ކުށްތަކުގައި ޝާމިލުވާ މީހުން ރާއްޖެ އައުމުގެ ކުރިން އެނގޭނެ ގޮތަށް، ދަތުރުކުރާ މީހުންގެ މައުލޫމާތު ހޯދުމުގެ ގަވައިދެއް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި އިމިގްރޭޝަން އޮފިސަރުން: ކުށްތަކުގައި ޝާމިލުވާ މީހުން ރާއްޖެ އައުމުގެ ކުރިން އެނގޭނެ ގޮތަށް، ދަތުރުކުރާ މީހުންގެ މައުލޫމާތު ހޯދުމުގެ ގަވައިދެއް ވަނީ އެކުލަވާލައިފައި -- ފޮޓޯ/ އެމްއޭސީއެލް

ރާއްޖެއަށާއި ރާއްޖޭން ބޭރަށް ވައިގެ މަގުން ފުރާ އުޅަނދުފަހަރާއި އެ އުޅަނދުފަހަރުގައި ދަތުރުކުރާ މީހުންގެ މައުލޫމާތު މޯލްޑިވްސް އިމިގްރޭޝަނަށް ފޯރުކޮށްދިނުމުގެ ގަވައިދެއް އެކުލަވާލައިފިއެވެ.

އިމިގްރޭޝަނުން ގެޒެޓުކޮށްފައިވާ ގަވައިދުގައިވާ ގޮތުން އެއީ އިމިގްރޭޝަންގެ ގާނޫނާއި ރާއްޖޭން ބައިވެރިވެފައިވާ ވައިގެ ދަތުރުފަތުރުގެ މުއާހަދާއަށް ރިއާޔަތްކޮށް އެކުލަވައިލައިފައިވާ ގަވައިދެކެވެ.

އެ ގަވައިދުގެ މަގުސަދަކީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި، ރާއްޖެއަށް އަންނަ އުޅަނދެއްގައި ތިބި މީހުންނާއި ރާއްޖޭން ފުރާ އުޅަނދެއްގައި ތިބި މީހުންގެ މައުލޫމާތު، އިމިގްރޭޝަނަށް ހުށަހަޅާނެ އިޖުރާތު ކަނޑައެޅުން ކަމަށް ގަވައިދުގައިވެއެވެ.

ހަމައެއާއެކު، އެއީ ބިދޭސީންގެ ތެރެއިން، ނުރައްކާތެރި ކުށްކުށާއި އިންތިޒާމުވެގެން ކުރާ ބޮޑެތި ކުށްތަކުގައި ޝާމިލުވާ މީހުންނާއި ޓެރަރިސްޓު ޖަމާއަތްތަކަށް ނިސްބަތްވާ މީހުންނާއި އެފަދަ ޖަމާއަތްތަކާ ގުޅުންހުރި ކަމަށް ބެލެވޭ މީހުންނާއި ޓެރަރިސްޓުން ކަމަށް މައުލޫމާތު ލިބިފައިވާ މީހުން ރާއްޖެ އެތެރެވުމުގެ ކުރިން ދުރާލައި ދެނެގަތުމަށް މަގުފަހިވާނެ އިންތިޒާމެއް ހަމަޖެއްސުމުގެ ބޭނުމުގައި ހެދި ގަވައިދެއް ކަމަށް ބަޔާންކޮށްފައިވެއެވެ.

އެ ގަވައިދު ހިނގާނީ، ރާއްޖެއަށް ވައިގެ މަގުން އަންނަ އުޅަނދުފަހަރާއި، ބޭރަށް ފުރާ އުޅަނދުތަކާއި އެފަދަ އުޅަނދެއްގެ މިލްކުވެރިކަން ލިބިފައިވާ ފަރާތްތަކާއި، ޗާޓަރުކޮށްފައިވާ ފަރާތްތަކާއި، އޭޖެންޓުކަން ކުރާ ފަރާތްތަކުގެ އިތުރުން އުޅަނދުގެ ކެޕްޓަނުންނާއި އެ ނޫން ވެސް އެފަދަ އުޅަނދެއްގެ މައްޗަށް ޒިންމާވާ އެންމެންނަށެވެ.

އެ ގަވައިދުގެ ދަށުން ފޯރުކޮށްދޭން ޖެހޭ މައުލޫމާތުގެ ތެރޭގައި ދަތުރުކުރާ ބޯޓުގެ މައުލޫމާތާއި، ފުރާ ދުވަހާއި ވަގުތާއި، ޖައްސާ ދުވަހާއި ގަޑިއާއި، ފަސިންޖަރުންގެ އަދަދު ހިމެނެއެވެ. އަދި ފަސިންޖަރުންގެ ނަމާއި ޖިންސާއި ގައުމާއި ޕާސްޕޯޓް ނުވަތަ އެފަދަ ލިޔެކިޔުމުގެ ނަންބަރު ހިމެނެއެވެ.

މީގެ އިތުރުން އެ ފަސިންޖަރެއްގެ ސީޓު ނަންބަރާއި، ދާގީނާގެ މައުލޫމާތާއި، ވިސާގެ މައުލޫމާތާއި އެ މީހާގެ ދާއިމީ އެޑްރެހުގެ އިތުރުން، އެ މީހަކު ދަތުރުކުރާ މަންޒިލެއްގެ އެޑްރެސް ވެސް އިމިގްރޭޝަނާ ހިއްސާކުރަން ޖެހެއެވެ.

އިމިގްރޭޝަނުން ވަނީ އެ މައުލޫމާތު ހިއްސާކުރާނީ އެ އިދާރާގެ އިތުރުން، ކަސްޓަމްސްއާ ކަމަށެވެ. އަދި، ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސް އިދާރާއަކާ ހިއްސާކުރަން ޖެހޭ ހާލަތުގައި، އެ އިދާރާއަކާ ހިއްސާކުރާނެ ކަމަށް ގަވައިދުގައިވެއެވެ.

އެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 2،000 ރުފިޔާގެ ޖޫރިމަނާއެއް ކުރެވޭއިރު، އިމިގްރޭޝަނުން މައުލޫމާތުގެ ސިއްރު ހިފަހައްޓަން ވާނެ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.

އެ ގަވައިދަށް އަމަލުކުރަން ފަށާނީ އަންނަ މަހުގެ 30އިން ފެށިގެންނެވެ.

ރާއްޖެއަކީ ޗުއްޓީއަށާއި ވަޒީފާ އަދާކުރުމަށް ކޮންމެ އަހަރަކު ވެސް ގިނަ އަދަދެއްގެ ބިދޭސީން އަންނަ ގައުމެކެވެ.

comment ކޮމެންޓް