އައްޑުއާއި ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ ޚިދުމަތް ދޭން އެމްޑަބްލިއުއެސްސީއަށް

ފުވައްމުލަކާއި އައްޑޫގެ ފެނާއި ނަރުދަމާގެ ހިދުމަތާ އެމްޑަބްލިއުއެސްސީން ހަވާލުވުމުގެ އެއްބަސްވުމުގައި ސޮއިކުރުން.. ފޮޓޯ/ އެމްޑަބްލިއުއެސްސީ

ފެނުގެ ޚިދުމަތް ދިނުމުގައި ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވާ އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ ފެނާއި ނަރުދަމާގެ ޚިދުމަތް، މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އަށް ބަދަލުކުރުމުގެ ފްރޭމްވޯކް އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މިކަމަށްޓަކައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީއެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފް ހަސަންއެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު އެމްޑަބްލިއުއެސްސީގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވީ، އަންނަ މަހުގެ 13 ގެ ކުރިން ޚިދުމަތް ބަދަލުކުރުމުގެ މަސައްކަތްތައް ނިންމައި، ފުވައްމުލަކާއި އައްޑޫގައި ފެނާއި ނަރުދަމާގެ ޚިދުމަތް އެ ކުންފުނިން ދޭން ފަށާނެ ކަމަށެވެ.

މިއީ ސަރުކާރުގެ ޚަރަދު ކުޑަކޮށް ކުންފުނިތައް ހިންގުން ހަރުދަނާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ނިންމެވުމުގެ ދަށުން ކުރިއަށްދާ މަސައްކަތެކެވެ.

ފުވައްމުލަކާއި އައްޑޫގެ ފެނާއި ނަރުދަމާގެ ހިދުމަތާ އެމްޑަބްލިއުއެސްސީން ހަވާލުވުމުގެ އެއްބަސްވުމުގައި އެ ކުންފުނީގެ އެމްޑީ ފަހުމީ މިއަދު ސޮއިކުރައްވަނީ... ފޮޓޯ/ އެމްޑަބްލިއުއެސްސީ

ފެނަކައިގެ އެމްޑީ އަފީފް ވިދާޅުވީ ޚިދުމަތްތައް ބަދަލުކުރުމުގެ މަސައްކަތް ދެ ކުންފުނި ގުޅިގެން ވަރަށް ބޮޑަށް ކުރިއަށްދާ ކަމަށެވެ. އަދި "މި އެއްބަސްވުމުގެ ދަށުން ދެބައި މީހުން ސައިޓްތަކަށް ޒިޔާރަތް ކުރުމާއި ސައިޓްތައް ބެއްލެވުމާއި ސާވޭ ކުރެއްވުމާއި މިހެން ގޮސް ބައިވަރު ކަންކަން އަދި ހަމަޖެހިގެންދާނެ" ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު ފެނަކައިން ދިން ޚިދުމަތަށް ވުރެ ރަނގަޅަށް އެމްޑަބްލިއުއެސްސީން މި ޚިދުމަތް ފޯރުކޮށްދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ފަހުމީ ވިދާޅުވިއެވެ.

ރާއްޖޭގެ ދެ ވަނައަށް އެންމެ ބޮޑު އާބާދީ އޮންނަ އައްޑުއާއި 10،000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ފުވައްމުލަކުގައި ފެނުގެ ޚިދުމަތް މެދުކެނޑުމާއި ބޯން ބޭނުންކުރާ ފެން ނުސާފުވުމުގެ މައްސަލަތައް ބޮޑުވެ، މިދިޔަ ނޮވެމްބަރު މަހު ފުވައްމުލަކުގެ ފެން ބިލުތައް ވެސް މައާފުކޮށްދީފައިވެއެވެ.

ފުވައްމުލަކާއި އައްޑޫގެ ފެނާއި ނަރުދަމާގެ ހިދުމަތާ އެމްޑަބްލިއުއެސްސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި އެ ކުންފުނީގެ އެމްޑީ އަފީފް މިއަދު ސޮއިކުރައްވަނީ.... ފޮޓޯ/ އެމްޑަބްލިޔުއެސްސީ

ސަރުކާރުން މިހާރު ވަނީ ފެނަކަ އުވާލައި، އެ ކުންފުނީގެ ދަށުގައިވާ ކަރަންޓުގެ ހުރިހާ ޚިދުމަތެއް ސްޓެލްކޯއާ އަދި ފެނުގެ މަސައްކަތްތައް އެމްޑަބްލިއުއެސްސީއާ ހަވާލުކުރަން ނިންމައިފައެވެ.

comment ކޮމެންޓް