ކުޅުދުއްފުށީ ޕޯޓް ކުންފުނިން މުވައްޒަފުންނަށް ކުރި 13 މިލިއަންގެ ޚަރަދާއެކު، 12 މިލިއަނުގެ ގެއްލުމެއް

ކުޅުދުއްފުށީ ބަނދަރުގައި ކުރިއަށްގެންދިޔަ ޑްރިލްއެއްގެ ތެރެއިން: ކުޅުދުއްފުށީ ޕޯޓް ކުންފުނިން މުވައްޒަފުންނަށް ކުރި 13 މިލިއަންގެ ޚަރަދާއެކު، 12 މިލިއަނުގެ ގެއްލުމެއް ވަނީ ލިބިފައި -- ފޮޓޯ/ ކުޅުދުއްފުށީ ޕޯޓް ލިމިޓެޑް

ކުޅުދުއްފުށީ ޕޯޓް ކުންފުނިން މިދިޔަ އަހަރު މުސާރައާއި އުޖޫރައަށް އެކަނި 13.3 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، އެ ކުންފުންޏަށް ޖުމުލަ 12.3 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށް މާލީ ހިސާބުތަކުން ދައްކައިފިއެވެ.

އޮޑިޓް އޮފީހުން ނެރެފައިވާ، ކުޅުދުއްފުށީ ޕޯޓް ކުންފުނީގެ ރިޕޯޓުން ދައްކާ ގޮތުގައި މިދިޔަ އަހަރު އެ ކުންފުނިން ބަނދަރުގައި ދިން ޚިދުމަތްތަކުން 11.99 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ. އަދި ކުލިން ލިބުނު ފައިސާ ފަދަ އިތުރު އާމްދަނީގެ ގޮތުގައި އެ ކުންފުންޏަށް ވަނީ 1.52 މިލިއަން ރުފިޔާ ލިބިފައެވެ.

ކުޅުދުއްފުށީ ޕޯޓް ކުންފުނީގެ ޚަރަދުތަކަށް ބަލާއިރު، އެންމެ ބޮޑު ހޭދައެއްކޮށްފައިވަނީ މުސާރައަށެވެ. އެގޮތުން މުސާރައާއި އުޖޫރައަށް އެކަނިވެސް 13.3 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އޭގެ ކުރިން، 2024 ވަނަ އަހަރު ވެސް އެ އަދަދު 13.1 މިލިއަން ރުފިޔާއަށް އަރައެވެ.

ދެހާސް ސައުވީސް ވަނަ އަހަރާ އަޅައިބަލާއިރު، މިދިޔަ އަހަރު އެ ކުންފުނީގެ ޖުމްލަ ގެއްލުން ވެސް ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ގެއްލުން 12.3 މިލިއަނަށް އަރާއިރު، 2024ގައި އެ އަދަދު ހުރީ 11.3 މިލިއަން ރުފިޔާގައެވެ.

ކުޅުދުއްފުށީ ޕޯޓް ލިމިޓެޑަކީ ކުޅުދުއްފުށީ ސަރަހައްދީ ބަނދަރު ބަލަހައްޓައި، އޮޕަރޭޓް ކުރުމަށްޓަކައި ޖުލައި 2009 ގައި ރިޔާސީ ގަރާރަކުން އުފެއްދި ކުންފުންޏެކެވެ. އެ ބަނދަރު ހިންގަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ދަށުންނެވެ.

ރާއްޖޭގެ އުތުރުގެ އިގުތިސާދީ ހަބެއްގެ ގޮތުގައި ގާއިމުކޮށްފައިވާ ކުޅުދުއްފުށީ ވިޔަފާރި ބަނދަރު ފުޅާކޮށް، ޚިދުމަތްތައް އިތުރުކުރުމުގެ ރޭވުންތަކެއް އެމްޕީއެލްއިން މީގެ ކުރިން އިއުލާންކޮށްފައިވެއެވެ.

comment ކޮމެންޓް