﷽

ކުރިމަތީގައި ހުރި އިމާރާތަށް ބަލަން އިރުކޮޅަކު މަޑުކޮށްލީމެވެ. ދިވެހީންގެ އަތްތެރި މަސައްކަތްތަކެއް ފެންނަމުންދިޔަ އެ އިމާރާތުގެ ބޭރުންވެސް ފަތުރުވެރިންނަށް ހާއްސަ މަންޒިލެއްކަން އަންގައިދެއެވެ. ދެ ފަންގިފިލާއަށް ހަދާފައިވާ އިމާރާތުގެ ފުރާޅުގެ ބޮޑުބައެއްގައި ފަން ބޭނުންކޮށްފައި ހުއްޓެވެ. ދޮރުތައް ހަދާފައި ހުރީ ލަކުޑިންނެވެ. ގޯތިތެރޭގައި ފަނުން ހިޔާކޮށްފައިވާ ކުޑަތަކުގެ ދަށުގައި ބަހައްޓާފައިވާ އުނދޯލިތަކާއި، ޖޯލިފަތިތަކުން ދިވެހިންގެ މަސައްކަތްތެރިކަން ހާމަކޮށްދެއެވެ.

ލަކުޑި ގޭޓުގެ މަކުޑި ނައްޓާލުމާއިއެކު، ކުރަކި އަޑެއް ކިޔެވެ. ގޯތިތެރެއަށް ވަދެގެން ދެވޭނޭހެން ހަދާފައިވާ ވޯކްވޭގެ ދެފަރާތުގައި ތަފާތު ވައްތަރުގެ ގަސްތައް ހައްދާފައި ހުއްޓެވެ. އަޅާފައިވާ މާތަކުން ތަނަށް ދިރުން ގެނެސްދީފައިވިއެވެ. އޮއްސެމުންދިޔަ އިރުގެ ރަން ދޯދިތައް އެ މާތަކަށް އެޅިފައިވާއިރު، ފެންނަނީ ނުހަނު ހިތްގައިމުކޮށެވެ. ވޯކުވޭ ފާހަގަކުރުމަށް ބޭނުންކޮށްފައި ހުރީ އަކިރި އާއި ކަށި ވެއްޔެވެ. އެންމެ ފުރަތަމަވެސް އަހަރެންގެ ނޭފަތުގައި ހަރުލީ ފިނިފެންމަލުގެ މީރުވަހެވެ. މުޅި ހިސާބަށް އެ ވަސް ފެތުރިފައިވިއެވެ.

ގައިގައި ބީހިލި ފިނިފިނި ރޯޅި އާއިއެކު، އަތިރިމައްޗަށް ބީއްސައިލި ރާޅުގެ މަޑު މިޔުޒިކީ އަޑު ކަންފަތާއި ހަމައަށް ފޯރިއެވެ. އަހަރެންގެ ފިޔަވަޅުތައް ހުއްޓުނެވެ. ވަށައިގެން ނަޒަރު ހިންގައިލަން މަޖުބޫރު ވިއެވެ. ކުރެދި ގަސްތަކާއި މަގޫ ގަސްތަކުން ބެދިފައިވިޔަސް، އެތަން މޫދާއި ކިހާ ކައިރި ކަން އަހަންނަށް އިހުސާސްކުރެވުނެވެ.

"އޯޝަން ޕާލް ގެސްޓްހައުސް..." އިމާރާތުގެ ބޭރުގައި ހަރުކޮށްފައިވާ ބޯޑުގައި ލިޔެފައިވާ ނަން ކިޔައިލީމެވެ.

"ކަމް އިންސައިޑް..."

އިބްރާހީމް ހުރީ ގެސްޓްހައުސްގެ ދޮރު ހުޅުވައިގެންނެވެ. ފެންނަ ފެނުމަށް، އުމުރުން ފަންސާހުގެ އަހަރުތައް ގުނަމުންދާ އިބްރާހީމަކީ ތަނުގެ ވެރިމީހާކަން އެންމެ ފުރަތަމަ ނަޒަރުންވެސް އަހަންނަށް އެނގުނެވެ.

"މީ އައިލިޝްގެ ފުރަތަމަ ދުވަސް... ކަމެއް ހަނދާންނެތުނަސް އެއީ މައްސަލައެއް ނޫން..." އަހަރެން އެތެރެއަށް ވަނުމުން، އިބްރާހީމް ބުނެލިވެ. އޭނާ ވާހަކަ ދެއްކީ އިނގިރޭސި ބަހުންނެވެ. "ކުޑަ ދުވަސްކޮޅެއްގެތެރޭ ހުރިހާ ކަމެއް ދަސްވާނެ... މިތާ އުޅެން އެހާ އުނދަގުލެއް ނުވާނެ..."

"ޝުކުރިއްޔާ..." އަހަރެން ހަދިޔާކުރީ ލުއި ހިނިތުންވުމެކެވެ.

ރިސެޕްޝަންއަށް ހާއްސަކުރެވިފައިވާ ބައި ކުޑަ ނަމަވެސް، ދަތިކަމެއްނެތި އުޅެލެވޭ ވަރުގެ ޖާގަ ހުއްޓެވެ. ލަކުޑި މޭޒުގެ މަތީގައި ލެޕްޓޮޕަކާއި، ފޯނެއްގެ އިތުރުން ރަޖިސްޓަރީއެއް އޮތެވެ.

"މީ ޑިއުޓީ ގަޑީގަ އައިލިޝް އެންމެ ގިނަ ވަގުތު ހޭދަކުރަންޖެހޭ ތަން..." ރިސެޕްޝަން މޭޒަށް އިޝާރާތް ކުރަމުން އިބްރާހީމް ބުންޏެވެ. "ގެސްޓުންގެ ކަންކަން ބެލެހެއްޓުމާ، ފޯނަށް ޖަވާބު ދިނުމާ، ބުކިންތައް ހެދުން... އަހަރެން ނެތް ގަޑީ ތަނުގެ ކަންކަން ބަލަންވާނެ... ދެން އެއީ އޮފީސް..."

އިބްރާހީމް އިޝާރާތް ކުރީ ރިސެޕްޝަން މޭޒުގެ ފަހަތުން ފެންނަން ހުރި ލަކުޑި ދޮރަށެވެ.

"އަހަރެން ގިނަ ވަގުތު އުޅޭނީ އެތާ... ކަމެއް ބޭނުންވެއްޖެއްޔާ، އިޝާރާތެއް ކޮށްލީމަ ރަނގަޅުވާނެ..."

އަހަރެން ބޯޖަހައިލުމުން، އިބްރާހީމް ހިނގައިގަތީ، ކެއުމުގެ އިންތިޒާމްތައް ހަމަޖައްސާފައިވާ ބަޔަށެވެ. ކުޑަ ބަދިގެއަކާއިއެކު، ހަދާފައިވާ އެ ތަނުގައި މޭޒުތައް އަތުރާފައި ހުރިއިރު، އިމާރާތުގެ ފަހަތުން ގޯތި ތެރޭގައި އޮތް ހުސް ޖާގައިގައިވެސް މޭޒު އަތުރާފައި ހުއްޓެވެ. ކާންޏާއި، ދިއްގާ ގަސްތަކުން މަތި އެއްކޮށް ވަނީ ބެދިފައެވެ.

"ބްރޭކްފަސްޓް ސާވްކުރާނީ މިތާ... މޫސުން ގޯސް ނޫނިއްޔާ، ގިނަ ގެސްޓުން ތިބޭނީ މިތާ ބޭރުގަ..." އިބްރާހީމް އިތުރު ތަފްސީލް ދިނެވެ.

އަހަރެންގެ ނަޒަރު ހުއްޓުނީ، އަތިރިމައްޗަށެވެ. މަގޫ ގަސްތަކާއި، ބޯށިގަސްތައް ރީތިކޮށް ކޮށައި، ބަލަހައްޓާފައިވާއިރު، އަތިރިމަތި ރީކޮށް ފެންނަން އޮތެވެ. ވަޔާއިއެކު، ގަސްތަކުގެ ފަތްތައް ހެލިލާއިރު، ބަލައިލަން ނުހަނު ހިތްގައިމެވެ. ދުރުން ފެންނަމުންދިޔަ މަޑު ނޫކުލަ އާއި އަތިރިމަތީގެ ހުދު ވެލިގަނޑުން މާހައުލަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. ބަލާބަލައި ފޫހިނުވާފަދަ ހިތްގައިމު މަންޒަރެކެވެ.

"ހަމަ ޔަގީން މިތާ ވޯކްކުރަން އައިލިޝް އެއްވެސް ވަރަކަށް ފޫހި ނުވާނެކަން..." އަހަރެންގެ މޫނަށް ވެރިވި އަސަރުތަކަށް ބަލަން ހުރެފައި އިބްރާހީމް ބުނެލިއެވެ.

"ޔެސް... މި މާހައުލު ވަރަށް ހިތްގައިމު...." އަހަރެން މަޑުމަޑުން ބޯ ޖަހައިލީމެވެ.

"ޔަގީންތާ..." އިރުކޮޅަކު އެއްޗެއް ނުބުނެ އަހަންނަށް ބަލަން ހުރެފައި އިބްރާހީމް ބުނެލިއެވެ.

އިބްރާހީމް ދެން ހިނގައިގަތީ، ކޮޓަރިތަކާއި ދިމާއަށެވެ.

"މި ބައިގަ ހުންނާނީ ހަތަރު ރޫމް... ރޫމް އެކެއް، ދޭއް، ތިނެއް، ހަތަރެއް..." ފަހަރަކު ކޮޓަރިއަކަށް އިޝާރާތް ކުރަމުން އިބްރާހީމް ބުނެލިއެވެ. "ރޫމް އެކެއް މީ ކަޕްލްސްއަށް ހާއްސަ ކޮޓަރިއެއް.... ރޫމް ދޭއްގަ ތަންކޮޅެއް ޖާގަ ތަނަވަސްވާނެ.... ދެން ރޫމް ތިނަކާ ހަތަރެއް މީ ސްޓޭންޑާރޑް ރޫމްތައް...."

ފަހަރަކު ކޮޓަރިއެއް ހުޅުވާފައި ދައްކަމުން އިބްރާހީމް ތަފްސީލް ދިނެވެ. ތުވާލިތައް ބަހައްޓަންވީ ތަންތަނާއި، ޑަބަލް ތަޅުދަނޑިތައް ބަހައްޓަންޖެހޭ ތަންތަން ކިޔައިދިނެވެ.

"މަތީ ފްލޯގަވެސް ރޫމް ހުރޭތަ؟.." ސިޑިއަށް އިޝާރާތްކުރަމުން އަހަރެން އަހައިލީމެވެ.

އިބްރާހީމް ކުޑަކޮށް ހުއްޓުން އެރިހެން އަހަންނަށް ހީވިއެވެ.

"އެތާވެސް ހުންނާނެ ކޮޓަރި..."

ސިޑިން މައްޗަށް އަރައިގެން ދިޔައިރު، ތަނުގެ ހަމަހިމޭންކަމުން، އަހަރެން ލާ ނޭވާގެ އަޑުވެސް އަހަންނަށް އިވެއެވެ. ހިތުގެ ހިނގުން އަވަސްކުރުވިއެވެ. ކޮރިޑޯއިން ހިނގަމުން ދިޔައިރު، ބޭރުން އެޅިފައިވާ އިރުގެ އަލިން ތަނަށް ވެރިވެފައިވީ އޮރެންޖު އައްޔެކެވެ. ދެވަނަ ފަންގިފިލާގައިވެސް ހަތަރު ކޮޓަރި ހުއްޓެވެ.

"މީ ރޫމް ފައިވް... ދެން މީ ސިކްސް... މީ ސްޓޭންޑާރޑް ރޫމްތަކެއް..."

ފަހަރަކު ކޮޓަރިއެއް ކިޔައިދެމުން ގޮސް، ހަތެއް ޖަހާފައިވާ ކޮޓަރި ހުރަސްކޮށް، އިބްރާހީމް ދިޔައީ، އަށެއް ޖަހާފައިވާ ކޮޓަރި އާއި ދިމާއަށެވެ.

އަހަރެންގެ ސަމާލުކަން ހޯދީ ހަތެއް ޖަހާފައިވާ ކޮޓަރިއެވެ. އެހެން ކޮޓަރިތަކާއި ހިލާފަށް ގެސްޓުންނަށް މަރުހަބާ ކިޔުމަށް ތަޅުގައި އަޅުވާފައިވާ ބޯޑު އެ ކޮޓަރީގެ ތަޅުގައި ނެތެވެ.

"މީ ރޫމް އަށެއް... މިކޮޓަރި މީ ތަންކޮޅެއް ގިނަ ދުވަހަށް އަންނަ ގެސްޓުންނަށް ހާއްސަ ކޮޓަރިއެއް... މިތަން ހުންނާނީ ކުޑަ އެޕާޓްމެންޓެއް ގޮތަށް..." އިބްރާހީމް ތަފްސީލް ދިނެވެ.

"ދެން އެއީ ކޮން ރޫމެއް؟..." އަހަރެންގެ ޝައުގުވެރިކަން އަތުލީ ހަތެއް ޖަހާފައިވާ ކޮޓަރިއެވެ.

އިބްރާހީމްގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. ވަކި ޖަވާބެއް ނުދީ އަހަރެންގެ މޫނަށް ބަލަން އޭނާ އިރުކޮޅަކު ހުއްޓެވެ.

"ރޫމް ސެވަން..." އިބްރާހީމް ދޫކޮށްލި ނޭވާގެ އަޑު އަހަންނަށް އިވުނެވެ.

"ޔެސް..." އަހަންނަށް އަވަސް އަވަހަށް ބުނެވުނެވެ.

"އެކޮޓަރީގެ އެއްވެސް ކަމެއް ބަލަހައްޓާކަށް ނުޖެހޭނެ...." އިބްރާހީމް ހީވީ ކަމެއް ފޮރުވަން އުޅުނު ހެންނެވެ.

"ކީއްވެ؟..." އަހަރެންގެ ޝައުގުވެރިކަން ކުރިއަށްވުރެ ބޮޑުވިއެވެ.

"އެއީ އެ ރޫމް އެވެއިލެބަލް ނޫންވީމަ..." އިބްރާހީމްގެ އަޑުގައި ހާސްކަމެއް ނެތަސް، އެ މޫނުން ބުނެދިނީ އެހެން ކަމެކެވެ.

"އެ ރޫމް ހުންނަނީ ތަޅުލާފަތަ؟..." އަހަންނަށް އަހައިލެވުނެވެ.

"ހާދަ ސުވާލު ގިނަ ކުއްޖެކޭ..." އިރުކޮޅެއްގެ ހިމޭންކަމަށްފަހު އިބްރާހީމް ބުނެލިއެވެ.

"ސޮރީ... މިއަދު ފުރަތަމަ ދުވަސްވީމަ ހުރިހާ ކަމެއްވެސް ދަސްކުރަން ބޭނުންވާތީ...." އަހަރެން މާފަށް އެދުނީމެވެ.

"އޯކޭ... މާފަށް އެދޭކަށް ނުޖެހޭނެ..." އިބްރާހީމް ހިނިތުންވެލިއެވެ. "ދެވަނަ ފްލޯއިން އެއްވެސް ކަމެއް ބޭނުންވެއްޖެއްޔާ، މިތަނަށް އައުމުގެ ކުރިން އަހަންނަށް އިޝާރާތެއް ކޮށްލާތި!... ދެން ރޫމް ސެވަންއަށް އެއްވެސް ސްޓާފަކު ވަންނަންޖެހޭ ސަބަބެއް ނޯންނާނެ... އެހެންވީމަ އެތަނުގެ އެއްވެސް ކަމަކާ އައިލިޝްވެސް ވިސްނާނެ ކަމެއް ނެތް..."

އިބްރާހީމްގެ ފަހަތުން ހިނގައިގަނެފައި، ފަސްއެނބުރި ކޮޓަރިތަކާއި ދިމާއަށް ބަލައިލީމެވެ. ތަނުގައިވީ ހިމޭންކަމެވެ. ހާއްސަކޮށް، ރޫމް ސެވަން ފެނުނީ އެހެން ކޮޓަރިތަކާއި ތަފާތު ކޮށެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ތަނުގެ މަސައްކަތްތަކަށް ފަރިތަވީ ހީވެސް ނުކުރާހާ އަވަހަށެވެ. އަހަންނެކޭ އެއްވަރަށް އިބްރާހީމްވެސް ފަތުރުވެރިންގެ ކަންކަމުގައި ހަރަކާތްތެރިވެ އުޅެއެވެ. އެމީހުންގެ ނަންތަކާއި، ކެއުން ބޭނުންވާ ގަޑިތަކާއި، ވަކިން ކެއުންތައް ތައްޔާރު ކުރަންޖެހޭ ގަޑިތައްފަދަ ކަންކަން އަހަންނަށްވުރެ ފުރިހަމައަށް އިބްރާހީމްގެ ހަނދާނުގައި ހުރެއެވެ. އެއްވެސް މީހަކަށް އިބްރާހީމްގެ ކުރިމަތީގައި ބީރަށްޓެއްސެއްހެން ހުންނާކަށް ނުޖެހެއެވެ. ކޮންމެ މީހަކާއިވެސް އޭނާ ނުހަނު ގާތެވެ. އެކަމަކު، އެކަންކަން ފެންނަމުންދިޔަ ވަރަކަށް، އަހަންނަށް އެހެން ކަމެއް ފާހަގަވާން ފެށިއެވެ. އެނގެންޖެހޭ ވަރަށްވުރެ ބޮޑަށް އިބްރާހީމަށް، އެމީހުންގެ މައުލޫމާތު އެނގުމެވެ.

ހަވީރުގެ ވަގުތެވެ. ކޮފީއެއް ހިފައިގެން އަތިރިމައްޗަށް ނުކުންނަން ދިޔައިރު، ބޭރުގައި ބަހައްޓާފައިވާ މޭޒެއްގެ ކައިރީގައި ދިވެއްސަކާއި، ފަތުރުވެރިންތަކެއް ތިއްބެވެ.

"ކޮން ރޫމެކޭ؟..." ފަތުރުވެރިޔާގެ އެ ސުވާލުން އަހަރެންގެ ފިޔަވަޅުތަކަށް ލަސްކަމެއް އައެވެ.

"ސެވަން... ރޫމް ސެވަން... އެހުރީނު ތި މީހުން ތި އުޅޭ ފްލޯގަ..." ދިވެހި މީހާ ބުނި އަޑު އިވުނެވެ.

"އެ ރޫމް ކިހިނެއްވީ؟..." އެހެން މީހަކު އަހައިލި އަޑު އިވުނެވެ.

"އަޑު އެހިން އެ ރޫމްގަ މީހަކު މަރުވި ވާހަކަ..."

އަހަރެންގެ ފިޔަވަޅުތައް ހުއްޓުނެވެ. ދެލޯ ބޮޑުވިއެވެ. ފަސްއެނބުރި ބަލައިލެވުނީ އިހުތިޔާރަކާއި ނުލައެވެ.

"އޭނ؟... މީހަކު މަރުވީއޭ؟...." ފަތުރުވެރިޔާގެ މޫނުން ފެނުނީ ސިހުމެވެ.

"ނޭނގޭތަ؟... އޭގެ ފަހުން އެއްވެސް މީހަކު އެ ރޫމްގަ ނުހުރެޔޯ... އެ ތަން ހުންނަނީ ތަޅުލާފަ... ރިސެޕްޝަންގަ ތިބޭ ކުދިންނަށްވެސް އެތަނަށް ވަންނާކަށް އަމުރެއް ނޯންނާނެ..." ދިވެހި މީހާ އޭނާގެ ޖުމުލަ ފުރިހަމަކުރީ، އަހަންނަށް ބަލައިލަމުންނެވެ.

"ކީއްވެ؟..." ފަތުރުވެރިޔާ ސުވާލު ކުރިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު