އާޓިފިޝަލް ބީޗު ސަރަހައްދުގައި ފަރުވާކުޑަކޮށް ސައިކަލު ދުއްވި ވީޑިއޯއަކާ އެކު މައްސަލަ ފުލުހުންގެ ސަމާލުކަމަށް

މާލޭގެ ބޮޑުތަކުރުފާނު މަގުން އާޓިފިޝަލް ބީޗު ކުރިމަތީގައި ވަރަށް ފަރުވާކުޑަކޮށް އަދި ނުރައްކާތެރި ގޮތަކަށް ސައިކަލު ދުއްވި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން މި މައްސަލަ ބަލަން ފަށާފައިވަނީ މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކާ ގުޅިގެންނެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ޒުވާނަކު ސައިކަލު ދުއްވަމުން ދިޔައިރު އޭނާގެ ފަހަތުގައި ވެސް ފިރިހެނަކު އިނެވެ. އަދި ޓްރެފިކް ވަރަށް ބޮޑަށް ބާރުބޮޑުވެފައިވާ ވަގުތެއްގައި، ކާރު ލޭނުން ގޮސް، އެހެން ވެހިކަލްތަކަށް ހުރަސްއެޅޭ ގޮތަށް ނުރައްކާތެރިކޮށް މަޖީދީ މަގަށް ގޯޅިއަޅާ މަންޒަރު އެ ވީޑިއޯއިން ފެނެއެވެ. ނަމަވެސް އެއީ ކޮން ދުވަހަކު ހިނގި ހާދިސާއެއްކަން އަދި ސާފެއް ނުވެއެވެ.

މި ވީޑިއޯ އާންމުވެފައި މިވަނީ، ސިނަމާލެ ބްރިޖާއި ހައިވޭ ފަދަ އާންމު ދަތުރުފަތުރުގެ ބޮޑެތި މަގުތަކުގައި ނުރައްކާތެރި ގޮތްގޮތަށް ވެހިކަލް ދުއްވާ ވީޑިއޯތަކެއް ފަހަކަށް އައިސް ސޯޝަލް މީޑިއާގައި ގިނައިން ދައުރުވަމުންދާ ދަނޑިވަޅެއްގައެވެ.

ފުލުހުން ބުނީ، މީސްމީޑިއާގައި ދައުރުވަމުންދާ އެ ވީޑިއޯ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ގެއްލޭ ގޮތަށް އެ އަމަލު ހިންގި ފަރާތްތައް ދެނެގަނެ، އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި އާންމުންގެ ފުރާނައަށް ނުރައްކާވާ ފަދަ ގޮތްގޮތަށް ވެހިކަލް ދުއްވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

comment ކޮމެންޓް