ދީނީ ދައުވަތުގައި މަސައްކަތްކުރާ ޖަމިއްޔާތަކަށް ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި 1.2 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
ޖަމްޢިއްޔާތަކުގެ އަހަރީ ބައްދަލުވުން 2026 ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވަމުން މިނިސްޓަރު ޝަހީމް ވަނީ، ދީނީ ދަޢުވަތުގައި މަސައްކަތްކުރާ ޖަމްޢިއްޔާތަކުގެ އެކިއެކި ވަސީލަތްތައް ހޯދައިދިނުމަށް މިނިސްޓްރީން އެހީ ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި އިސްލާމީ ސްޓޫޑިއޯތައް ގާއިމުކުރުމާއި، ގުރުއާން ކުލާސްތަކަށް ބޭނުންވާ ވަސީލަތްތައް ހޯދައިދިނުން ފަދަ ކަންކަން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ވަރަށް ރަނގަޅަށް ހިންގާ ޖަމިއްޔާތަކަށް މާލީ ގޮތުން ދެމެހެއްޓެނިވި ވަސީލަތްތައް ގާއިމްކޮށްދިނުމަށް ވެސް މިނިސްޓްރީން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.
ފާއިތުވެދިޔަ ދެތިން އަހަރު ދުވަހުގެ ތެރޭގައި އިސްލާމީ ދާއިރާގައި މަސައްކަތްކުރާ ޖަމިއްޔާ ޖަމާތްތަކާއެކު އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވުޒާރާއިން ވަރަށް ގާތުން މަސައްކަތްކޮށް އެހީތެރިކަން ފޯރުކޮށްދީފައިވާނެ. އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު
މިނިސްޓަރު ވަނީ އިސްލާމީ ދައުވަތުގެ މަސައްކަތް މުޅި ރާއްޖޭގައި ކުރެވޭނީ އެއްބަޔަކު އަނެއްބަޔަކާ ގުޅިގެން ކަމަށް ވިދާޅުވެފައެވެ. އަދި އިސްލާމީ ދައުވަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާ މިފަދަ ޒަމާނެއްގައި އެކުވެރިކަމާއެކު ކުރެވޭ މަސައްކަތްތަކަކީ ކާމިޔާބު މަސައްކަތަކަށް ވާނެ ކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން އެއްބަޔަކު އަނެއްބަޔަކަށް ވާންޖެހޭނީ، އެއްބަޔަކު އަނެއްބަޔަކު ފުރިހަމަކޮށްދޭ ބަޔަކަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޖަމިއްޔާތަކުގެ އަހަރީ ބައްދަލުވުން 2026ގައި 53 ޖަމިއްޔާއަކުން 60 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެެވެ.