މިއަދު ވިއްސާރަވި ނަމަވެސް، މި ހަފުތާގައި މޫސުން ރަނގަޅުވާނެ: މެޓް

ކުރިއަށް އޮތް ދެ ދުވަހު ބައެއް ސަރަހައްދަށް ކެރީގެ އަސަރު ކުރި ނަމަވެސް، މޫސުން ރަނގަޅުވާނެ ކަމަށް މެޓް އޮފީހުން ބުނެފި -- ސަން ފޮޓޯ

މިއަދު ވިއްސާރަވި ނަމަވެސް، މި ހަފުތާގައި އާންމުގޮތެއްގައި މޫސުން ރަނގަޅުވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން މިއަދު ބުނެފިއެވެ.

'ސަން' އިން ސުވާލުކުރުމުން މެޓް އޮފީހުން ބުނީ މި ހަފުތާގައި ރާއްޖެއަށް މޫސުން އެހާ ގޯސް ނުވާނެ ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ދެ ދުވަހު ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ކެރީގެ އަސަރު ކޮންމެވެސް ވަރަކަށް ކުރާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

އެ އިދާރާއިން ވަނީ، ކުރިއަށް އޮތް ހަފުތާ ބަންދުގައި ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ވެސް ލަފާކޮށްފައެވެ.

ވައިޖެހޭ ބާރުމިނަށް ބަލާއިރު، މި ހަފުތާގައި އާންމުގޮތެއްގައި ވައިގެ ބާރުމިން ލަފާކުރެވެނީ ފަސް މޭލާއި 15 މޭލަށް ކަމަށާއި ކަނޑުތައް ވެސް މަޑުވާނެ ކަމަށް މެޓުން ވަނީ މައުލޫމާތު ދީފައެވެ.

މެޓް އޮފީހުން މިއަދުގެ އިރު އޮއްސި 18:00 އަށް މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު، ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށާއި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

ދެކުނުގެ އަތޮޅުތަކުގައި ވައިޖެހޭ ބާރުމިނަށް ބަލާއިރު، އިރުދެކުނާއި ދެކުނުން ގަޑިއަކު ތިން މޭލާއި 10 މޭލަށް އަދި އެހެން ހިސާބުތަކުގައި ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު އަށް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

މީގެ އިތުރުން ދެކުނުގެ ކަނޑުތައް މަޑުވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ، ދެކުނުގެ ސަރަހައްދުތަކުގައި ރާޅުތަކުގެ އުސްމިނުގައި ތިން ފޫޓު އަދި އުތުރާއި މެދުރާއްޖެތެރޭގައި ފަސް ފޫޓަށް ރާޅުތަކުގެ އުސްމިން ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށް ބުނެފައެވެ.

މޫސުން އެހާ ގޯސް ނޫން ނަމަވެސް މެޓް އޮފީހުން ވަނީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް