ތައިލެންޑުގައި މިހާރު ކުރިއަށްދާ 58 ވަނަ އޭޝިއަން ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް 2026 ގައި ޤައުމީ ބޮޑީބިލްޑިންގ ޓީމުގެ ތަޖުރިބާކާރު އެތުލީޓު އަޒްނީން ރަޝާދު ރިހި މެޑަލް ކާމިޔާބުކޮށްފިއެވެ.
ބެންކޮކްގައި ހުންނަ އެލެކްޒެންޑާ ހޮޓެލްގައި ކުރިއަށްދާ މުބާރާތުގައި އަޒްނީން މި މެޑަލް ހާސިލްކުރީ އެތުލެޓިކް ފިޒީކް އަޕް ޓު 167 ސީއެމް ކެޓަގަރީގައި އޭޝިއާގެ ވަރުގަދަ އެތުލީޓުންނާ ވާދަކޮށްގެންނެވެ.
މީގެއިތުރުން، މި މުބާރާތުގައި ވާދަކުރި ރާއްޖޭގެ އުންމީދީ ޒުވާން އެތުލީޓު ހުސައިން ރާހިލް ޞާދިޤް ވަނީ ސްޕޯޓްސް ފިޒީކް އަޕް ޓު 180 ސީއެމް ކެޓަގަރީން ހަތަރުވަނަ ހާސިލްކޮށްފައެވެ.
އަޒްނީން ރަޝާދަކީ ދިވެހިރާއްޖޭގެ ބޮޑީބިލްޑިންގ އަދި ފިޒީކް ސްޕޯޓްސްގެ ތާރީޚުގައި އެންމެ ސާބިތުކަމާއެކު ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައިވާ އެއް އެތުލީޓެވެ.
އޭޝިއަން ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް 2026 ގައި ރިހި މެޑަލްއާއެކު ރާއްޖޭގެ އަޒްނީން ރަޝާދު އަދި ގައުމީ ޓީމުގެ އޮފިޝަލުން-- ގައުމީ ފެންވަރުގައާއި ބައިނަލްއަގުވާމީ މައިދާނުގައި 10 ވަރަކަށް އަހަރަށްވުރެ ދިގު މުއްދަތެއްގައި ރާއްޖެ ތަމްސީލުކޮށްފައިވާ އަޒްނީނަކީ، ރާއްޖޭގެ އެންމެ ޝަރަފުވެރި ބޮޑީބިލްޑިންގ މުބާރާތް ކަމަށްވާ "މިސްޓަރ މޯލްޑިވްސް" ގެ މަގާމު ހާސިލްކުރުމުގެ އިތުރުން، ސައުތު އޭޝިއަން ބޮޑީބިލްޑިންގ ޗެމްޕިއަންޝިޕާއި އޭޝިއަން ބޮޑީބިލްޑިންގ މުބާރާތްތަކުން ގޯލްޑް، ސިލްވާ އަދި ބްރޯންޒް މެޑަލް ހޯދައިދީފައިވާ ކުޅުންތެރިއެކެވެ.
ޚާއްޞަކޮށް، "އެތުލެޓިކް ފިޒީކް" ކެޓަގަރީގައި އޭނާގެ ހަށިގަނޑުގެ ވަކިވަކި މަސްތަކުގެ ބައްޓަމާއި، "ކޮންޑިޝަނިންގ" އަދި ސްޓޭޖް ހުށަހެޅުންތަކުގެ ފުރިހަމަކަމަށް ބައިނަލްއަޤްވާމީ ފަނޑިޔާރުންގެ އިޙްތިރާމް އެތައް ފަހަރަކު ވަނީ ލިބިފައެވެ.
މިފަހަރުގެ އޭޝިއަން ޗެމްޕިއަންޝިޕްގައި ވާދަކުރާ ދިވެހި ޤައުމީ ސްކޮޑަކީ ތަޖުރިބާކާރު އަދި ކާމިޔާބު ކޯޗު ޢަބްދުލްހަސީބް ހުސައިންގެ އިރުޝާދުގެ ދަށުން، ގިނަ ދުވަސްތަކެއް ވަންދެން ވަރަށް ބުރަކޮށް ތައްޔާރުވި ޓީމެކެވެ. އަޒްނީން އަދި ރާހިލްގެ އިތުރުން މި ސްކޮޑުގައި ރާއްޖޭގެ މަޝްހޫރު އެތުލީޓުންކަމަށްވާ ޢަލީ މަބްރޫކް ލަޠީފް އާއި އަހްމަދު ނަޢީމް ހިމެނޭއިރު، ޓީމުގެ މެނޭޖަރެއްގެ ގޮތުގައި ހަރަކާތްތެރިވަނީ މުހައްމަދު ނަޒީހްއެވެ.
މިމަހުގެ 22 އިން 28 އަށް ތައިލެންޑުގައި ކުރިއަށްދާ 58 ވަނަ އޭޝިއަން ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕަކީ އޭޝިއާ ސަރަޙައްދުގެ އެންމެ ބޮޑު އެއް މުބާރާތެވެ.
މި މުބާރާތުގައި އަފްޣާނިސްތާން، ޗައިނާ، ޖަޕާން، ހޮންކޮން އަދި ސައުތު ކޮރެއާ ފަދަ ބޮޑީބިލްޑިންގގެ ބޮޑެތި ބާރުތައް ހިމެނޭހެން 30 އަށްވުރެ ގިނަ ޤައުމުން 400 އަށްވުރެ ގިނަ އެތުލީޓުން ބައިވެރިވެ، ތަފާތު ކެޓަގަރީތަކުގައި ވަދަކުރަމުންދެއެވެ.