ބުރާސްފަތި ދުވަހުގެ މެންދުރުފަހުން ފެށިގެން މެދުކެނޑުމެއްނެތި ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން، ތައިލެންޑުގެ ވެރިރަށް ބެންކޮކްއަކީ ކާރިސާގެ ހާލަތު މެދުވެރިވެފައިވާ ސަރަހައްދެއްގެ ގޮތުގައި އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ކަނޑައަޅައިފިއެވެ.
ވާރޭ ވެހުމުގެ ސަބަބުން ބެންކޮކްގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެ، އާންމު ދަތުރުފަތުރަށް ބޮޑެތި ހުރަސްތަކަކާ ވަނީ ކުރިމަތިވެފައެވެ. އަދި އެތައް ސަތޭކަ ބަޔަކު ވަނީ އެ މީހުންގެ ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުކުރަން ޖެހިފައެވެ.
ތައިލެންޑުގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުން ބުނެފައިވާ ގޮތުގައި، އާދީއްތަ ދުވަހުގެ ނިޔަލަށް އެ ގައުމުގެ ގިނަ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ބެލެވެއެވެ. ރަސްމީ ފަރާތްތަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ބުރާސްފަތި ދުވަހުން ފެށިގެން ބެންކޮކްގެ ގިނަ ސަރަހައްދުތަކަށް 30 ސެންޓިމީޓަރު (11.8 އިންޗި) އަށް ވުރެ ގިނައިން ވާރޭވެހިފައިވެއެވެ. މިކަމުގެ ސަބަބުން މުޅި ސިޓީގައި، ޚާއްސަކޮށް މެދުތެރެއާއި އިރުމަތީ ސަރަހައްދުތަކުގައި ފެންބޮޑުވެ، މައި މަގުތައް ބަންދުވެ، ޓްރެފިކް ވަނީ އެއްކޮށް ހުއްޓިފައެވެ.
މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން އެތައް ބަޔަކަށް ވަނީ އެ މީހުންގެ އުޅަނދުތައް މަގުމައްޗަށް ދޫކޮށްލަން ޖެހިފައެވެ. އަދި ބެންކޮކްގެ ގިނަ ވިޔަފާރިތަކެއް މިއަދު ބަންދުކުރަން ޖެހުނުއިރު، ބައެއް ބަސް ދަތުރުތައް ވެސް ވަނީ މެދުކަނޑާލާފައެވެ. ބެންކޮކްގެ ހުރިހާ ސަރަހައްދެއްގައި ފެންބޮޑުނުވި ނަމަވެސް، ކަމާބެހޭ ފަރާތްތަކަށް އަވަހަށް ހަރަކާތްތެރިވުމުގެ ފުރުސަތު ދިނުމަށާއި، މީހުން ސަލާމަތްކުރުމުގެ މަސައްކަތް ހަލުވިކުރުމުގެ ގޮތުން، ސިޓީގެ 50 ޑިސްޓްރިކްޓް ވަނީ ފެންބޮޑުވުމުގެ ކާރިސާގެ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައެވެ.
ފެންބޮޑުވެފައިވާ ސަރަހައްދެއް: ފެންބޮޑުވުމުގެ އަސަރު 81000އަށްވުރެ ގިނަ މީހުންނަށް ކޮށްފައިވޭ -- ފޮޓޯ/ ރޮއިޓާސްބެންކޮކްގެ ގަވަރުނަރު ޗަޑްޗާޓް ސިޓިޕުންޓް ވިދާޅުވި ގޮތުގައި، ވިއްސާރައިގެ ސަބަބުން އެންމެ ބޮޑަށް ގެއްލުންވެފައިވަނީ ސިޓީގެ އިރުމަތީ ސަރަހައްދުތަކަށެވެ. އޭނާ ވަނީ، މިއަދުގެ މެންދުރުފަހާ ހަމައަށް ހާލަތު ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި، އިތުރަށް ވާރޭ ނުވެހޭނަމަ މައްސަލަ ހައްލުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.
އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ބުރާސްފަތި ދުވަހުން ފެށިގެން ގާތްގަނޑަކަށް 300 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، އަދިވެސް އިތުރަށް ވާރޭވެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ބެންކޮކްގައި ފެން ހިންދުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދިޔަ ނަމަވެސް، ކޯރުތަކާއި ކާނުތައް ފުރިފައިވުމުން އެކަމަށް ވަނީ ހުރަސްތަކަކާ ކުރިމަތިވެފައެވެ. އެހެންކަމުން، ކޯރުތަކާ ކައިރީގައި ދިރިއުޅޭ މީހުންގެ މުދާ ރައްކާތެރި ހިސާބުތަކަށް ބަދަލުކުރުމަށާއި، ސިއްހީ ހާލަތު ހުރިގޮތުން އެނދުމަތިކޮށްފައިވާ ބަލިމީހުންނާއި މެޝިނުގެ އެހީގައި ފަރުވާ ހޯދަމުންދާ މީހުން ވަގުތީ ގޮތުން ހޮސްޕިޓަލުތަކަށް ބަދަލުވުމަށް ގަވަރުނަރު ވަނީ އިލްތިމާސްކުރައްވާފައެވެ.
މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރުމަށްޓަކައި ސިޓީގެ އެކި ސަރަހައްދުތަކުގައި 200 އަށް ވުރެ ގިނަ ވަގުތީ ހިޔާ ގާއިމުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި ވިއްސާރައިގެ އަސަރު މުޅި ތައިލެންޑަށް ކުރަމުންދާއިރު، މިއަދާ ހަމައަށް އެ ގައުމުގެ 21 ޕްރޮވިންސަކުން 84،000 އަށް ވުރެ ގިނަ މީހުންނަށް ފެންބޮޑުވުމުގެ ސަބަބުން ވަނީ އަސަރުކޮށްފައެވެ. ތައިލެންޑުގެ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، އެންމެ ބޮޑަށް ގެއްލުންވެފައިވަނީ ގައުމުގެ މެދުތެރޭގެ ސަރަހައްދުތަކަށެވެ. މިކަމާ ގުޅިގެން، ގެއްލުން ލިބިފައިވާ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންގެ މޯބައިލް ފޯނުތަކަށް ކުއްލި ނުރައްކަލުގެ އިންޒާރުގެ މެސެޖުތައް ފޮނުވުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ވަނީ ފަށާފައެވެ.
މީގެ އިތުރުން، ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި ތާށިވެފައިވާ މީހުން ސަލާމަތްކުރުމަށާއި، އެ މީހުންނަށް ބޭނުންވާ ޒަރޫރީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމާބެހޭ އިދާރާތަކުން ދަނީ ހަރަކާތްތެރިވަމުންނެވެ.
ތައިލެންޑަކީ ޗުއްޓީއަށާއި ވިޔަފާރިއާއި ސިއްހީ ފަރުވާ ހޯދުމުގެ ބޭނުމުގައި ދިވެހީން އާންމުކޮށް ގޮސް އުޅޭ ގައުމެކެވެ.