ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ދޭންޖެހޭ ސާވިސް ޗާޖު، ވަޒީފާ ދޭ ފަރާތުން ރުފިޔާއަށް މާރުކުރުން ހުއްޓުވައި، އެ ފައިސާ މުވައްޒަފުންނަށް ޑޮލަރުން ނުވަތަ ފަތުރުވެރިންގެ އަތުން ނެގި ބާވަތަކުން ދޭން ލާޒިމްކުރާ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގައި މިއަދު އެދިއްޖެއެވެ.
މިކަމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ސިޓީއެއް ފޮނުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ)އެވެ.
އެ ސިޓީގައި މެންބަރު ފާހަގަކުރައްވާފައި ވަނީ، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އެތައް މުވައްޒަފުންނަކަށް ލިބެންޖެހޭ ސާވިސް ޗާޖުގެ ހައްގު އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުމަށް ހުރަސް އެޅޭތީ މުވައްޒަފުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ކަމަށެވެ. އަދި މިއީ އެތައް ހާސް ދިވެހި މުވައްޒަފުންގެ ހައްގާ ގުޅިފައިވާ މުހިންމު ކަމަކަށް ވާތީ، ކޮމެޓީ މަރުހަލާގައި ވީހާ ވެސް އަވަހަކަށް މި ބިލުގެ މަސައްކަތް ކުރިއަށް ގެންގޮސް މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމައިދިނުމަށް އެ ސިޓީގައި ވަނީ އެދިވަޑައިގެންފައެވެ.
އިދިކޮޅު އެމްޑީޕީގެ ފަރާތުން ކެންދޫ ދާއިރާގެ މެންބަރު އަދި މޯލްޑިވްސް ޓްރޭޑް ޔުނިއަން ކޮންގްރެސް (އެމްޓީޔޫސީ) ގެ ރައީސް މައުރޫފް ޒާކިރު ހުށަހެޅުއްވި މި އިސްލާހުގައި ބަޔާންކޮށްފައި ވަނީ، ސާވިސް ޗާޖުގެ ގޮތުގައި ނަގާ ފައިސާގެ ތެރެއިން މުވައްޒަފުންނަށް ބަހަންޖެހޭ ބައި ދިވެހި ރުފިޔާއަށް މާރުނުކުރެވޭނެ ކަމަށެވެ. އަދި ސާވިސް ޗާޖު މުވައްޒަފުންނަށް ދޭންވާނީ އެ ވިޔަފާރިއަކަށް ސާވިސް ޗާޖު ލިބުނު ބާވަތަކުން ކަމަށް ކަނޑައެޅުމަށް ވެސް ހުށަހަޅާފައިވެއެވެ.
މީގެ އިތުރުން ފަތުރުވެރިކަމުގެ ސިނާއަތުގައި ހިންގާ ވިޔަފާރިތަކުގައި ވަގުތީ އެއްބަސްވުމެއްގެ ދަށުން ނުވަތަ ތިންވަނަ ފަރާތެއް މެދުވެރިކޮށް މަސައްކަތްކުރާ މުވައްޒަފުންނަށް ވެސް ސާވިސް ޗާޖު ދިނުމުގައި ތަފާތުކުރުމެއް ނެތި ހަމަހަމަކަމާ އެކު ދިނުން މި އިސްލާހުން ލާޒިމްކުރެއެވެ.
ވަޒީފާއާ ބެހޭ ގާނޫނު މިހާރު އޮންނަ ގޮތުން ފަތުރުވެރިކަމުގެ ހިދުމަތްތަކުން 10 އިންސައްތަ އަށް ވުރެ މަދު ނޫން އަދަދަކުން ސާވިސް ޗާޖު ނަގައި، އެއް އިންސައްތަ އިދާރީ ފީއެއް ކެނޑުމަށް ފަހު ބާކީ ބައި ހުރިހާ މުވައްޒަފުންނަށް ހަމަހަމައަށް ބަހަން ޖެހެއެވެ.
ނަމަވެސް ޑޮލަރުން ފައިސާ ނެގުމަށް ފަހު މުވައްޒަފުންނަށް ރުފިޔާއިން ސާވިސް ޗާޖު ދޭ މައްސަލައިގައި ގިނަ ބައެއްގެ ޝަކުވާ ވަނީ އުފެދިފަ އެވެ. ހާއްސަކޮށް، ރިސޯޓުތަކުން އެމްއެމްއޭ އަދި ބޭންކުތަކަށް ވަކި އަދަދަކަށް ޑޮލަރު މާރުކުރަން ލާޒިމްކުރި ފަހުން މި ކަންބޮޑުވުންތައް ވަނީ އިތުރަށް ބޮޑުވެފައެވެ.
މި ބިލުގެ ފުރަތަމަ ކިޔުން ފެބްރުއަރީ މަހު އިއްވުމަށް ފަހު، މިދިޔަ އޭޕްރީލް މަހުގެ 22 ވަނަ ދުވަހު މަޖިލީހަށް ބަލައިގަތީ 67 މެންބަރުންގެ ވޯޓުންނެވެ. މި ބިލު މިހާރު އޮތީ އިތުރަށް ދިރާސާކުރުމަށްޓަކައި މަޖިލީހުގެ ކޮމެޓީއަށް ފޮނުވާފައެވެ.