އޭޝިއަން ގޭމްސް: ސާފިންގައި ރާއްޖޭގެ ޔަސީން ވާދަކުރި ހީޓު ބޮޑު ތަފާތަކުން ކާމިޔާބުކޮށްފި

އޭޝިއަން ގޭމްސްގައި ރާއްޖޭގެ ޔަސީން އަޙްމަދު ނާޝިދު-- ފޮޓޯ: އެމްއޯސީ

ޖަޕާނުގެ އައިޗީ-ނަގޯޔާގައި މިހާރު ކުރިއަށްދާ އޭޝިއަން ގޭމްސް 2026 ގައި ދިވެހި ސާފިންގް ޓީމުންގެ ޒުވާން އެތުލީޓު ޔަސީން އަޙްމަދު ނާޝިދު ވާދަކުރި ހީޓު ބޮޑުތަފާތަކުން ކުރި ހޯދައިފިއެވެ.

އައިޗީ ޓަހާރާ ލޯންގް ބީޗްގައި ކުރިއަށްދާ އޭޝިއަން ގޭމްސްގެ ސާފިންގް އިވެންޓްތަކުގައި ދިވެހި ޓީމުގެ ހުރިހާ ބައިވެރިންވެސް މިއަދު ވަނީ ރާޅާއަޅާފައެވެ.

އެގޮތުން ފިރިހެނުންގެ ޝޯޓްބޯޑް ދެވަނަބުރުގެ ހީޓު ހަތަރެއްގައި ވާދަކޮށް ރާއްޖޭގެ ޒުވާން ރާޅާއެޅުންތެރިޔާ ޔަސީން އަޙްމަދު ނާޝިދު ވަނީ 8.13 ޕޮއިންޓާއެކު ހީޓުގެ އެއްވަނަ ހޯދާފައިއެވެ. މި ހީޓުގައި ދެން ވާދަކުރި އަފްޢާނިސްތާނުގެ އަފްރިދުން އަމޫއަށް ހޯދުނީ 2.14 ޕޮއިންޓެވެ.

މީގެ އިތުރުން މި ރައުންޑްގެ ހީޓު ހައެއްގައި ދިވެހި ޓީމުގެ ކަޔާން އަބްދުﷲ އަރީފް ވަނީ 5.67 ޕޮއިންޓް ހޯދާފައެވެ. މިހީޓުގައި ކަޔާންއާއި ވާދަކުރި، ތައިލޭންޑުގެ ނައްތަކްރޮން ސައޭ-އިއޫ ވަނީ 11.20 ޕޮއިންޓު ހޯދާފައެވެ.

އޭޝިއަން ގޭމްސްގައި ރާޢްޖޭގެ ކަޔާން އަބްދުﷲ އަރީފް-- ފޮޓޯ: އެމްއޯސީ

އަންހެނުންގެ ޝޯޓްބޯޑް ދެވަނަ ބުރުގެ ހީޓް ހައެއްގައި ވާދަކޮށް އައިމިނަތު ތާނީސް ޝިރަން 1.30 ޕޮއިންޓު ހޯދާފައިވާއިރު، މި ބުރުގެ ހީޓު ދޭއްގައި ވާދަކޮށް މަރިޔަމް ރާހިލް ނަސީމް ވަނީ 1.20 ޕޮއިންޓު ހޯދާފައެވެ.

މި ބުރުގައި ތާނީސްއާއި ވާދަކުރި މެލޭޝިއާގެ މޯނާ ރަޝީދާ އަބްދުއްރަޝީދު ވަނީ 2.60 ޕޮއިންޓާއެކު މި ހީޓުން ކުރި ހޯދާފައެވެ. އަދި ރާހިލްއާއި ވާދަކުރި ސައުތު ކޮރެއާގެ ނަލާ ލީ ވަނީ 8.20 ޕޮއިންޓު ހޯދައި، މި ހީޓުގައި ތަފާތުބޮޑު ނަތީޖާއެއް ހޯދާފައެވެ.

މި ނަތީޖާތަކާއެކު ދިވެހި ޓީމުން ޔަސީން ވަނީ ތިންވަނަ ބުރަށް ދަތުރުކޮށްފައެވެ. ތިންވަނަ ބުރުގެ ހީޓުތައް ތާވަލުކޮށްފައި ވަނީ މާދަމާއަށެވެ.

comment ކޮމެންޓް