސާ ނަގާފައިވާ މައްސަލައެކެވެ.
މަރުވެފައިވާ މީހާ، ދުނިޔޭގައި ހުރިއިރު، އޭނާއާ އެއް އޮފީހެއްގައި މަސައްކަތްކުރި ހިޝާމް ވަނީ، އެ މީހާގެ ފޯނަށް ދިމާވި މައްސަލައެއް ރަނގަޅުކޮށްދިނުމުގެ ނަމުގައި ފޯނު އަތުލައި، އޭނާގެ ސެމްސަންގް ނޯޓްސްގައި ރައްކާކޮށްފައި ހުރި އިންޓަނެޓް ބޭންކިން އަދި ޖީމެއިލްގެ ޕާސްވޯޑުތަކާއި އެކައުންޓުގެ މައުލޫމާތު ހޯދާފައެވެ.
އޭގެ ފަހުން، އޮޅުވާލައިގެން ފޯނު އަތުލައި، "އިނާޔާ" ނަމަކަށް ކިޔާ އަންހެނަކު މެދުވެރިކޮށް އެ މީހާއާ ބައްދަލުކޮށް، ފޯނެއް ކޮށްލުމުގެ ނަމުގައި ފޯނު އަތުލައިގެން އޯ.ޓީ.ޕީ ކޯޑުތައް މޯބައިލް ފޯނުގެ ބަދަލުގައި ޖީމެއިލްއަށް ދާގޮތަށް ބަދަލުކުރިއެވެ. އިނާޔާ ގުޅި ނަންބަރަކީ އަޙްމަދު ޢާޞިމްގެ ނަމުގައި އޮތް ނަންބަރެކެވެ.
އޭގެ ފަހުން، މާރިޗު 20، 2021 ގައި އެ މީހާގެ އެކައުންޓުން ތިން ފަހަރެއްގެ މަތިން ޖުމްލަ 183,700 ރުފިޔާ އަމިއްލަ ކުންފުންޏެއްގެ އެކައުންޓަށް ޓްރާންސްފާ ކުރިއެވެ. އެއަށްފަހު، ޢާޞިމް މާސްކެއް އަޅައިގެން ގޮސް މަނީ އެކްސްޗޭންޖިން ވިޔަފާރިއަކުން އެ ފައިސާއަށްވާ ޑޮލަރު ނެގިއިރު، ހިޝާމް ހުރީ އެ ތަނުގެ ކައިރީގައި މަޑުކޮށްގެންނެވެ.
މި މައްސަލަ ބެއްލެވި އިސް ޤާޟީ އަދަމް މުޙައްމަދު ނިންމެވި ނިންމެވުމުގައި ފާހަގަކުރެއްވީ، އަނިޔާ ލިބުނު މީހާ، ޝަރީއަތަށް ހެކިބަސް ދިނުމުގެ ކުރިން މަރުވެފައިވީ ނަމަވެސް، އޭނާ ތަހުގީގަށް ދީފައިވާ ބަޔާނަށް ފުރިހަމަ ބުރަދަން ދެވޭ ކަމަށެވެ. އެއީ ބޭންކް ސްޓޭޓްމަންޓްތަކާއި، ފުލުހުންގެ ވީޑިއޯ އެންޑް އިމޭޖް އެނަލައިސިސް ރިޕޯޓާއި، އައިޕީ އެޑްރެސްތަކުގެ މައުލޫމާތުން އެ ބަޔާނަށް ބާރު ލިބޭތީއެވެ.
ކޯޓުން ފާހަގަކުރި ގޮތުގައި މިއީ ޓެކްނޮލޮޖީއަށް އަހުލުވެރިނޫން އުމުރުން ދުވަސްވީ މީހެއްގެ ނިކަމެތިކަމުގެ ނާޖައިޒު ފައިދާ ނަގައިގެން، ސިއްރިއްޔާތުގައި ދުރާލާ ރާވައިގެން ހިންގާފައިވާ މަކަރުވެރި ޖަރީމާއެކެވެ.
މި މައްސަލައިގައި ޢާޞިމާއި ހިޝާމް އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފައެވެ. ހިޝާމް ކޯޓަށް ހާޒިރުނުވުމުގެ ސަބަބުން ބަންދުގައި ހޭދަކުރި 48 ދުވަސް އުނިކުރުމުން، އޭނާ ތަންފީޒުކުރަންޖެހޭނީ އެއް އަހަރާއި ފަސް މަހާއި 18 ދުވަހުގެ ޖަލު އަދަބެކެވެ. ޢާޞިމް ބަންދުގައި މުއްދަތެއް ހޭދަކޮށްފައެއް ނުވެއެވެ.
މީގެ އިތުރުން ގެއްލުނު 183,700 ރުފިޔާ، ނިޔާވެފައިވާ މީހާގެ ވާރިސުންނަށް ރައްދުކޮށްދިނުމުގެ ގޮތުން، ހުކުމް ކުރި ދުވަސް ކަމަށްވާ މިދިޔަ ބުދަ ދުވަހުން ފެށިގެން ދެ އަހަރުގެ ތެރޭގައި ދައްކައި ޚަލާޞްކުރުމަށް ޢާޞިމާއި ހިޝާމްގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.