މި ސަރުކާރުން އުފެއްދި ބޭސް ކުންފުނި، ސްޓޭޓް ފާމާ މެދުވެރިކޮށް ބޭސް ހޯދުން ލުއިފަސޭހަ ކުރެވިއްޖެ ކަމަށާއި، އުއްމީދަކީ އަސާސީ ހުރިހާ ބޭހެއް ކުރިއަށް އޮތް ނޮވެންބަރު މަސް ނިމުމުގެ ކުރިން ރާއްޖެއަށް ގެނައުން ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެއެވެ.
ރާއްޖެއިން ބައެއް އާއްމު ބަލިތަކަށް ބޭސް ނުލިބޭ މައްސަލައަކީ ރައްޔިތުން އެކަމުގެ ކަންބޮޑުވުން ފާޅުކުރާ، ޒަމާންވީ މައްސަލައެކެވެ. އެ މައްސަލަ ހައްލުކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން މި ސަރުކާރުން ސްޓޭޓް ފާމާ އުފައްދައި، އެސްޓީއޯއިން އަދާ ކުރަމުން އައި ބޭސް ފޯރުކޮށްދިނުމުގެ ޒިންމާތައް އެ ކުންފުންޏާ ހަވާލުކުރިއެވެ.
މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހު ނުވަ ވަނަ ދުވަހު އުފެއްދި އެ ކުންފުންޏާ ގުޅޭ ގޮތުން ގީލާ ވިދާޅުވީ، ސްޓޭޓް ފާމާއަށް ބޭނުންވާ ހުރިހާ އެހީއެއް ދައުލަތުން ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އަދި، އެ ކުންފުނީގެ ފަރާތުން ބޭހުގެ ސަޕްލައި ރާއްޖެއަށް ގެނައުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ސަޕްލައި ދެމެހެއްޓުމާއި، އަތޮޅުތެރޭގައި ވެސް ބޭސް ފިހާރަތަކަށް ބޭސް ފޯރުކޮށްދިނުމުގެ ކަންކަން ކުރިއަށް ގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަޅުގަނޑުމެން އުއްމީދުކުރަނީ މި އަހަރު ނޮވެންބަރު މަސް ނިމުމުގެ ކުރިން އެސެންޝަލް މެޑިސިން ލިސްޓުގައި ހިމެނޭ ބޭސްތައް ރާއްޖެއަށް ގެނެވި ރައްޔިތުންނާ ހިސާބަށް ފޯރުކޮށްދެވޭނެ ކަމަށް. މިއީ ވަރަށް ގިނަ އަދަދެއްގެ ބޭހުގެ ވާހަކަ އަޅުގަނޑުމެން މި ދައްކަނީ އެސެންޝަލް މެޑިސިން ލިސްޓު އަދި އެޕްރޫވުޑް މެޑިސިން ލިސްޓުގައި ހިމެނޭ ބޭސްތައް
ހެލްތު މިނިސްޓަރު ގީލާ އަލީ
އޭނާ ވަނީ، ރާއްޖެއަށް ޖެހެނީ ބޭސް އެތެރެކުރަން ކަމުން، ބޭރުގައި އުފައްދާ ބޭސްތައް ގެނައުމަށް ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. އެ މަސައްކަތްތައް ސްޓޭޓް ފާމާއާއި ހެލްތު މިނިސްޓްރީ ގުޅިގެން ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ރައްޔިތުންނަށް މިހާރު ފާހަގަކުރެއްވޭނެ ސްޓޭޓް ފާމާ މެދުވެރިކޮށް، ޑޮކްޓަރުން ލިޔުއްވާ ބޭސް ހޯދުމުގައި މިހާރު ވެސް ލުއިފަސޭހަތަކެއް އެބަހުރިކަމާއި އަދި އެ ބޭހެއް ގެނައުމުގައި ވީ އެންމެ އަވަހަކަށް ސްޓޭޓް ފާމާއިން މަސައްކަތް ކުރައްވައި އެ ބޭހެއް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދެއްވަމުން ގެންދަވާކަން،" ގީލާ ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ރާއްޖޭގައި ހިންގާ ފާމަސީތައް ދެ ގިންތިއަކަށް ބަހާލާއި، އެ ގިންތިއަކާ އެއްގޮތަށް އަަސާސީ ބޭސްތައް ލިބޭނެ ގޮތް ހަމަޖައްސަން ހަ މަހުގެ މުއްދަތެއް މޯލްޑިވްސް ފުޑް އެންޑް ޑުރަގް އޮތޯރިޓީން (އެމްއެފްޑީއޭ)އިން މިދިޔަ ޖުލައި މަހު ވަނީ ދީފައެވެ.
ސްޓޭޓް ފާމާ އުފެއްދި ފަހުން ވެސް، ރާއްޖޭގައި އެންމެ އާންމު ބައެއް ބަލިތަކަށް ބޭނުންކުރާ ބައެއް ބޭސްތައް ނުލިބޭ ކަމުގެ ޝަކުވާތައް ފެންމަތިވެފައިވެއެވެ.