ވެބްސައިޓްތަކަށް އަންނަ އަޕްޑޭޓްތައް އަންގައިދޭ ފީޗާއެއް ސަފާރީން ތައާރަފުކޮށްފި

ވެބްސައިޓެއްގެ ކޮންޓެންޓަށް ބަދަލެއް އަތުވެއްޖެނަމަ، އެކަމުގެ ނޮޓިފިކޭޝަން ސަފާރީން މި އާ ފީޗާގެ އެހީގައި ވަގުތުން ފޮނުވައިދޭނެ ---

ވެބްސައިޓްތަކަށް އަންނަ ބަދަލުތައް އަންގައިދޭ "ނޯޓިފައި މީ" ފީޗާ ސަފާރީން ތައާރަފުކޮށްފިއެވެ.

އެޕަލްގެ އައިއޯއެސް 27 އަދި މެކްއޯއެސް 27 އޮޕަރޭޓިން ސިސްޓަމާއެކު ސަފާރީ ވެބް ބްރައުޒަރަށް "ނޯޓިފައި މީ" ގެ ނަމުގައި ތައާރަފުކުރި މި އާ މި ފީޗާގެ ސަބަބުން ވެބްސައިޓްތަކަށް އަންނަ ބަދަލުތައް ބަލައި މޮނިޓަރުކުރުމުގެ ފުރުސަތު ބޭނުންކުރާ ފަރާތްތަކަށް އެއްވެސް އިތުރު އަގަކާ ނުލައި މިހާރު ވަނީ ތަނަވަސްވެފައެވެ.

މި އާ ފީޗާގެ އެހީގައި ބޭނުންވާ ވެބްސައިޓެއްގެ ކޮންޓެންޓަށް ބަދަލެއް އަތުވެއްޖެނަމަ، އެކަމުގެ ނޮޓިފިކޭޝަން ސަފާރީން ވަގުތުން ފޮނުވައިދޭނެއެވެ. މީގެ ކުރިން ވެބްސައިޓްތައް މޮނިޓަރުކުރުމަށް ފައިސާ ދައްކައިގެން ބޭނުންކުރަންޖެހޭ ސަބްސްކްރިޕްޝަން ހިދުމަތްތަކުގެ ބަދަލުގައި، ސަފާރީގެ މި ފީޗާ މުޅިން ހިލޭ ބޭނުންކޮށްލެވޭނެއެވެ.

މި ފީޗާ މެދުވެރިކޮށް ތަފާތު ގިނަ ކަންކަން މޮނިޓަރު ކުރެވިދާނެއެވެ. އޭގެ ތެރޭގައި ސިޓީ ކައުންސިލްތަކާއި އާންމު ޖަމިއްޔާތަކުގެ ވެބްސައިޓްތަކަށް އަންނަ އާ މައުލޫމާތުތަކާއި، ގަންނަން ބޭނުންވާ ތަކެތީގެ އަގުތަކަށް އަންނަ ބަދަލުތަކާއި، ވަޒީފާގެ ފުރުސަތުތަކުގެ އެލާޓްތައް ހިމެނެއެވެ. މީގެ އިތުރުން ލަވަކިޔުންތެރިންގެ ޓުއާ ތާވަލްތަކާއި، ސޮފްޓްވެއާ އަދި ފާމްވެއާ އަޕްޑޭޓްތައް އަންނަ ގޮތް ބެލުމަށްވެސް މި ފީޗާ ބޭނުންކުރެވިދާނެއެވެ.

އައިފޯންގައި ވެސް އަދި މެކް ގައިވެސް މިސެޓަޕް ފަސޭހަކަމާއެކު ހަދާލެވޭނެ ----

އައިފޯން ނުވަތަ މެކްގައި މި ފީޗާ ސެޓްއަޕް ކުރުމުގެ މަރުހަލާ ވަރަށް އާދައިގެއެވެ. އެގޮތުން ސަފާރީ ބްރައުޒަރު ހުޅުވުމަށްފަހު މޮނިޓަރުކުރަން ބޭނުންވާ ވެބްސައިޓަށް ވަދެ، ސާޗް ބާގައިވާ ތިން ޑޮޓްގެ ނިޝާން (ޕޭޖް މެނޫ ބަޓަން) އަށް ފިތާލުމަށްފަހު "ނޯޓިފައި މީ" ނަގަންޖެހެއެވެ.

"ނޯޓިފައި މީ" އަށް ފިތާލުމުން، "ސަފާރީން ބަލަންވީ ކޮން ކަމެއް؟"ގެ ނަމުގައި ޕޮޕްއަޕް މެސެޖެއް ފެންނާނެއެވެ. އެއަށްފަހު ލިޔަންދީފައިވާ ބޮކްސްގައި، އެ ބަލަން ބޭނުންވާ ބަދަލެއްގެ ކުރު ތަފްސީލެއް ލިޔެލަންޖެހެއެވެ.

އާންމު ގޮތެއްގައި ސަފާރީން ވެބްސައިޓް މޮނިޓަރުކުރާނީ ކޮންމެ ދުވަހަކުވެސް ސެޓްއަޕް ކުރި ވަގުތުގައެވެ. ނަމަވެސް "އެޑިޓް" އަށް ފިތާލައިގެން، ވެބްސައިޓް ބަލާނެ މުއްދަތު ބަދަލުކުރެވޭނެއެވެ. އެގޮތުން ކޮންމެ ގަޑިއަކު އެއްފަހަރު، ދުވާލަކު އެއްފަހަރު، ހަފުތާއަކު އެއްފަހަރު ނުވަތަ މަހަކު އެއްފަހަރު ބަލާ ގޮތަށް ހަމަޖެއްސުމުގެ އިތުރުން، ޗެކްކުރާނެ ސީދާ ވަގުތުވެސް ކަނޑައެޅެއެވެ.

މައުލޫމާތު ފުރިހަމަކުރުމަށްފަހު، އިސްކްރީނުގެ މަތީ ކަނުގައިވާ ފާހަގަ ޖަހާފައިވާ ބޮޑު ނޫ ކުލައިގެ ބަޓަނަށް ފިތާލުމުން ސެޓިންގްސް ފުރިހަމަވާނެއެވެ. އެއަށްފަހު ބޭނުންކުރާ ފަރާތުން އެ އެލާޓް ކެންސަލް ކުރަންދެން ސަފާރީން އެ ވެބްސައިޓެއް މޮނިޓަރުކުރަމުންދާނެއެވެ.

މި ފީޗާގެ އިތުބާރު ހުރިކަން ސާބިތުވެފައިވާ އިރު، ލިއުސް ވަލޭސް ކިޔާ ލިޔުންތެރިއަކު ހާމަކުރި ގޮތުގައި އެޕަލްގެ އެއާޕޮޑްސް ފާމްވެއާ އަޕްޑޭޓް ޕޭޖް ކޮންމެ ގަޑިއަކު މޮނިޓަރުކުރަން ސެޓްކުރުމުން، އެޕަލްއިން އާ ރިލީޒް ނޯޓްސް އާންމުކުރި ވަގުތުން ވަގުތަށް އޭނާއަށް ނޮޓިފިކޭޝަން ލިބުނެވެ.

ރެޑިޓް ބޭނުންކުރާ ފަރާތެއް ކަމަށްވާ "ބްރެޑްލޭ ދަ ޑިވެލޮޕާ" ވެސް ވަނީ މިއީ އައިއޯއެސް 27 ގެ އެންމެ ކަމުދިޔަ އެއް ފީޗާގެ ގޮތުގައި ފާހަގަކޮށްފައެވެ. އޭނާ ބުނި ގޮތުގައި މެކްއޯއެސް 27 އަށް 'އޮނީއެކްސް' އެޕް އަޕްޑޭޓްވިކަން އެނގުނީވެސް މި ފީޗާގެ އެހީގައެވެ. އަދި އެޕަލް އިންޓެލިޖެންސްއަކީ އާންމު ދިރިއުޅުމުގެ ކަންކަމާ ވަރަށް ފުރިހަމައަށް ގުޅިފައިވާ ވަސީލަތެއްގެ ގޮތުގައި އޭނާ ސިފަކުރިއެވެ.

comment ކޮމެންޓް