އަމާޒަކީ އަންނަ އަހަރުގެ މެއި މަހާ ހަމައަށް ކުރަނގި އޮޕަރޭޝަން ނިންމައި، ބިދޭސީންގެ މައްސަލަ ހައްލުކުރުން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިރޭ ވިދާޅުވެއްޖެއެވެ.
އަހާ ފޯރަމްގައި މީހަކު ކުރި ސުވާލަކަށް ޖަވާބުދެމުން މިނިސްޓަރު އިހުސާން ވަނީ، ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ފެށި ކުރަނގި އޮޕަރޭޝަންގެ ތަފުސީލުތަކެއް ދެއްވާފައެވެ.
މިގޮތުން، ސަރުކާރު ހަވާލުވި އިރު، 295،000 ބިދޭސީންގެ ރެކޯޑު އޮތްއިރު، އޭގެތެރެއިން 22،000 މީހުންގެ ފެންނަން އޮތީ ފޮޓޯ އައިޑީއާއި ފިންގަޕްރިންޓު ކަމަށް އިހުސާން ވިދާޅުވިއެވެ. އެހެންވެ، ބާކީ ތިބި 270،000 މީހުންނަކީ، އައިޑީއެއް ނެތި ފެނިއްޖެނަމަ ވަކިކުރަން ދައުލަތަށް ނޭނގޭ މީހުންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ގަވާއިދާ ޚިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިންގި ރެއިޑް އޮޕަރޭޝަނެއްގެ ތެރެއިން: އިހުސާން ވިދާޅުވީ، އަމާޒަކީ އަންނަ އަހަރުގެ މެއި މަހާ ހަމައަށް ބިދޭސީންގެ މައްސަލަ ހައްލުކުރުން ކަމަށް --- ފޮޓޯ: އިމިގްރޭޝަން ކުރަނގި އޮޕަރޭޝަނުގެ ފުރަތަމަ ފިޔަވަހީގެ ތެރެއިން ބެލީ، ރާއްޖޭގައި ތިބީ ކިހާ އަދަދެއްގެ ބިދޭސީންތޯއާއި އެ މީހުން އައިޑެންޓިފައި ކުރެވޭނެ ގޮތަށް ކަންކަން ތަރުތީބު ކުރުމަށް އިހުސާން ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، އެ އޮޕަރޭޝަނުގެ ތެރެއިން ކުރެވުނު މަސައްކަތުން ރާއްޖޭގައި މި ވަގުތު ތިބި 263،000އެއްހާ ބިދޭސީންގެ މައުލޫމާތު ވަނީ ޔަގީންކުރެވިފައެވެ. އެ މީހުންގެ ތެރެއިން 95 އިންސައްތަ މީހުންނަކީ ރާއްޖޭގައި ތިބި މީހުން ކަމަށްވާއިރު، ހަތަރު އިންސައްތަ މީހުން މި ވަގުތު ރާއްޖެއަކު ނެތެވެ.
މިނިސްޓަރު ވިދާޅުވީ، އެއް ޕަސެންޓު ބިދޭސީންގެ މައުލޫމާތު ނުނެގޭ ގައުމުތަކަށް އޮތީ، ރާއްޖެއާއި ޔޫއޭއީއާއި ސިންގަޕޫރު ކަމަށެވެ.
ކުރަނގި އޮޕަރޭޝަނުގެ ދެވަނަ ފިޔަވަހީގެ ތެރެއިން ކުރަނީ ގަވައިދާ ޚިލާފަށާއި ގަވައިދާ އެއްގޮތަށް އުޅޭ ބިދޭސީން ވަކިކޮށް، ހައްޔަރުކުރުމުގެ މަސައްކަތެވެ.
އިމިގްރޭޝަނުން ހުޅުމާލޭގެ ގަރާޖުތަކުގައި ހިންގި އޮޕަރޭޝަނުގައި ބިދޭސީން ތަކެއް އަތުލައިގަތުން.. ފޮޓޯ/ އިމިގްރޭޝަންއިހުސާން ވަނީ، ކުރަނގި އޮޕަރޭޝަން ނިންމޭނެ ތާރީޚެއް އިއުލާނުކުރައްވާފައެވެ.
"އަޅުގަނޑުމެންގެ ޓާގެޓަކީ އަންނަ އަހަރުގެ މެއި މަހާ ހަމައަށް ދާންވާއިރަށް މި އޮޕަރޭޝަން އެއްކޮށް ނިންމާލެވޭއިރުގައި ރާއްޖޭގެ ބިދޭސީންގެ އާބާދީ ތިބޭނީ ބޭރު ދުނިޔޭގެ ކުރިއަރާފައިވާ މިފަދަ ގޮތަކަށް މި ކަން ކުރާ ގައުމުތަކުގައި ބަލައިގަންނަ މިންގަނޑަކަށް އެ މައްސަލަ ހައްލުކުރެވިފައި އޮތުން. އަޅުގަނޑުމެން މި ބަލަނީ 100 ޕަސެންޓު އެޗީވްކުރަން" އިހުސާން ވިދާޅުވިއެވެ.
ފާހަގަކުރެވޭ ގޮތުގައި، ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެ ކަމުގެ ތެރެއިން، ގަވައިދާ ޚިލާފަށް އުޅޭ މީހުން ހޯދައި، އެ މީހުން ޑީޕޯޓުކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.