އޮޑި ސްޕޯޓްސް ކްލަބުގެ ހެޑް ކޯޗުގެ މަގާމަށް، މީގެ ކުރިން ވިކްޓަރީ ސްޕޯޓްސް ކްލަބަށް ކުޅެފައިވާ އާޖެންޓީނާގެ ލޫސިއާނޯ ތެއިލާ ހަމަޖައްސައިފިއެވެ.
ދެކުނު އެމެރިކާގެ ކޮންމެބޯލް ޕްރޯ ލައިސަންސްގެ އިތުރުން ޔުއެފާ ޕްރޯ ލައިސަންސް ހާސިލުކޮށްފައިވާ ތެއިލާ ވަނީ 2008 ވަނަ އަހަރު ވިކްޓަރީއަށް ކުޅެފައެވެ. މިއީ މި ސީޒަނުގައި އޮޑި ސްޕޯޓްސް ކްލަބާ ހަވާލުވި ދެވަނަ ކޯޗެވެ.
މި ސީޒަނުގައި އޮޑިއަށް އިރުޝާދުދިން ފުރަތަމަ ކޯޗު، ޕޯޗުގަލްގެ ރުއި ގްރެގޯރިއޯ ވަނީ އެ ކްލަބާއެކު ހެދި އެއްބަސްވުން އުވާލައިފައެވެ.
ތެއިލާ ކޯޗިން ކެރިއަރު 2013 ވަނަ އަހަރު ފެށީ އާޖެންޓީނާގެ ސްޕޯޓިވޯ ބެލްގްރާނޯގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައެވެ. އެއަށްފަހު 2016 އާއި 2018 އާ ދެމެދު އޭނާ ވަނީ އާޖެންޓީނާގެ ގިލެރްމޭ ބްރައުން، ކްލަބް އެތުލެޓިކޯ މިޓްރޭ، އިންސްޓިޓޫޓޯ އެތުލެޓިކޯ ސެންޓްރަލް ކޮރްޑޯބާ އަދި އިންޑިޕެންޑިއެންޓޭ ރިވަޑަވިއާގެ އެސިސްޓަންޓް ކޯޗުކަންކޮށްފައެވެ.
ހެޑް ކޯޗެއްގެ ގޮތުގައި ތެއިލާގެ ފުރަތަމަ ތަޖުރިބާއަކީ 2018-2019 ސީޒަނުގައި ކްލަބް ގިލެރްމޯ ބްރައުންގައެވެ. އޭގެ ފަހުން އިންޑިޕެންޑިއެންޓޭ ރިވަޑަވިއާ، ކްލަބް ޑިޕޯޓިވޯ މައިޕޫ، ޕެރަގުއޭގެ ޖެނެރަލް ކަބަލޭރޯ އާއި ގުއައިރޭނިއާ، ޕެރޫގެ އަލިއަންޒާ އެތުލެޓިކޯ ސުލާނާ އަދި ބޮލިވިއާގެ ޖޯޖް ވިލްސްޓާމަންއަށް ހެޑް ކޯޗުކަން ކޮށްދިނެވެ.
ދެކުނު އެމެރިކާގެ ހަތަރު ގައުމެއްގައި މަސައްކަތްކުރުމަށްފަހު، ތެއިލާ އެންމެ ފަހުން ހުރީ ޔުއެފާ ކޮންފަރެންސް ލީގުގައި ކުޅުނު އިޒްރޭލުގެ މެކަބީ ހައިފާގެ އެސިސްޓަންޓް ކޯޗުގެ މަގާމުގައެވެ. އޮޑި ސްޕޯޓްސް ކްލަބަކީ ކޯޗެއްގެ ގޮތުގައި އޭޝިއާގައި އޭނާ އިރުޝާދުދޭ ފުރަތަމަ ޓީމެވެ. ނަމަވެސް، ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ވަނީ ރާއްޖޭގެ ވިކްޓަރީގެ އިތުރުން ބަންގްލަދޭޝްގެ މުކްޓިޖޯދާ، އިންޑޮނޭޝިއާގެ ޕާސިބާ ބަންޓުލް، ލެބަނަންގެ އަލް އަހެދު އަދި ސީރިއާގެ އަލް ކަރާމާ ސްޕޯޓްސް ކްލަބަށް ކުޅެފައެވެ.
ގައުމީ ޓީމުގެ މެޗުތަކަށް މެދުކަނޑާލާފައިވާ ފީފާ އިންޓަނޭޝަނަލް ބްރޭކަށްފަހު ދިވެހި ޕްރިމިއާ ލީގު އަލުން ފަށާއިރު، މި މަހުގެ ނުވަ ވަނަ ދުވަހު އޮޑި ނުކުންނާނީ ގދ. ގައްދޫ ފުޓްބޯޅަ ޓީމާ ދެކޮޅަށެވެ.