އައްޑޫގައި ކެއްކުމުގެ ބޮޑު އިވެންޓެއް ބާއްވަނީ، ތަރުހީބު ރަނގަޅު

ޝެފްސް ގިލްޑްޑުން މީގެ ކުރިން ބޭއްވި ހަރަކާތެއްގެ ތެރެއިން -- ސަން ފައިލް ފޮޓޯ

"އައްޑޫ ކަލިނަރީ ފެސްޓިވަލް 2026"ގެ ނަމުގައި ކެއްކުމާ ބެހޭ ބޮޑު އިވެންޓެއް އައްޑޫގައި ބާއްވަން ތައްޔާރުވާން ފަށައިފިއެވެ.

މި އިވެންޓު އިންތިޒާމްކުރާ ޗެފްސް ގިލްޑުގެ ފަރާތުން 'ސަން'އަށް ބުނީ، މި އިވެންޓަށް މިހާރު ވެސް ގިނަ ބަޔަކު އިންތިޒާރުކުރާ ކަމަށާއި، އިވެންޓަށް އޮތް ތަރުހީބު ބޮޑު ކަމަށެވެ.

ޗެފްސް ގިލްޑުން ބުނީ، މި އިވެންޓުގެ ތެރޭގައި ކެއްކުމުގެ މުބާރާތަކާއި ކޭކު އެޅުމުގެ މުބާރާތެއްގެ އިތުރުން ކާބޯތަކެތީގެ ސާފުތާހިރުކަމާއި ސިއްހީ ކާނާގެ މުހިއްމުކަން ހިމެނޭހެން 10 އަހަރާއި 12 އަހަރާ ދެމެދުގެ ކުދިންނަށް ވެސް ޚާއްސަ ހަރަކާތްތަކެއް ހިމެނޭނެ ކަމަށެވެ.

އޭގެ އިތުރުން އައްޑޫގެ ޒަމާންވީ ކެއުންތައް ތައްޔާރުކުރާ ގޮތާއި އެ ކެއްކުންތައް ތައްޔާރުކުރަން ބޭނުންކުރާ ތަކެތި ހޯދާނެ ގޮތް ޒުވާނުންނަށް މި އިވެންޓުގެ ތެރެއިން ދައްކައިލައި އެކަމާ ގުޅޭ މައުލޫމާތު ދޭނެ ކަމަށް ޗެފްސް ގިލްޑުގެ ފަރާތުން މައުލޫމާތު ދެއެވެ. އައްޑޫގައި ޒަމާނުއްސުރެ މުއްސަނދި ކެއްކުންތައް ތައްޔާރުކުރާކަން އެ ޖަމިއްޔާއިން ވަނީ ފާހަގަކޮށްފައެވެ.

މި އިވެންޓުގައި އޮންނަ މުބާރާތްތަކާ ގުޅޭ ގޮތުން ޗެފްސް ގިލްޑުން އިތުރަށް ބުނީ، މުބާރާތްތަކުން ވަނަވަނައަށް ދާ ފަރާތްތަކަށް އެކި އިނާމުތައް ދޭނެ ކަމަށެވެ. އެ ޖަމިއްޔާއިން ބުނިގޮތުގައި ވަނަވަނައަށް ދާ ފަރާތްތަކަށް ފައިސާގެ އިނާމާއި ގިފްޓް ވައުޗަރާއި ގިފްޓް ހެމްޕާ ފަދަ އިނާމުތައް ދޭނެއެވެ.

އައްޑޫ ކަލިނަރީ ފެސްޓިވަލް އޮންނާނީ އައްޑޫ ސިޓީ ހިތަދޫގެ ނޫރާނީ ސްކޫލުގައި އަންނަ އޮކްޓޯބަރު މަހުގެ އަށްވަނަ ދުވަހުން ފެށިގެން 10ވަނަ ދުވަހުގެ ނިޔަލަށެވެ. މި އިވެންޓުގައި ބައިވެރިވުމުގެ މުއްދަތު ހުޅުވައިލައިފައިވަނީ މި މަހުގެ ނިޔަލަށެވެ.

މި އިވެންޓު ބާއްވަނީ ބައިނަލްއަގުވާމީ ޗެފުންގެ ދުވަހާ ގުޅުވައި ކަމަށް ވެސް ޗެފްސް ގިލްޑުގެ ފަރާތުން ބުންޏެވެ،

comment ކޮމެންޓް