ގެނބުމުގެ ހާދިސާތައް މަދުކުރުމަށް އާންމުން ހޭލުންތެރިކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފި

ގެނބުމުން ރައްކާތެރިވުމުގެ ދުވަހާ ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތް -- ފޮޓޯ: އެޗްޕީއޭ

ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ ގެނބުމުން ރައްކާތެރިވުމުގެ ދުވަހާ ގުޅިގެން، ގެނބުމުގެ ހާދިސާތައް މަދުކުރުމަށް އާންމުން ހޭލުންތެރިކުރުމުގެ ގޮތުން ހުޅުމާލެ ފޭސް އެކެއްގެ ބީޗުގައި ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

އެޗްޕީއޭއިން ބުނީ، މިއަދު ހެނދުނު 07:00 އިން 11:00 އަށް ކުރިއަށް ގެންދިޔަ މި ހަރަކާތުގެ މައިގަނޑު އަމާޒަކީ ގެނބުމުގެ ހާދިސާތަކުގައި މީހުން މަރުވާ އަދަދު މަދުކުރުމަށްޓަކައި މުޖުތަމައު ހޭލުންތެރިކުރުން ކަމަށެވެ.

މިއަހަރުގެ މި ދުވަހުގެ ޝިޢާރެއްގެ ގޮތުގައި" ޔުނައިޓް ޓު ޓާން ދަ ޓައިޑް" ކަނޑައަޅާފައިވާއިރު، މި ޝިއާރުން ބާރުއަޅަނީ ގެނބުމުން ރައްކާތެރިވުމަށް މުޅި މުޖުތަމައު ގުޅިގެން މަސައްކަތް ކުރުމުގެ މައްޗަށެވެ.

މި ހަރަކާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ ގީލާ އަލީ އެވެ. މީގެއިތުރުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ މަންދޫބު، ޕެއިޑެން އަދި ސަރުކާރުގެ އެކި ވުޒާރާތަކާއި، އަމިއްލަ ކުންފުނިތަކާއި ޖަމްޢިއްޔާތަކުގެ އިސްވެރިންނާއި މުވައްޒަފުން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ގެނބުމުން ރައްކާތެރިވުމުގެ ދުވަހާ ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތުގެ ތެރެއިން -- ފޮޓޯ: އެޗްޕީއޭ

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ އިސްނެގުމުގެ މަތިން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ޑަބްލިޔުއެޗްއޯ، އެމްވީ ސްވިމިން އެންޑް ލައިފް ސޭވިން ޓްރެއިނިން ސްކޫލް، މޯލްޑިވްސް ރެޑް ކްރެސެންޓް، އެމްއެންޑީއެފް، ހުޅުމާލެ ހޮސްޕިޓަލް، އަދި މޯލްޑިވްސް ޕޮލިސް ސާވިސް އިން ވަނީ ބައިވެރިވެފައެވެ.

އެޗްޕީއޭއިން މައުލޫމާތު ދިން ގޮތުގައި، ހަރަކާތްތަކުގެ ތެރޭގައި މީހަކު ގެނބޭ ހާލަތުގައި ސަލާމަތްކުރާނެ ގޮތްތަކާއި، އަވަސް ފަރުވާ ނުވަތަ ފުރަތަމަ އެހީ ދޭނެ ގޮތްތަކުގެ އަމަލީ ޑްރިލްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ކުއްލި ހާލަތްތަކުގައި އަމަލުކުރަންވީ ގޮތަށް އާންމުންނާއި ކުޑަކުދިން އަހުލުވެރިކުރުވުމުގެ އިތުރުން، ކުޑަކުދިން މޫދަށް ނުވަތަ ޕޫލަށް އެރޭއިރު ބެލެނިވެރިން ސަމާލުވާންވީ މުހިންމު ކަންކަމާ ގުޅޭގޮތުން ވެސް މައުލޫމާތު ފޯރުކޮށްދީފައިވެއެވެ.

މި ހަރަކާތް އިންތިޒާމުކުރި ފަރާތްތަކުން ފާހަގަކުރި ގޮތުގައި، ގެނބުމަކީ ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، ގަވާއިދުތަކަށް އަމަލުކޮށްފިނަމަ ހުއްޓުވިދާނެ ކަމެކެވެ. އެހެންކަމުން ކުޑައިރު ކުދިންނަށް ފަތަން ދަސްކޮށްދިނުމަށާއި، މޫސުމީ އިންޒާރުތަކަށް ސަމާލުވުމުގެ އިތުރުން، މޫދަށް އެރޭއިރު އެކަނި ނޭރި އަބަދުވެސް އެހީތެރިއަކާއެކު ދިއުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް