53 ސެންޓަރެއްގައި އޭލެވެލް އިމްތިހާނު ފަށައިފި، 4،900 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވޭ

އަރަބިއްޔާ ދަރިވަރަކު އިމްތިހާނެއް ހަދަނީ -- ސަން ފޮޓޯ/ މާނިއު މުހައްމަދު

މި އަހަރުގެ އޭލެވެލް އިމްތިހާނު 4،973 ދަރިވަރުންނާ އެކު މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަށައިފިއެވެ.

މި އިމްތިހާނު މިއަދުން ފެށިގެން އަންނަ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި، މާލޭ ސަރަހައްދުން އޭލެވެލް އިމްތިހާނުގައި 3،284 ދަރިވަރުން ބައިވެރިވެއެވެ. އަދި އެޗްއެސްސީ އެޑެކްސެލް އިމްތިހާނުގައި މާލެއިން 1،357 ދަރިވަރުން ބައިވެރިވާ ކަމަށް މިނިސްޓްރީން ބުނެއެވެ. މީގެއިތުރުން، އަތޮޅުތެރެއިން އޭލެވެލް އިމްތިހާނުގައި 1،689 ދަރިވަރުން އަދި އެޗްއެސްސީ އިމްތިހާނުގައި 906 ދަރިވަރުން ބައިވެރިވެއެވެ.

މިއަހަރު މުޅި ރާއްޖޭގައި މަތީ ސާނަވީ އިމްތިހާނު ކުރިއަށް ދަނީ ޖުމްލަ 53 ސެންޓަރެއްގައެވެ. އެއީ މާލޭ ސަރަހައްދުގެ ހަތަރު ސެންޓަރަކާއި، އަތޮޅުތެރޭގެ ރަށްރަށުގައި ޤާއިމުކޮށްފައިވާ 49 ސެންޓަރެކެވެ.

މަތީ ސާނަވީ އިމްތިހާނު ފެށުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިމްތިހާނުގައި ބައިވެރިވާ ހުރިހާ ދަރިވަރުންނަށް ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.

ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަތީ ސާނަވީ އިމްތިޙާނުގައި ބައިވެރިވާ ދިވެހި ހުރިހާ ދަރިވަރުންނަށާއި އެ ކުދިންގެ ޢާއިލާތަކަށާއި މަދަރުސާތަކަށް ވަރަށް ފުރިހަމަ ކާމިޔާބީއަކަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ދަރިވަރުންގެ މުސްތަޤްބަލު ބިނާކުރުމުގައްޔާއި، ވަކީން ޚާއްޞަކޮށް މަތީ ތަޢުލީމު އުނގެނޭނެ ދާއިރާއެއް ޚިޔާރުކޮށް ކުރިއަށް ދިއުމުގައި މަތީ ސާނަވީ އިމްތިޙާނަކީ ވަރަށް މުހިންމު މަރުޙަލާއެއް ކަން ރައީސް ފާހަގަކުރެއްވިއެވެ.

"އިރާދަކުރެއްވިއްޔާ، މި އިމްތިޙާނަށް ތައްޔާރުވުމަށް ތިޔަ ކުދީން ކުރި ބުރަ މަސައްކަތުގެ ފޮނިމޭވާ ލިބޭނެ. މާތްﷲގެ ހެޔޮ ރަޙްމަތްފުޅާއެކު، މި އިމްތިޙާނުގައި ފަސޭހައިން މޮޅަށް ޖަވާބުދީ، އެންމެން ފަޚުރުވެރިވާނެ ރަނގަޅު ނަތީޖާތަކެއް ތިޔަ ކުދީން ޤައުމަށް ހޯދައިދޭނެ ކަމަށް އުންމީދު ކުރަން،" ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް