ސްޓީވް ޖޮބްސްގެ "އެންޓެނާގޭޓް" ޕްރެސް ކޮންފަރެންސްގެ ވީޑިއޯ އަލުން އިންޓަނެޓަށް

އައިފޯން 4 ނެރުނުތާ ފުރަތަމަ ހަފްތާގައި ވެސް 1.7 މިލިއަން ޔުނިޓް ވިކުނު ---

އައިފޯން 4 ނެރުނު ދުވަސްވަރު ފޯނުގެ ސިގްނަލް ކެނޑޭ މައްސަލައާ ގުޅިގެން 2010 ވަނަ އަހަރު އެޕަލްއިން ބޭއްވި ކުއްލި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ އޭރުގެ ސީއީއޯ ސްޓީވް ޖޮބްސް ދެއްކެވި ވާހަކަފުޅުތަކުގެ ފުރިހަމަ ވީޑިއޯ، އޭގެ 16 އަހަރު ފަހުން އަލުން އިންޓަނެޓުގައި އާންމުވެއްޖެއެވެ.

"އެންޓެނާގޭޓް" މައްސަލައިގައި ބޭއްވި މި ބައްދަލުވުމުގެ ވީޑިއޯ އެޕަލްއިން ކުރިން އާންމުކޮށްފައިވީ ނަމަވެސް، އޭގައި ހިމެނެނީ 34 މިނެޓުގެ މައިގަނޑު ޕްރެޒެންޓޭޝަން އެކަންޏެވެ. ނަމަވެސް، މުޅި އިވެންޓް އިތުރު 47 މިނެޓަށް ކުރިއަށްދިޔަ އިރު، ނޫސްވެރިންގެ ސުވާލުތަކަށް ޖޮބްސް ދެއްވި ޖަވާބުތައް ހިމެނޭ ބައި މީގެ ކުރިން އާންމުންނަށް ފެނިފައެއް ނުވެއެވެ.

ޔޫޓިއުބުގައި ކުރިން އޮތް އެޕަލްގެ ރަސްމީ ވީޑިއޯއިން ޖޯނަތަން މޭންގެ "އައިފޯން 4 އެންޓެނާ ސޮންގް" އާއި ޖޮބްސްގެ ޕްރެޒެންޓޭޝަން ފެނުނު ނަމަވެސް، ސުވާލާއި ޖަވާބުގެ ސެޝަން ފެށުމާއެކު އެ ވީޑިއޯ ނިމެއެވެ. އަލުން އާންމުވި މި ވީޑިއޯއިން ފެންނަނީ މީގެ ކުރިން އުނިކޮށްފައިވާ 47 މިނެޓުގެ ސުވާލާއި ޖަވާބުގެ ބައެވެ.

މި އާ ވީޑިއޯ އިންޓަނެޓަށް އާންމުވެފައިވާކަން އެންމެ ފުރަތަމަ ފާހަގަކުރީ އޭރުގެ އެ ބައްދަލުވުމުގައި ބައިވެރިވި ޓެކްނޮލޮޖީ ލިއުންތެރިޔާ ޖޯން ގްރޫބާއެވެ. އޭނާ ފާހަގަކުރި ގޮތުގައި މި ވީޑިއޯއަކީ އެޕަލްގެ ހުއްދާއެކު އާންމުކުރި އެއްޗަކަށް ނުވާތީ، މިއީ އަނެއްކާވެސް އިންޓަނެޓުން ނަގާފާނެ ވީޑިއޯއެކެވެ.

އައިފޯން 4 ގެ ސިގްނަލް މައްސަލަ ދިމާވުމަކީ އެޕަލްއަށް ދިމާވި ބޮޑު މައްސަލައެއް ----

އައިފޯން 4 ވަކި ގޮތަކަށް ހިފަހައްޓައިގެން އުޅޭއިރު ފޯނުގެ ބޭރުގައިވާ އެންޓެނާ ބާގައި އަތްޖެހުމުން ސިގްނަލް ދަށްވާ މައްސަލައަށް ހައްލެއްގެ ގޮތުން، އެޕަލްއިން ވަނީ ކަސްޓަމަރުންނަށް ހިލޭ "ބަމްޕަރު ކޭސް" ފޯރުކޮށްދީފައެވެ. އެކަމަށްޓަކައި އެޕަލްއިން 175 މިލިއަން ޑޮލަރު ހޭދަކުރިއެވެ. މި މައްސަލައިގައި ޖޮބްސް ކުރިން ވިދާޅުވެފައިވަނީ ކަސްޓަމަރުން "ފޯނުގައި ހިފަނީ ނުބައިކޮށް" ކަމަށެވެ. މިއީ އޭރު ނޮކިއާ ފަދަ ވާދަވެރި ކުންފުނިތަކުގެ ފާޑުކިއުންތައްވެސް އެޕަލްއަށް އަމާޒުވި ކަމެކެވެ.

މި ވީޑިއޯގައި ނޫސްވެރިންގެ ސުވާލުތަކަށް ޖޯބްސް ދެއްވި ޖަވާބުތަކާއި އޭނާގެ ހިތްވަރުގަދަ އަދި ސީދާ މިޒާޖު ވަރަށް ރަނގަޅަށް ހާމަވެގެންދެއެވެ. މި މައްސަލައިގެ ސަބަބުން އެޕަލްގެ ހިއްސާގެ އަގަށް އައި ލޮޅުމާ ގުޅިގެން އިންވެސްޓަރުންގެ ކިބައިން މާފަށް އެދޭނެތޯ ނޫސްވެރިއަކު ސުވާލުކުރުމުން، ޖޮބްސް ވަނީ މާފަށް އެދެން ސީދާ އިންކާރުކުރައްވާފައެވެ. އޭނާ ވިދާޅުވީ އެޕަލްގައި އިންވެސްޓަރުން ފައިސާ އިންވެސްޓްކުރީ ކުންފުނިން ދުރު ރާސްތާގައި އީޖާދީ އުފެއްދުންތައް ނެރޭނެކަމުގެ އިތުބާރާއެކު ކަމަށާއި، މަގުމަތިން ދިމާވާ މިފަދަ ހުރަސްތަކަކީ ކުދިން ބޮޑެތިކުރުމުގައި ދިމާވާ ކަންކަން ފަދަ ކަމެއް ކަމަށެވެ. އަދި އެޕަލްގެ އެންމެ ބޮޑު ބާރަކީ ހާޑްވެއާ އެކަނި ނޫންކަމާއި، އޭގައި ހިނގާ ސޮފްޓްވެއާ ކަން ފާހަގަކުރައްވައި، ސޮފްޓްވެއާގެ ދާއިރާއިން އެޕަލްއަކީ ވަރަށް ކޮމްޕިޓެންޓް ކުންފުންޏެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ޖޮބްސް ވަނީ ސިގްނަލް ބާރުމިން ދައްކައިދޭ ބާތައް ގުނާ ގޮތަށް ބަދަލު ގެނެސްގެންވެސް މި މައްސަލައަށް ހައްލެއް ހޯދިދާނެ ކަމަށް އިޝާރާތް ކުރައްވާފައެވެ. އަދި އޭގެ ފަހުން ނެރުނު ސޮފްޓްވެއާ އަޕްޑޭޓުގައި އެކަން އެގޮތަށް ކުރިއެވެ. ނަމަވެސް، 2025 ވަނަ އަހަރާ ހަމައަށް އައިއިރު، ޑިވެލޮޕަރަކު ވަނީ އައިފޯން 4 ގެ ސިގްނަލް ދަށްވާ ހަގީގީ ސަބަބު ހޯދާފައެވެ. އޭގެއިން އެނގުނު ގޮތުގައި ސްޓީވް ޖޮބްސްގެ "ނުބައިކޮށް ހިފެނީ" ކަމަށް ބުނި ބުނުމަކީ ނުބައި ބުނުމެކެވެ.

comment ކޮމެންޓް