މާޒިޔާގެ އެސިސްޓެންޓް ކޯޗު ސުޒެއިރު 15,000 ރުފިޔާއިން ޖޫރިމަނާކޮށް 10 މެޗަށް ސަސްޕެންޑްކޮށްފި

މާޒިޔާގެ އެސިސްޓަންޓް ކޯޗު އަޙްމަދު ސުޒެއިރު-- ފޮޓޯ: އެފްއޭއެމް

ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބައްދަލުކުރި މެޗުގައި ކުޅިވަރުގެ ރޫހާ ޚިލާފު ހަމަނުޖެހުންތަކެއް ހިންގި މައްސަލައިގައި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ އެސިސްޓެންޓް ކޯޗު އަޙްމަދު ސުޒެއިރަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޑިސިޕްލިނަރީ ކޮމިޓީން ބޮޑު އަދަބެއް ދީފިއެވެ.

އެފްއޭއެމުން މިއަދު އިޢުލާނުކުރި ނިންމުމުގައިވާ ގޮތުން، އެފްއޭއެމްގެ ޑިސިޕްލިނަރީ ކޯޑުގެ 34 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ސުޒެއިރު ވަނީ 15,000 (ފަނަރަ ހާސް) ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. އޭގެ އިތުރުން ކުރިއަށް އޮތް 10 މެޗަށް އޭނާ ސަސްޕެންޑް ކުރުމަށްވެސް ކޮމިޓީން ވަނީ ނިންމާފައެވެ. މީގެ އިތުރުން މައްސަލަ އެޕީލްކުރުމުގެ ފުރުސަތުވެސް އޭނާއަށް ވަނީ ދީފައެވެ.

މިމަހުގެ 17 ވަނަ ދުވަހުގެރޭ ގަލޮޅު ދަނޑުގައި ކުޅުނު މެޗުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން މެޗުގެ 68 ވަނަ މިނެޓުގައި މާޒިޔާގެ ކުޅުންތެރިޔާ ޢަބްދުﷲ ލޫތަށް، ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ އިބްރާޙީމް މައިސާން ފައުލްކުރުމާ ގުޅިގެންނެވެ.

މި ހަމަނުޖެހުންތަކުގެ ތެރެއިން ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯތަކުން ފެންނަ ގޮތުގައި، މާޒިޔާގެ އެސިސްޓެންޓް ކޯޗު ސުޒެއިރު، ނިއުރޭޑިއަންޓުގެ އެސިސްޓެންޓް ކޯޗު ލޫސިއާނޯގެ މޫނުމަތީގައި ޖަހާތަން ފެނެއެވެ.

މި ހާދިސާއާ ގުޅިގެން ނިއުރޭޑިއަންޓުން ނެރުނު ރަސްމީ ބަޔާނެއްގައި ސުޒެއިރުގެ މި އަމަލު ވަރަށް ބޮޑަށް ކުށްވެރިކޮށްފައިވެއެވެ. އަދި ނިއުއިން މައްސަލަ ފުލުހަށް ހުށައެޅި ނަމަވެސް މިއަދު އެ ކުލަބުން ވަނީ މައްސަލަ އަނބުރާ ނަގާފައެވެ.

comment ކޮމެންޓް