އައިފޯން 18 ޕްރޯ މެކްސްއަށްވުރެ ސާފުކޮށް ހަނދުގެ ފޮޓޯ ނެގޭ އޯނާ މެޖިކް 9 ޕްރޯ މެކްސް ނެރެނީ

އޯނާގެ އެންމެ ފަހުގެ މިފޯނު އިޝްތިހާރު ކުރާތާ ދުވަސްކޮޅެއް ވެއްޖެ ---

އައިފޯން 18 ޕްރޯ މެކްސް އަށްވެސް ނުނެގޭވަރުގެ ސާފުކޮށް ހަނދުގެ ފޮޓޯ ނެގޭ އޯނާ މެޖިކް 9 ޕްރޯ މެކްސް ނެރެން ތައްޔާރުވެއްޖެއެވެ.

ސްމާޓްފޯން ކެމެރާގެ ވާދަވެރިކަން ބޮޑުވެފައިވާ މި ދަނޑިވަޅުގައި، އައިފޯން 18 ޕްރޯ މެކްސް އަށްވެސް ނުނެގޭފަދަ ސާފު ހަނދުގެ ފޮޓޯތައް ނެގޭނެ ކަމަށް ބުނެ އޯނާ ކުންފުނީގެ އެންމެ ފަހުގެ ފްލެގްޝިޕް ފޯން "އޯނާ މެޖިކް 9 ޕްރޯ މެކްސް" އިޝްތިހާރު ކުރާތާ ދުވަސްކޮޅެއް ވެއްޖެއެވެ.

ސެޕްޓެމްބަރު 28 ގައި (މާދަމާ) ރަސްމީކޮށް ދައްކާލުމަށް ހަމަޖެހިފައިވާ މި ފޯނާއެކު، ޓެލެސްކޯޕަކާ ވާދަކޮށްލެވޭ ފަދަ ކެމެރާ އެކްސެސަރީ ސެޓެއް ކަމަށްވާ "ފޮޓޯގްރަފީ މާސްޓާ ކިޓް" ވަނީ ތައާރަފުކޮށްފައެވެ.

ޗައިނާގެ ވީބޯ މީޑިއާގައި އޯނާއިން ހިއްސާކުރި މި ކެމެރާ ކިޓުގައި މައި ކެމެރާއަށް ގުޅާލެވޭ ދެ ޓެލެފޮޓޯ ކޮންވާޓާ ލެންސް ހިމެނެއެވެ. އޭގެ ތެރޭގައި ފަސޭހައިން ގެންގުޅެވޭ 200 މިލިމީޓަރުގެ "އޯނާ ތަމްބް" ލެންސާއި، ބޮޑު 500 މިލިމީޓަރުގެ "އޯނާ ޖަޔަންޓް ކެނަން" ލެންސް ހިމެނެއެވެ. މި ކެމެރާ ކިޓް ބޭނުންކޮށްގެން ނަގާފައިވާ ޚަރީފު މޫސުމުގެ ހަނދުގެ ފޮޓޯތަކާއެކު އޯނާއިން ވަނީ "މިވަރު އެހެން ބަޔަކަށް ކުރެވޭނެހޭ؟" ބުނެ އެހެން ކުންފުނިތަކަށް ގޮންޖަހާފައެވެ.

ލީކުވެފައިވާ މައުލޫމާތުތަކަށް ބަލާއިރު، "ޕްރޯ މެކްސް" ނަން ބޭނުންކުރާ އޯނާގެ ފުރަތަމަ ފޯނު ކަމަށްވާ މެޖިކް 9 ޕްރޯ މެކްސްއަކީ ވަރުގަދަ ސްޕެސިފިކޭޝަންތަކެއް އެކުލެވިގެންވާ ފޯނެކެވެ. މި ފޯނުގައި 2 ނެނޯމީޓަރުގެ ސްނެޕްޑްރެގަން 8 އެލީޓް ޖެން 6 ޗިޕްސެޓް ހިމެނޭއިރު، ފޯނު ހޫނުވިޔަނުދީ ހިފެހެއްޓުމަށް އެކުލެވިގެންވާ އެކްޓިވް ފޭނެއް ހިމަނާފައިވެއެވެ. އަދި ބެޓެރީގެ ގޮތުގައި 8,800 އެމްއޭއެޗްގެ ބޮޑު ސިލިކަން-ކާބަން ބެޓެރީއެއް ބޭނުންކޮށްފައިވެއެވެ.

މި ފޯނުގެ ކެމެރާ ސިސްޓަމަށް ބަލާއިރު، އޭއާރްއާރްއައި ސިނެމާ އޮޕްޓިކްސްއާއެކު ޓިއުންކޮށްފައިވާ ޑުއަލް 200 މެގާޕިކްސެލްގެ ކެމެރާ ސެޓަޕެއް ހިމެނެއެވެ. ފޯނުގެ އިސްކުރީނުގައި ހިމެނެނީ 120 ހާޓްޒް ރިފްރެޝް ރޭޓާއި 1320 x 2868 ޕިކްސެލްގެ ރެޒޮލިއުޝަން އެކުލެވޭ 6.8 އިންޗީގެ އެލްޓީޕީއޯ އޯއެލްއީޑީ ޑިސްޕްލޭއެކެވެ. މީގެ އިތުރުން 12 ޖީބީ ނުވަތަ 16 ޖީބީގެ އެލްޕީޑީޑީއާރް5އެކްސް ރޭމްއާއެކު، 256 ޖީބީން ފެށިގެން 1 ޓީބީއާ ހަމައަށް ޔޫއެފްއެސް 4.1 ސްޓޯރޭޖް އޮޕްޝަންތައް ލިބެން ހުންނާނެއެވެ.

ސްމާޓްފޯން ކެމެރާ ސެންސަރުތަކުގެ ސައިޒު ބޮޑުކުރުމުގައި ވާދަވެރިކަން އިތުރުވެފައިވާއިރު، އަލި އެތެރެކުރުމާއި އޮޕްޓިކަލް ކޮލިޓީ ރަނގަޅުކުރުމަށް ކުންފުނިތަކުން މިހާރު އިސްކަންދެނީ ލެންސްތަކަށެވެ. މީގެ ކުރިން ވިވޯގެ އެކްސް500 އަދި ޝައޯމީ ފަދަ ކުންފުނިތަކުންވެސް ވަނީ މިފަދަ އެކްސްޓާނަލް ކެމެރާ ކިޓްތަކާއި މޮޑިއުލާ ސިސްޓަމްތައް ތައާރަފުކުރަން ފަށާފައެވެ.

ނަމަވެސް، މިފަދަ ކެމެރާ ކިޓްތަކުގެ ސަބަބުން ކެމެރާގެ ފެންވަރު ރަނގަޅުވި ނަމަވެސް، ބައެއް ގޮންޖެހުންތައް އެބަހުއްޓެވެ. އެގޮތުން މިފަދަ އެކްސެސަރީތަކަށް އިތުރަށް 200 އާއި 400 ޑޮލަރާ ދެމެދުގެ އަގެއް ހޭދަކުރަންޖެހުމާއި، ސައިޒު ބޮޑުވެގެން ގެންގުޅެން އުނދަގޫވުމުގެ އިތުރުން ވަކި ދަބަހެއްގައި އުފުލަންޖެހުން ހިމެނެއެވެ. މިފަދަ ކެމެރާ ކިޓްތަކަކީ ސްމާޓްފޯން ފޮޓޯގްރަފީގެ މުސްތަގުބަލު ކަމެއް ނުވަތަ ވަގުތީ އުކުޅެއް ކަމެއް އަދި ސާފެއް ނުވެއެވެ.

comment ކޮމެންޓް