ހުރުމުޒު ހުޅުވަން އީރާން ހުށަހެޅި ހުށަހެޅުމަށް ޓްރަމްޕް ދެކޮޅު ހަދައިފި

ޓްރަމްޕް

ވޮޝިންޓަން (26 ސެޕްޓެމްބަރު 2026): އެމެރިކާއިން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ބަންދުކުރި ހުރުމުޒު ކަނޑުއޮޅި އަލުން ހުޅުވުމަށް އީރާނުން ހުށަހެޅި ހުށަހެޅުމަށް އެމެރިކާ ދެކޮޅު ހަދައިފިއެވެ.

އެމެރިކާގެ އިސް މަސްއޫލުވެރިންނާ ހަވާލާދީ "ވޯލްސްޓްރީޓް ޖާނަލް" ބުނާގޮތުން ޓްރަމްޕް ވަނީ އީރާނުގެ ހުށަހެޅުން ގަބޫލުކުރަން ދެކޮޅު ހަދާފައެވެ. އަދި އީރާންއާ ދެކޮޅަށް ހަމަލާތައް އަލުން ފެށުމަށް ތައްޔާރުވުމަށް ވެސް ޓްރަމްޕް ވަނީ އެމެރިކާގެ އަސްކަރިއްޔާއަށް އަމުރު ކޮށްފައެވެ.

ހުރުމުޒު ކަނޑުއޮޅިއަކީ ކުރިން ހުޅުވާފައިވާ ތަނެކެވެ. ނަމަވެސް އިސްރާއީލާއި އެމެރިކާ އީރާނާ ދެކޮޅަށް ފެށި ޣައިރު ގާނޫނީ ހަނގުރާމައާއެކު އެދެގައުމުން އީރާނުގެ އިސްވެރިންނާއި ސްކޫލްކުދިން ޝަހީދުކޮށް އީރާންއާ ދެކޮޅަށް ހިންގަންފެށި ޓެރަރިޒަމްގެ އަމަލުތަކާ ގުޅިގެން އަމިއްލަ ނަފްސުގެ ދިފާއުގައި އީރާންވަނީ ހުރުމުޒު ކަނޑުއޮޅި ބަންދުކޮށްފައެވެ. މިއާއެކު އީރާންވަނީ އެގައުުން ކަނޑައަޅާ ޝަރުތުތަކާ އެއްގޮތަށް ނޫނީ ދެން އެތަން ނުހުޅުވާނެކަންވެސް ހާމަކޮށްފައެވެ.

ހުރުމުޒުކަނޑުއޮޅި ބަންދުކުރުމާއެކު ގަލްފުގެ ގައުމުތަކުގެ ތެޔޮ ބޭރުކުރުން ގާތްގަނޑަކަށްވަނީ ހުއްޓުމަކަށް އައިސްފައެވެ. މިއާއެކު ދުނިޔޭގައި ތެލުގެ އަގު އިންތިހާއަށް ބޮޑުވުމުން އެމެރިކާގެ ރައްޔިތުންގެ ފަރާތުން ޓްރަމްޕަށްވަނީ ބޮޑެތި ފިއްތުންތަކެއް ކުރިމަތިވެ އޭނާގެ ތާއީދު ގެއްލެން ފަށައިފައެވެ.

އީރާން ހިސާރުކުރުމަށްޓަކައި އެމެރިކާ އުޅުނީ ގަލްފުގެ ހުރިހާ ގައުމުތަކެއްގައާއި އުރުދުންގައި އަސްކަރީ މަރުކަޒުތަކާއި ބޭސްތައް ގާއިމްކޮށް ހާލި ހަދައިގެންނެވެ. ނަމަވެސް އީރާނުގެ ރައްދު ހަމަލާތަކުގައި އެމެރިކާގެ ހާލިތައް ވަނީ ގާތްގަނޑަށް އެއްކޮށް ހަލާކުކޮށްލާފައެވެ. ގަލްފުގެ ބަދަލުގައި އެމެރިކާގެ ސެންޓްކޮމްގެ މައިމަރުކަޒުގެ ގޮތުގައި މިހާރު ހަމަޖައްސާފައިވަނީ ފޯޅަވަހީގައިވާ އެމެރިކާގެ އަސްކަރީ ބޭސް އެވެ.

އީރާންވަނީ އެ ގައުމާ ދެކޮޅަށް އެމެރިކާ އުދުވާނީ ހަމަލާތަކާއި ޓެރަރިޒަމްގެ އަމަލުތައް އަލުން ފަށައިފިނަމަ ގަލްފާއި އުރުދުންގައިވާ އެމެރިކާގެ ތަންތަނުގެ އިތުރުން އިންޑިއާ ކަނޑުގައިވާ އެމެރިކާގެ މަސްލަހަތުތަކަށާއި ޔޫރަޕްގައިވާ އެމެރިކާގެ ބޭސްތަކަށްވެސް ރައްދު ހަމަލާތައް ދޭނެކަމުގެ އިންޒާރު ދީފައެވެ.

އީރާންއާ ދެކޮޅަށް އަލުން ހަމަލާތައް ފަށާނެކަމުގެ އިންޒާރުތައް ޓްރަމްޕް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ދެއެވެ. ނަމަވެސް ހަމަލާތައް ފަށަން ނުކުރެނީ އީރާނުގެ ރައްދު ހަމަލާތައް ވަރުގަދަވާނެކަމަށް ބެލެވުމުގެ އިތުރުން އެހަމަލާތަކުން ދިފާއުވުމަށް ބޭނުންވާ އެންޓި ޑިފެންސް މިސައިލްތަކާއި ބެޓްރީތަކުގެ ސްޓޮކް އެމެރިކާގައި ނެތުމުންކަމަށް ރިޕޯޓްތައް ބުނެއެވެ.

އެމެރިކާގެ ކުރިމަތީގައި ކުޑަކަކޫ ޖެހުމަށް އީރާނަށް މަޖުބޫރު ކުރުވުމަށްޓަކައި އެމެރިކާވަނީ އީރާނުގެ ބަނދަރުތައް ހިސާރުކޮށް ތެޔޮ އެކްސްޕޯޓްކުރުން ހުއްޓުވުމަށް ގިނަ ފިޔަވަޅުތަކެއް އަޅައިފައެވެ. އަދި މިދިޔަ ހަފްތާގައި އެމެރިކާވަނީ އީރާނުގެ ވައިގެ ދަތުރުފަތުރު ހުއްޓުވުމަށްޓަކައި އީރާނުގެ 27 އެއާލައިންއަކާ ދެކޮޅަށް ފިޔަވަޅު އަޅައިފައެވެ.

މިއާއެކު ބައެއް ގައުމުތަކުން އެމެރިކާދެކެ ބިރުން އެމެރިކާއަށް ބޯލެނބިނަމަވެސް އީރާނުގެ އެއާލައިން ތަކުން ރަޝިއާ ބެލަރޫސް އަދި ޗައިނާއަށް ކުރާ ދަތުރުތަކަށް ހުއްޓުވާލުމުގައި އެމެރިކާވަނީ ފެއިލްވެފައެވެ.

comment ކޮމެންޓް