ޑިޖިޓަލް އީޖާދުތަކާއެކު ފަތުރުވެރިކަން ކުރިއެރުވުމަށް އަހައްމިއްޔަތުކަން ދެން: ރައީސް

ރައީސް ޑރ. މުޙައްމަދު މުއިއްޒު ސޯޝަލް ސެންޓަރުގައި އޮތް ޖަލްސާއެއްގައި ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ޑިޖިޓަލް އީޖާދުތަކާއި ހުނަރު ތަރައްގީކުރުމުގެ ޒަރީއާއިން ވިލުންތެރި، ދެމެހެއްޓެނިވި އަދި މުސްތަގްބަލަށް ފައްކާވެފައިވާ ފަތުރުވެރިކަމުގެ ސިނާއަތެއް ކުރިއެރުވުމަށް ރާއްޖެއިން ދޭ އަހައްމިއްޔަތުކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ތަކުރާރުކުރައްވައިފިއެވެ.

މި އަހަރުގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރަނީ "ފަތުރުވެރިކަން އަލުން ބައްޓަންކުރުމަށް ޑިޖިޓަލް އެޖެންޑާއާއި އާޓިފިޝަލް އިންޓެލިޖެންސް" މި ޝިއާރުގެ ދަށުންނެވެ.

މި ދުވަހާ ގުޅޭ ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ދުނިޔޭގެ އެންމެ ފުންނާބުއުސް އެއް ފަތުރުވެރި މަންޒިލުގެ ގޮތުގައި ދިވެހިރާއްޖެ ގާއިމުކުރުމުގައި އަގުނުކުރެވޭފަދަ މުހިންމު ދައުރެއް އަދާކުރަމުންދާ ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެހައި ހިއްސާދާރުންނަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ގައުމީ ތަރައްގީގައި މި ސިނާއަތުގެ މުހިންމު ހިއްސާއަށް އަލިއަޅުއްވާލައްވަމުން، ފަތުރުވެރިކަމަކީ އާންމު ދިރިއުޅުމުގެ ފެންވަރު މަތިކޮށްދީ، ރާއްޖޭގެ ރަށްރަށުގައި އެތައް ފުރުސަތުތަކެއް ފަހިކޮށްދޭ މައިގަނޑު ބާރުކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ރާއްޖެއަށް ޒިޔާރަތްކުރި އެތައް މިލިއަން ފަތުރުވެރިންނާއި ދިވެހި ރައްޔިތުންނާ ދެމެދު އޮތް ގުޅުން ބަދަހިކޮށްދިނީވެސް މި ސިނާއަތް ކަމަށް ވިދާޅުވިއެވެ.

ފަތުރުވެރިން މަންޒިލުތައް ހޯދައި ދެނެގަތުމާއި، ދަތުރުތައް ރޭވުމާއި، އަދި ފަތުރުވެރިކަމުގެ ތަޖުރިބާތައް ލިބިގަންނަ ގޮތް ބަދަލުކޮށްލުމުގައި ޑިޖިޓަލް ފަންނިއްޔާތާއި އާޓިފިޝަލް އިންޓެލިޖެންސްގެ ސަބަބުން ދުނިޔޭގެ ފަތުރުވެރިކަމުގެ ވެށްޓަށް އަންނަމުންދާ ބޮޑެތި ބަދަލުތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ. އެ މަނިކުފާނު ބަޔާންކުރެއްވި ގޮތުގައި، މިފަދަ ކުރިއެރުންތަކަކީ ފަތުރުވެރިންގެ ބައިވެރިވުން އިތުރުކުރުމަށާއި، ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށާއި، ފަތުރުވެރި މަންޒިލުތަކުގެ ވާދަވެރިކަން ވަރުގަދަކުރުމަށް ލިބޭ އައު ފުރުސަތުތަކެކެވެ.

މި ކަންކަމަށް ރިއާޔަތްކުރައްވައި، ހަލުވިކަމާއެކު ޑިޖިޓަލްވަމުން އަންނަ ދުނިޔެއެއްގައި ކުރިއަރައި ދިއުމަށްޓަކައި، ޑިޖިޓަލް އީޖާދުތަކަށާއި، ހުނަރާއި ގާބިލުކަން އިތުރު ކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، މި ބަދަލުތަކާއެކުވެސް ދިވެހިރާއްޖެއަށް ޚާއްސަވެގެންވާ ގުދުރަތީ ޗާލޫކަމާއި، ވަކިވަކި ސަގާފީ ސިފަތަކާއި އަދި ދިވެހިންގެ މެހެމާންދާރީ ރައްކާތެރިކުރުމަށް އިސްކަންދޭންޖެހޭނެކަން އެ މަނިކުފާނު ތަކުރާރުކުރެއްވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި، ދިވެހިންގެ މެހެމާންދާރީގެ އަސްލު ކަމުގައިވާ އިންސާނީ ގާތްކަމުގެ ޖާގަ ފަންނިއްޔާތަށް ދިނުމުގެ ބަދަލުގައި، ފަންނިއްޔާތު ވާންވާނީ އެ ޚިދުމަތްތައް ފުރިހަމަކޮށްދޭ އެހީތެރިއަކަށެވެ. އަދި ހަލުވިކަމާއެކު ބަދަލުވަމުންދާ ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ދިވެހިރާއްޖެއަކީ އެންމެ ކުރީ ސަފުގެ ވާދަވެރި މަންޒިލެއްގެ ގޮތުގައި ދެމިއޮތުން ކަށަވަރުކުރުމަށްޓަކައި، މެދުކެނޑުމެއްނެތި އީޖާދީ ވިސްނުންތައް ގެންގުޅުމާއި، އެންމެން ގުޅިގެން މަސައްކަތްކުރުމާއި، އަދި އިންސާނީ ވަސީލަތްތަކަށް ވުނަކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް