ސްރީލަންކާއަށް ކުރިއަށް އޮތް ދެ މަހު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް، ފެންބޮޑުވެދާނެ ކަމަށް ސަމާލުވުމަށް އެދިއްޖެ

ލަންކާގައި މިދިޔަ އަހަރު ފެންބޮޑުވުން: ކުރިއަށް އޮތް ދެ މަހު ބޯކޮށް ވާރޭ ވެހޭނެ ކަމަށް މެޓް ޑިޕާޓްމެންޓުން އަންދާޒާކުރޭ -- ފޮޓޯ/ އޭއެފްޕީ

ކުރިއަށް އޮތް އޮކްޓޫބަރު މަހާއި ނޮވެންބަރު މަހު ސްރީލަންކާއަށް ވާރޭވެހޭ މިންވަރު އިތުރުވެ، ފެންބޮޑުވުމުގެ ނުރައްކާ އޮތުމުން އެކަމަށް ތައްޔާރުވުމަށް އެ ގައުމުގެ މޫސުމާ ބެހޭ އިދާރާއިން އަންގައިފިއެވެ.

ސްރީލަންކާގެ މޫސުމާ ބެހޭ އިދާރާގެ އޮފިޝަލަކާ ހަވާލާދީ އެ ގައުމުގެ ނިއުސްވަޔާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، މޫސުން ލަފާކުރާ ގޮތުން ކުރިއަށް އޮތް ދެ މަހު މުޅި ގައުމަށް ވެސް ވާރޭވެހޭ މިންވަރު އިތުރުވާނެއެވެ. އޮކްޓޫބަރާއި ނޮވެންބަރު މަހަކީ ބޭ އޮފް ބެންގޯލްގައި އުފެދޭ ކޮޅިގަނޑުތަކާއި މޫސުމީ ބަދަލުތަކުގެ ސަބަބުން އާންމުކޮށް ވެސް ސްރީލަންކާގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވާ ދުވަސްވަރެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން، ވާރޭވެހޭ މިންވަރާއި އޭގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކަށް ބަލައި، ފެންބޮޑުވުމުގެ ހާލަތަކަށް ކަމާބެހޭ ފަރާތްތަކުން ދުރާލައި ތައްޔާރުވާން ޖެހިދާނެ ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ.

މީގެ އިތުރުން، މި މަހުގެ ބާކީ ދުވަސްތަކުގައި ވެސް ސްރީލަންކާގެ ހުޅަނގު ދެކުނުގެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ފަހަކަށް އައިސް ވާރޭ ނުވެހި މޫސުން ހޫނުކޮށް އޮތް ސަރަހައްދުތަކަށް، އަންނަ ހޯމަ ދުވަހުން ފެށިގެން ގުގުރުމާއެކު ބޯކޮށް ވާރޭވެހެން ފަށާނެ ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ.

މޫސުމާ ބެހޭ އިދާރާއިން ވަނީ، މި ދުވަސްވަރު ބައެއް ސަރަހައްދުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށާއި، އައްސޭރިފަށުގެ ބައެއް ހިސާބުތަކަށް ދެ މީޓަރާއި ތިން މީޓަރާ ދެމެދުގެ އުސްމިނެއްގައި ރާޅު ނަގާނެ ކަމަށް ވެސް ލަފާކޮށްފައެވެ. އެހެންކަމުން، އައްސޭރިފަށުގައި ދިރިއުޅޭ މީހުންނާއި މަސްވެރިންގެ އިތުރުން ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ އަންގައިފައެވެ.

comment ކޮމެންޓް