މި އަހަރު ނިމެންވާއިރަށް މަހާ ޖައްރާފާއަށް ވުރެ ތިން ގުނަ ބޮޑު ޖައްރާފާއެއް ގެނެވޭނެ، ބިން ހިއްކުން އަވަސްވާނެ: ރައީސް

މަހާ ޖައްރާފު ޑްރެޖަރު: މަހާ ޖައްރާފަށް ވުރެ ތިން ގުނަ ބޮޑު ޑްރެޖަރެއް ގެނެވޭނެ ކަމަށް ރައީސް ވިދާޅުވި --

މި އަހަރު ނިމުމުގެ ކުރިން މަހާ ޖައްރާފާއަށްވުރެ ތިން ގުނަ ބޮޑު ޑްރެޖަރެއް ގެނެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށާއި އޭރުން ބިން ހިއްކުމުގެ މަސައްކަތްތައް ބާރަށް ކުރިއަށް ދާނެ ކަމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމުން ގެނެސްދިން "ނޭޝަން ޗެޓް" ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، ބިން ހިއްކައި ތޮށިލުން ފަދަ އެތައް މަޝްރޫއެއް ހިންގަން ސަރުކާރާއެކު އެމްޓީސީސީން އެއްބަސްވެފައިވާ ކަން ފާހަގަކުރައްވައިފައެވެ. ރައީސް ވިދާޅުވީ ސަރުކާރުން މިހާރު މަސައްކަތްކުރަނީ އިތުރު ޖައްރާފާއެއް ހޯދައިދީ އެމްޓީސީސީގެ ބިން ހިއްކުމުގެ ގާބިލިއްޔަތުކަން އިތުރުކުރުމަށް ކަމަށެވެ.

"މިހާރު އެމްޓީސީސީގައި އޮތް މަހާ ޖައްރާފާގެ ތިން ގުނަ ބޮޑު ޖައްރާފާއެއް އިރާދަކުރެއްވިއްޔާ އެ ވަނީ ސެކިޔާކުރެވިފަ، ދެން އުންމީދު މި ކުރެވެނީ މި އަހަރު ނިމެންވާއިރަށް ރާއްޖެ ގެނެވޭނެ ކަމަށް އިނގޭތޯ،" ރައީސް ވިދާޅުވިއެވެ.

މިފަހަރު ގެންނަނީ އައު ޖައްރާފާއެއް ކަމަށާއި އެ ޖައްރާފާ ގެނެވުމާއެކު މިހާރު ނުފެށި ހުރި ބިން ހިއްކުމުގެ މަޝްރޫއުތައް ހަލުވިވެ، އެމްޓީސީސީގެ ބިން ހިއްކުމުގެ މަޝްރޫއުތައް ބާރަށް ކުރިއަށް ހިނގާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިހާރު ވެސް އެމްޓީސީސީގެ ބެލުމުގެ ދަށުގައި އެއް މަހާ ޖައްރާފާއަކާއި ފަސް ކަޓާ ޑްރެޖަރެއް އޮވެއެވެ. އެމްޓީސީސީން ބުނާ ގޮތުގައި ދުވާލަކު 38،000 ކިއުބިކް މީޓަރު ހިއްކުމުގެ ގާބިލުކަން އެބަ ހުއްޓެވެ.

comment ކޮމެންޓް