އަމިއްލަ މަރުކަޒުތަކުން ހިލޭ ޑިގްރީއަށް ކިޔަވާ ދަރިވަރުން އަމިއްލައަށް ކުރަން ޖެހޭ ޚަރަދު އިތުރުވަމުން އަންނަކަން އޮޑިޓު ރިޕޯޓަކުން ހާމަވެއްޖެއެވެ.
އޮޑިޓު އޮފީހުން އާންމުކުރި ރިޕޯޓުގައި ވަނީ، ހިލޭ ޑިގްރީ ސްކީމުގެ ދަށުން ދަރިވަރުން ކިޔަވަމުން ދިޔަ ކަމަށްވީ ނަމަވެސް މަތީ ތައުލީމު ހާސިލުކުރުމަށް ދަރިވަރުން އަމިއްލައަށް ކުރަން ޖެހޭ ޚަރަދު އިތުރުވަމުންދާ ކަމަށެވެ. އެއީ، އަމިއްލަ މަރުކަޒުތަކުން ހިންގާ ޕްރޮގްރާމު ފީތަކަށް ބަދަލު އައިސްފައިވާތީ ކަމަށް އޮޑިޓު ރިޕޯޓުގައި ފާހަގަކުރިއެވެ.
އޮޑިޓު އޮފީހުން ވަނީ، 2019އިން 2024ގެ ނިޔަލަށް ޑިގްރީ ފެންވަރަށް ކިޔަވަދޭ 104 ޕްރޮގްރާމް ފީތަކަށް އަމިއްލަ ހަ މަރުކަޒަކުން ގެނެސްފައިވާ ބަދަލުތައް ބަލާފައެވެ. އެގޮތުން، 2019ގައި ޕްރޮގްރާމް ފީގެ ގޮތުގައި 60،000 ރުފިޔާއަށް ވުރެ އިތުރަށް ދަރިވަރުން ޚަރަދުކުރަން ޖެހުނެވެ. އެ ޕްރޮގްރާމުތަކުގެ އިންސައްތަ އެ އަހަރު ހުރީ 15 ޕަސެންޓުގައެވެ.
އެކަމަކު، 2020ގައި ޕަސެންޓެއް އިތުރުވުމަށްފަހު، 2021ފައި 18 ޕަސެންޓު ޕްރޮގްރާމުތަކަށް ދަރިވަރުން އަމިއްލައަށް 60،000އަށް ވުރެ ގިނައިން ރުފިޔާ ޚަރަދުކުރަން ޖެހުނެވެ. ޖެހިގެން އައި 2022ގައި އެ އިންސައްތަ ހުރީ 42އަށް އުފުލިފައެވެ.
އެއަށްފަހު، 2023ގައި ދަރިވަރުން އަމިއްލަ މަރުކަޒުތަކުން ހިލޭ ޑިގްރީއަށް ކިޔަވަން ދަރިވަރުންގެ އަމިއްލަ ޖީބުން 50 އިންސައްތަ ޕްރޮގްރާމުތަކަށް ޚަރަދުކުރަން ޖެހުނެވެ. ނަމަވެސް، ޖެހިގެން އައި 2023ގައި އެ އަދަދު ހުރީ 46 ޕަސެންޓަށް ދަށްވެފައެވެ.
އޮޑިޓުގައި ފާހަގަކުރި ގޮތުގައި، ފުރަތަމަ ޑިގްރީ ސްކީމު އުސޫލުގައި ހިލޭ ޑިގްރީއަށް ކިޔަވައިދޭން ޚަރަދުކުރާނީ ދަރިވަރުގެ ޕްރޮގްރާމް ފީއަށެވެ. މިގޮތުން، ސަރުކާރުން ޚަރަދުކުރާނީ، އެ ފީ ދިނުމަށް ނިންމައި، އާންމުކޮށްފައިވާ ދާއިރާތަކަށް ކަނޑައަޅާފައިވާ ދާއިރާތަކަށެވެ. އެއަށް ވުރެ އިތުރަށް ހިނގާ ޚަރަދެއް ހަމަޖައްސަން ޖެހެނީ، ދަރިވަރުން އަމިއްލައަށެވެ.
މީގެއިތުރުން، 2019 އިން 2024ގެ ނިޔަލަށް ހިލޭ ޑިގްރީ ސްކީމުގެ ދަށުން 16،388 ދަރިވަރުންގެ ކިޔެވުމަށް 835 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އެކަމަކު، ޑިގްރީ ހާސިލުކުރި ދަރިވަރުންގެ އަދަދު އެނގޭނެހެން މައުލޫމާތު ބަލަހައްޓާފައިނުވާކަން އޮޑިޓުގައި ވަނީ ފާހަގަކޮށްފައެވެ.