ގޮތް ހުސްވެފައި ތިބި އެޕާޓްމަންޓުވެރީންގެ ފަރާތުން ކޭޕާކް މައްސަލަ ސިވިލް ކޯޓަށް

ހުޅުމާލޭގައި އަޅަމުން އަންނަ "ކޭ-ޕާކް ރެސިޑެންސް"ގެ ކުރެހުމެއް ---- ފޮޓޯ: ކޭ ޕާކް ރެސިޑެންސް

ހުޅުމާލޭގައި ތަރައްގީކުރަން ފަށައި ހުއްޓިފައި އޮތް ކޭޕާކް ރެޒިޑެންސްއިން އެޕާޓްމަންޓް ގަތް ގިނަ އަދަދެއްގެ މީހުންނަށް ލިބުނު ބޮޑެތި ގެއްލުންތަކަށް އިންސާފު ހޯދުމަށްޓަކައި، ގޮތް ހުސްވެފައި ތިބި އެޕާޓްމަންޓްވެރިންގެ ފަރާތުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފިއެވެ.

ގެއްލުން ލިބުނު ފަރާތްތައް ތަމްސީލުކުރާ އެޑްވޮކެސީ ޗެމްބާޒްގެ ފަރާތުން ވަކީލް ހަސަން ފަލާހު "ސަން" އަށް ވިދާޅުވީ، މި މައްސަލަ މިހާރު ސިވިލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ކޯޓަށް މި މައްސަލަ ހުށަހެޅި ނަމަވެސް، އެންމެ ބޮޑު އުންމީދަކީ ދައުލަތުގެ ފަރާތުން މި ކަމުގައި ގެއްލުން ލިބުނު ރައްޔިތުންނަށް އެދެވޭ އަވަސް ހައްލެއް ހޯދައިދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެޑްވޮކަސީ ޗެމްބާސްއިން ބުނި ގޮތުގައި، ކޭޕާކު ޕްރޮޖެކްޓާ ގުޅިގެން އުފެދިފައިވާ މައްސަލަތަކަށް ހައްލެއް ހޯދުމަށް ކުރާ މަސައްކަތްތަކަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެއްވެސް އެއްބާރުލުމެއް ނުދެއެވެ. މި ސަބަބާ ހުރެ އެޕާޓުމަންޓުތައް ގަތް މީހުން ހުށަހަޅާފައި ހުރި އެއްވެސް މައްސަލައަކަށް މިހާތަނަށް އެއްވެސް ކުރިއެރުމެއް އައިސްފައެއް ނުވެއެވެ.

މީގެ އިތުރުން، އެ ލޯ ފާމުން ތަމްސީލުކުރާ "ކޭޕާކް ވިކްޓިމްސް" ގެ ފަރާތުން އެ ތަން ތަރައްގީކުރި ޑިވެލޮޕަރާ ބައްދަލުކޮށްގެން މައްސަލަ ހައްލުކުރަން މަސައްކަތް ކުރި ނަމަވެސް، އެ ކުންފުނި މިހާރު ވުޖޫދުން ގެއްލިފައިވާތީ މުއާމަލާތް ކުރެވޭނެ ހުރިހާ މަގެއް ބަންދުވެފައިވާ ކަމަށްވެސް އެ ލޯފާމުން ފާހަގަކުރިއެވެ.

މި އިމާރާތް ތަރައްގީކުރުމުގެ މަސައްކަތް ފުރަތަމަ ހަވާލުކުރިއިރު އާންމުވެފައި އޮތީ އެއީ ދެކުނު ކޮރެއާގެ ކުންފުންޏެއް ކަމަށެވެ. ނަމަވެސް ފަހުން ހާމަވި ގޮތުގައި އެ ހުރިހާ ކަމެއް ހިނގާފައިވަނީ ބޮޑު އޮޅުވާލުމެއްގެ ތެރެއިންނެވެ. މި ބޮޑު ޖަރީމާ ހިންގާފައިވަނީ ހަންބޯ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) އެވެ. އޭނާ ވަނީ އެތައް ބަޔަކަށް އޮޅުވާލައިގެން އެޕާޓުމަންޓުތައް ވިއްކައި، ބައެއް ޔުނިޓުތައް އެއްފަހަރާ ދެތިން މީހުންނަށް ވެސް ވިއްކާފައެވެ.

ކޭޕާކު އެޕާޓުމަންޓުތައް ވިއްކުމުގައި އެތައް ބަޔަކަށް މަކަރާއި ހީލަތް ހަދައި، ޓެކުމާއި މަނީ ލޯންޑްރިން ހިންގި މައްސަލައިގައި ކްރިމިނަލް ކޯޓުން ވަނީ މަންޑޭގެ އިތުރުން އޭނާއާއެކު މިކަމުގައި ބައިވެރިވި ޖައިޝާން ސައީދުގެ މައްޗަށް ބޮޑެތި ޖަލު ހުކުމްތަކެއް އިއްވާފައެވެ.

އެގޮތުން، ޓެކުމުގެ 46 ދައުވާއަކަށް 368 އަހަރު، އޮޅުވާލުމުގެ 44 ދައުވާއަކަށް 13 އަހަރާއި 2 މަހާއި 12 ދުވަސް، ސައްހަނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާއަކަށް އެއް އަހަރާއި ހަތަރު މަހާއި 24 ދުވަސް، އަދި މަނީ ލޯންޑްރިންގެ ދައުވާއަށް 14 އަހަރާއި 11 މަހާއި 14 ދުވަހުގެ ޖަލު ހުކުމާއެކު، ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމަށްފަހު މަންޑޭގެ މައްޗަށް ވަނީ ޖުމްލަ 397 އަހަރާއި ހަ މަހާއި 20 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.

މީގެ އިތުރުން، ޖައިޝާން ސައީދުގެ މައްޗަށް ޓެކުމުގައި ބައިވެރިވުމުގެ 46 ދައުވާއަކަށް 12 އަހަރާއި ތިން މަހާއި 18 ދުވަސް، އޮޅުވާލުމުގެ 40 ދައުވާއަކަށް 140 އަހަރާއި ނުވަ މަހާއި 18 ދުވަސް، ސައްހަނޫން ލިޔުމެއް ދިނުމުގެ 3 ދައުވާއަކަށް އެއް އަހަރާއި ހަތަރު މަހާއި 24 ދުވަސް އަދި މަނީ ލޯންޑާކުރަން އެހީތެރިވުމުގެ ދައުވާއަށް 4 އަހަރާއި 11 މަހާއި 24 ދުވަހުގެ ޖަލު ހުކުމް އިއްވާފައިވެއެވެ. ބަންދުގައި ހޭދަކުރި ދުވަސްތައް އުނިކުރުމުން ޖައިޝާން ތަންފީޒު ކުރަންޖެހޭ ޖުމްލަ ހުކުމަކީ 159 އަހަރާއި ފަސް މަހާއި 14 ދުވަހެވެ.

އަދި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވުމާ ގުޅިގެން އެފްޑަބްލިއު ރެޒިޑެންސްގައި ހުރި އެޕާޓްމަންޓަކާއި ޕާކިން ސްލޮޓެއް ވެސް ދައުލަތަށް ވަނީ ނަގާފައެވެ.

މި މައްސަލައިގައި ޖިނާއީ ހުކުމްތަކެއް އައި ނަމަވެސް، އެޕާޓްމަންޓްތަކުގެ މަސައްކަތް ނިންމުމަށް އެޗްޑީސީން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްގެން ޔުނިޓުތައް ހަވާލުކުރަން ފެށުމުން ވެސް އާންމުންގެ ކަންބޮޑުވުންތައް ވަނީ އިތުރުވެފައެވެ. އެގޮތުން، އަސްލު އެއްބަސްވުމުގައި ހިމެނޭ އެތައް ކަމެއް އުނިކޮށްފައިވާ އެޕާޓުމަންޓުތަކެއް ހަވާލުކުރަމުންދާތީ، އެތައް ބަޔަކު މިހާރު ތިބީ މާލީ ގޮތުންނާއި ނަފްސާނީ ގޮތުން ބޮޑު ނުތަނަވަސްކަމެއްގައެވެ.

comment ކޮމެންޓް