ދިވެހިރާއްޖޭގައި މެދުކެނޑުމެއްނެތި 15 އަހަރުވަންދެން ހިންގަމުން އަންނަ ކޮލެޖުތައް ޔުނިވާސިޓީތަކަށް ބަދަލުކުރެވޭ ގޮތް ހަދައިފިއެވެ.
އިއްޔެ ގެޒެޓުގައި އާންމުކުރި ޔުނިވާސިޓީތައް ރާއްޖޭގައި ރަޖިސްޓްރީކޮށް ހިންގުމުގެ ގަވައިދުގައިވާ ގޮތުން، ރާއްޖޭގައި މެދުކެނޑުމެއްނެތި 15 އަހަރުވަންދެން ހިންގަމުން އަންނަ ކޮލެޖުތަކުގެ އިތުރުން، ރާއްޖޭން ބޭރު ގައުމުތަކުގައި މަދުވެގެން 10 އަހަރުވެފައިވާ، އެ ގައުމުތަކުގެ ސަރުކާރުން ބަލައިގަންނަ ޔުނިވާސިޓީތައް ރާއްޖޭގައި ޔުނިވާސިޓީތަކުގެ ގޮތުގައި ރަޖިސްޓްރީކުރެވޭނެއެވެ.
ރާއްޖޭގެ ކޮލެޖުތައް ޔުނިވާސިޓީއަކަށް ބަދަލުކުރާނަމަ ދެން ފުރިހަމަވާންޖެހޭ ޝަރުތުތަކުގެ ތެރޭ، މަދުވެގެން ތިން ދާއިރާއަކުން ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ހަތަކާއި ނުވައެއްގެ ކޯސްތައް މެދުނުކެނޑި ފަސް އަހަރުވަންދެން ހިންގަމުން ދިއުމާއި އެ ކޯސްތަކުގައި މަދުވެގެން 1،000 ދަރިވަރުން ކިޔަވަމުން ގެންދިއުން ހިމެނެއެވެ.
އެ ދަރިވަރުންގެ އަދަދަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)އިން އެކްރެޑިޓުކޮށްފައިވާ ކޯސްތަކުގައި ކިޔަވާ ދަރިވަރުންގެ އަދަދުކަމުގައި ވާން ވާނެއެވެ. އެ އަދަދަށް ކުދިން ކިޔަވަމުން ގެންދިޔަ ކަމަށް ބަލާނީ ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭ ވެސް އެ އަދަދަށް ވުރެ ދަރިވަރުންގެ އަދަދު މަދުނުވެ އެ ކޯސްތަކުގައި ކިޔަވައިދެމުން ގެންގޮސްފައިވާ ނަމަ ކަމަށް، އެ ގަވައިދުގައިވެއެވެ.
ގައުމީ ޔުނިވާސިޓީގެ ދަސްވެނިވުމުގެ ހަފުލާއެއްގެ ތެރެއިން ----- ފޮޓޯ/ އެމްއެންޔޫމީގެ އިތުރުން ޔުނިވާސިޓީތަކަށް ބަދަލުވާ ރާއްޖޭގެ ކޮލެޖުތަކަކީ ބައިނަލްއަގުވާމީ ޔުނިވާސިޓީ ރޭންކިންގައި ބައިވެރިވެގެން ރޭންކުކުރެވިފައިވާ ކޮލެޖުތަކަށް ވާން ޖެހޭނެއެވެ.
ހަމަ އެހެންމެ، ބައިނަލްއަގުވާމީ ކޮލިޓީ އެޝުއަރެންސް ޖަމާއަތެއްގެ މެންބަރަކަށް ވުމާއި އެ ޖަމާއަތެއްގައި މަދުވެގެން ފަސް އަހަރު ހޭދަކޮށްފައިވުމުގެ އިތުރުން ބައިނަލްއަގުވާމީ ފެންވަރުގެ ރިސާޗު މަސައްކަތްތައް ބޭރުގެ ޔުނިވާސިޓީތަކާއެކު ހިންގުމުގެ ތަޖުރިބާ ލިބިފައިވާ ކޮލެޖުތަކަށް ވެސް، ޔުނިވާސިޓީތަކަށް ބަދަލުކޮށްދޭން އެދޭ ކޮލެޖުތައް ވާން ޖެހޭނެއެވެ.
އެ ގަވައިދުގައިވަނީ، ޔުނިވާސިޓީއަކަށް ބަދަލުވާން ހުށަހަޅާ ކޮލެޖުތަކުގައި ތިބޭ މުވައްޒަފުންގެ 10 އިންސައްތައަކީ ޕީއެޗްޑީ ހާސިލުކޮށްފައި ތިބޭ ފުލްޓައިމް މުވައްޒަފުންނަށް ވާން ވާނެ ކަމަށާއި ޔުނިވާސިޓީއެއް ހިންގުމަށް މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކަށް ފެތޭ ވަސީލަތްތައް ގާއިމުކޮށްފައިވާން ވާނެ ކަމަށެވެ.
އެމްއެންޔޫ ---- ފޮޓޯ/އެމްއެންޔޫގަވައިދުގައި ބަޔާންކޮށްފައިވާ ގޮތުން ޔުނިވާސިޓީއެއް ރަޖިސްޓްރީކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހަޅަންޖެހޭނީ އެންމެހައި ލިޔެކިއުންތައް ފުރިހަމަކުރުމަށްފަހު މިނިސްޓްރީން އެކަމަށް ޚާއްސަކުރާ ޕޯޓަލެއް މެދުވެރިކޮށެވެ.
ޔުނިވާސިޓީއެއް ރަޖިސްޓްރީކުރުމަށް ހުށަހަޅާ ޕްރޮޕޯސަލާއި ކަމާގުޅުންހުރި ލިޔެކިއުންތަކާއި ހެކިތައް ދިރާސާކުރުމަށްފަހު އެސެސްމަންޓް ރިޕޯޓެއް ތައްޔާރުކުރަން ޖެހޭނެ ކަމަށާއި އެކަން ކުރާނީ ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ފަންނީ ކޮމިޓީއަކުން ކަމަށް، ގަވައިދުގައިވެއެވެ. އެ ކޮމިޓީގެ މެންބަރުންގެ ތެރޭ ހިމެނެނީ މަތީ ތައުލީމުގެ ދެ ތަޖުރިބާކާރަކާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ އިސް މުވައްޒަފަކާއި އެމްކިއުއޭގެ އިސް މުވައްޒަފަކާއި މާލީ ދާއިރާގެ މެންބަރެކެވެ.
ކޮންމެ ތިން އަހަރަކުން ޔުނިވާސިޓީގެ އޮޑިޓެއް އެމްކިއުއޭން ކުރާނެ ކަމަށް އެ ގަވައިދުގައިވެއެވެ. ޔުނިވާސިޓީއެއްގައި މައްސަލައެއް ކުރިމަތިވެއްޖެނަމަ އެންގުމަކާ ނުލައި އެ ކަމެއް ބަލައި އޮޑިޓްކުރުމުގެ އިޚްތިޔާރު މިނިސްޓްރީއަށާއި އެމްކިއުއޭއަށް ގަވައިދުން ވަނީ ދީފައެވެ.
ރާއްޖޭގައި މިހާރު ހިންގަމުން އަންނަނީ ދެ ޔުނިވާސިޓީއެވެ. އެއީ ދައުލަތުން ހިންގާ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާއި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އެވެ. އަދި މެދުކެނޑުމެއް ނެތި ގިނަ ކޮލެޖުތަކެއް ރާއްޖޭގައި ދަނީ ހިންގަމުންނެވެ.