މިސްކިތްތަކަށް ތަކުރާރުކޮށް ގެއްލުންދޭކަމަށް ތުހުމަތުވާ މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

މިސްކިތަށް ގެއްލުންދީގެން ހައްޔަރުކުރި ނައުޝާދު މޫސާ --- ފޮޓޯ: ފުލުހުން

މާލެ ސަރަހައްދުގައި ތަކުރާރުކޮށް މިސްކިތްތަކަށް ގެއްލުންދޭ ކަމަށް ތުހުމަތުވާ މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގ. މާލެހިޔާ، އުމުރުން 32 އަހަރުގެ ނައުޝާދު މޫސާއެވެ.

ކޯޓު އަމުރުގައިވާ ގޮތުން އޭނާ ހައްޔަރުކޮށްފައިވަނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ތުހުމަތުގައެވެ.

ކޯޓު އަމުރުގައިވާ ގޮތުން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވަނީ، ތުހުމަތުކުރެވޭ ކުށް އޭނާ ކުރިކަމަށް އެކަށީގެންވާ ވަރަށް ހެކި ހުށަހަޅާފައިވުމުންނެވެ. އެގޮތުން ކުށުގެ ވެއްޓަށް ދިޔަ ފުލުސްމީހާގެ ބަޔާނާއި ހާދިސާ ރިޕޯޓާއި މާލޭ ސިޓީ ކައުންސިލަށް ފޮނުވާފައިވާ ސިޓީއެއް ހެކީގެ ގޮތުގައި ހުށަހަޅައިފައިވެއެވެ. އަދި އޭނާ ހައްޔަރުކުރި ވަގުތު ލައިގެންހުރި އަންނައުނު ދައްކުވައިދޭ ފޮޓޯ ސެޓަކީ ވެސް ކޯޓަށް ހުށަހަޅައިފައިވާ އެއްޗެއް ކަމަށް އަމުރުގައިވެއެވެ.

ކޯޓު އަމުރުގައި އިތުރަށް ބުނެފައިވަނީ އޭނާ އަކީ އެފަދަ ކުށްކުރާ މީހެއްކަން އޭނާގެ ހައްޔަރު އަދި ބަންދުލޮގަށް ބެލުމުން އެނގޭ ކަމަށާއި އޭނާއަކީ އިތުރު ބާވަތްތަކުގެ ރެކޯޑު އޮތް މީހެއް ކަމަށެެވެ.

އެހެންކަމުން އޭނާ ބަންދުން ދޫކޮށްލައިފިނަމަ އޭނާގެ ފަރާތުން އެ ކުށް ތަކުރާރުކޮށްފާނެ ކަމަށް ބެލެވޭ ކަމަށްވެސް ކޯޓު އަމުރުގައިވަނީ ބުނެފައެވެ.

މިސްކިތްތަކަކަށް ގެއްލުންދީގެން ނައުޝާދު ވަނީ މި މަހުގެ 11 ވަނަ ދުވަހުވެސް ހައްޔަރުކޮށްފައެވެ.

https://sun.mv/227290

އޭރު އޭނާގެ ބަންދަށް ކޯޓުން ޖެހީ 15 ދުވަހެވެ.

ރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ ދަށުން މިސްކިތަކަށް ނުވަތަ އަޅުކަންކުރާ ތަނަކަށް ގެއްލުން ދިނުމަކީ ބޮޑު ކުށެކެވެ. މިސްކިތަކަށް ގެއްލުން ދިނުމަކީ އާންމު ގޮތެއްގައި ޖިނާޔަތުގެ ފަސް ވަނަ ދަރަޖައިގެ ކުށެކެވެ. މި ދަރަޖައިގެ ކުށަކަށް އަންނަ އަސާސީ އަދަބަކީ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް، ދެވުނު ގެއްލުމުގެ ކުޑަބޮޑުމިނަށް ބަލައި އަދަބު ދެ އަހަރަށްވުރެ ދިގު މުއްދަތަކަށް އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ.

comment ކޮމެންޓް