ދިވެހި ދައުލަތް މުއްސަނދިވުމަކީ ރާއްޖެއަށް ނުފޫޒު ފޯރުވަން ބޭނުންވާ ފަރާތްތަކުން އެދޭނެ ކަންކަމެއް ނޫން ކަމަށާއި، ރާއްޖެއަށް ބޭނުންވަނީ ޖީލުތަކަށް ދެމިގެންދާ ފަދަ ބޮޑެތި މަޝްރޫއުތައް ކަމަށް، ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
'އެކްސް'ގައި މިއަދު މުއްޠަލިބް ލިޔުއްވައިފައިވަނީ ރަސްމާލޭން ތަނެއް ގަންނަ ފަރާތުގެ މިލްކަކީ އެ ތަން އެކަނި ކަމަށާއި އެ ތަން ހުންނަ ބިމަކީ ދިވެހި ދައުލަތުގެ މިލްކެއް ކަމަށެވެ.
އެ ތަނެއް ވިއްކައިލާނަމަ، ނުވަތަ އެ ތަނުގެ ވެރިފަރާތް މަރުވުމުން އެ ތަނެއް ވާރުތަވާނަމަ ވާރުތަވާނީ ދިވެހި ސަރުކާރުން ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު ސަރުކާރުން ހުއްދަކުރާނަމަ ކަމަށް މުއްޠަލިބް ލިޔުއްވައިފައިވެއެވެ. ހަމަ އެހެންމެ ސަރުކާރުން އެ ބިމެއް ވިއްކައިލަން ނުވަތަ ވާރުތަވާން ހުއްދަ ދޭނަމަ ހުއްދަ ދޭނީ އެކަމަށް ކަނޑައެޅިފައިވާ ފީ ނެގުމަށްފަހު ކަމަށް މުއްޠަލިބް ލިޔުއްވައިފައިވެއެވެ.
"އެހެންކަމުން އޮޓަމެޓިކުން ވާރުތަވާނޭ ކަމަށް ބުނުމަކީ ހަގީގަތާ ޚިލާފު ވާހަކައެކެވެ. ރާއްޖޭގައި ހުރި ބޭރު ފަރާތްތަކުގެ ރިސޯޓުތަކާއި ވިޔަފާރިތަކަކީ ވެސް ވިއްކައި ބަދަލުކޮށް، ވާރުތާ މުދާތަކެކެވެ،" މުއްޠަލިބްގެ ޕޯސްޓުގައިވެއެވެ.
މުއްޠަލިބް އިތުރަށް ލިޔުއްވައިފައިވާ ގޮތުގައި ރަސްމާލޭން ތަނެއް ގަންނަ މީހާއާއި އާއިލާއަށް އޮޓޮމެޓިކުން ވިސާއެއް ވެސް ނުލިބޭނެއެވެ. ވިސާ ދިނުމުގެ ކަންކަން ކުރަނީ އިމިގްރޭޝަނުން ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު ކަން ފާހަގަކުރައްވައި މުއްޠަލިބް ލިޔުއްވައިފައިވާ ގޮތުގައި ވިސާ ދޫކުރުމާއި ކެންސަލްކުރުމުގެ ބާރު އޮންނާނީ އިމިގްރޭޝަނަށެވެ.
ދިވެހި ދައުލަތަކީ ފަޚުރުވެރި ދައުލަތެއް ކަމަށާއި ދިވެހި ދައުލަތް ތަނަވަސްވެ ތަރައްގީވަމުން ދިއުމަކީ އެހެން ގައުމުތަކުގެ ނުފޫޒުން ސަލާމަތްވެ އޮތުމަށް މުހިންމު ކަމެއް ކަމަށް، އޭނާ ލިޔުއްވައިފައިވެއެވެ.
"ދިވެހި ދައުލަތް މުއްސަނދިވުމަކީ ދިވެހިރާއްޖެއަށް ނުފޫޒު ފޯރުވަން ބޭނުންވާ ފަރާތްތަކުން އެދޭނެ ކަމެއްނޫނެވެ. ރާއްޖެއަށް ބޭނުންވަނީ ޖީލުތަކަށް ދެމިގެންދާ ތަރައްގީގެ މިފަދަ މަޝްރޫއުތަކެވެ. ކުރު މުއްދަތުގެ މަންފާއެއް ނޫނެވެ،" މުއްޠަލިބްގެ ޕޯސްޓުގައިވެއެވެ.
އަބޫދާބީގެ މަޝްހޫރު ޑިވެލޮޕަރު، އީގަލް ހިލްސް އާއި ދިވެހި ސަރުކާރާ ދެމެދު ރާއްޖޭގައި 20 ބިލިއަން ޑޮލަރު ނުވަތަ ގާތްގަނޑަކަށް 308 ބިލިއަން ރުފިޔާގެ ވޯޓާފްރަންޓް އަދި މެރީނާ މަޝްރޫއެއް ތަރައްގީކުރުމަށް އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ ހޯމަ ދުވަހެވެ. ފާހަގަކުރެވޭ ގޮތުގައި މިއީ ރާއްޖޭގެ ތާރީޚުގައި ވެސް ހިންގަން ހުށަހެޅުނު ބޭރުގެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓް މަޝްރޫއެވެ.
ރަސްމާލޭގައި މެރީނާއެއް ތަރައްގީ ކުރުން ހިމެނޭހެން ތާރީޚީ ބޮޑު މަޝްރޫއެއް ހިންގުމަށް، އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ މެދު މިދިޔަ ހޯމަ ދުވަހު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެ މަޝްރޫއުގެ ދަށުން ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި ރިސޯޓުތަކާއި ޕްރީމިއަމް އަދި ބްރޭންޑެޑް ރެޒިޑެންސްތަކާއި ދުނިޔޭގެ ފެންވަރުގެ މެރީނާއަކާއި ވޯޓާފްރަންޓް ޕްރޮމެނާޑްތަކާއި، ރެސްޓޯރެންޓްތަކާއި ފިހާރަތަކާއި މުނިފޫހިފިލުވުމާއި ވެލްނެސް ސެންޓަރުތައް ތަރައްގީކުރާން ވަނީ އެއްބަސްވެފައެވެ.
މި މަޝްރޫއު ފުރިހަމަވުމުން އަހަރަކު އެއް މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށް، ފަތުރުވެރިކަމުގެ ދާއިރާއިން އަހަރަކު ދެ ބިލިއަން ޑޮލަރުގެ އާމްދަނީއެއް ރާއްޖެއަށް ލިބޭނެ ކަމަށް ލަފާކުރެވެއެވެ.
މި މަޝްރޫއާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު ވިދާޅުވީ މި މަޝްރޫއު ރާވައިފައިވަނީ ރާއްޖެއަށް ޑޮލަރު ލިބުމުގައި ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ލިބޭނެ ގޮތަށް ކަމަށެވެ. މި މަޝްރޫއަކީ ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ބަދަލުތަކެއް ގެނެސްދޭނެ މުހިންމު މަސައްކަތެއް ކަމަށް ޒަރީރު ވިދާޅުވިއެވެ.
ނަމަވެސް އީގަލް ހިލްސްއާ އެކު ވެފައިވާ އެއްބަސްވުމަކީ ކަނޑައެޅިގެން ގާނޫނާ ޚިލާފު އެއްބަސްވުމެއް ކަމަށާއި އެ އެއްބަސްވުން ދެން އަންނަ ސަރުކާރަކުން ބަލައިގަންނަން ނުޖެހޭނެ ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިދިޔަ ބުރާސްފަތި ދުވަހުގެރޭ ވިދާޅުވެފައިވެއެވެ. ޕީއެންއެފްގެ ޓައުންހޯލް ޖަލްސާގައި ޔާމީން ވިދާޅުވީ، މި ސަރުކާރުން 99 އަހަރު ދުވަހަށް އެއްބަސްވުން ހަދައިގެން "ވިއްކާލަނީ" ދިވެހި ރައްޔިތުންގެ މުސްތަގުބަލު ކަމަށެވެ.