އެމީ އެވޯޑްސްގެ ނޮމިނޭޝަނާ އެކު ދެކުނު ކޮރެއާގެ ބަތަލާ ޕާކް ޖީ-ހިޔުން ތާރީޚުގެ ތެރެއަށް

ދެކުނު ކޮރެޔާގެ ބަތަލާ ޕާކް ޖީ-ހިޔުން--ފޮޓޯ/އިންސްޓަގްރާމް

ނެޓްފްލިކްސްގެ މަޤްބޫލު ޑްރާމާ ސީރީޒް "ޔޫ އެންޑް އެވްރީތިންގް އެލްސް"ގައި ދައްކުވައިދިން މޮޅު އެކްޓިންގްއާއެކު، ދެކުނު ކޮރެޔާގެ އުމުރުން 31 އަހަރުގެ ބަތަލާ ޕާކް ޖީ-ހިޔުން، އިންޓަނޭޝަނަލް އެމީ އެވޯޑްސްގެ "ބެސްޓް ޕާފޯމަންސް ބައި އެން އެކްޓްރެސް" (އެންމެ މޮޅު ބަތަލާ)ގެ ކެޓަގަރީން ނޮމިނޭޓްވެ، ތާރީޚުގެ ތެރެއިން ޖާގަ ހޯދައިފިއެވެ.

މިއީ މި އެވޯޑުގެ މި ކެޓަގަރީން ދެކުނު ކޮރެޔާގެ ތަރިއަކަށް ނޮމިނޭޝަނެއް ލިބުނު ފުރަތަމަ ފަހަރެވެ.

އިންޓަނޭޝަނަލް އެކަޑަމީ އޮފް ޓެލެވިޜަން އާޓްސް އެންޑް ސައިންސަސްއިން މިދިޔަ ބުދަ ދުވަހު އިއުލާނުކުރި މި ނޮމިނޭޝަންތަކުގައި، ޕާކް ޖީ-ހިޔުންއާ ވާދަކުރާ ބައިނަލްއަޤްވާމީ ފަންނާނުންގެ ތެރޭގައި ހިމެނެނީ، "ހޯލީ ޝިޓް" (2025، ބެލްޖިއަމް)ގެ ތަރި މޯނާ މިނާ ލިއޯން، "ލޫކާސް ވޯލްޑް" (2025، މެކްސިކޯ)ގެ ތަރި ބާބަރާ މޯރީ އަދި "އައި ފޯޓް ދަ ލޯ" (2025، އިނގިރޭސިވިލާތް)ގެ ތަރި ޝެރިޑަން ސްމިތުއެވެ.

މީގެ އިތުރުން، ޕާކް އުން-ބިން އަދި ސުލް ކިޔުންގް-ގޫ މުހިންމު ރޯލުތަކުން ފެންނަ ކޮރެޔާގެ އުފެއްދުމެއް ކަމަށްވާ "ހައިޕަ ނައިފް" އަށްވެސް ވަނީ "ޓީވީ މޫވީ/މިނީ-ސީރީޒް" ކެޓަގަރީން ނޮމިނޭޝަނެއް ލިބިފައެވެ.

"ޔޫ އެންޑް އެވްރީތިންގް އެލްސް"ގެ ބަތަލާ ޕާކް ޖީ-ހިޔުން--ފޮޓޯ/އިންސްޓަގްރާމް

މިދިޔަ އަހަރު ނެޓްފްލިކްސް މެދުވެރިކޮށް ގެނެސްދިން "ޔޫ އެންޑް އެވްރީތިންގް އެލްސް" އަކީ އާދައިގެ އާއިލާއަކަށް ނިސްބަތްވާ ޓީވީ ލިޔުންތެރިއެއް ކަމަށްވާ ރިއޫ އުން-ޖުންގް އަދި ތަނަވަސް އާއިލާއެއްގެ ހުނަރުވެރި ފިލްމު ޕްރޮޑިއުސަރެއް ކަމަށްވާ ޗިއޮން ސަންގް-ޔިއޮންގެ މެދުގައި 30 އަހަރު ވަންދެން ދެމިގެންދާ ގާތް އެކުވެރިކަމާއި، ވާދަވެރިކަން އަދި ދިރިއުޅުމުގެ އެކި އޮއިވަރުތައް ދައްކުވައިދޭ އަސަރުގަދަ ވާހަކައެކެވެ.

މި ސީރީޒްގެ މައިގަނޑު ރޯލުތަކުން ޕާކް ޖީ-ހިޔުންގެ އިތުރުން ކިމް ގޯ-އުން އަދި ކިމް ގުން-ވޫ ފެނިގެންދެއެވެ. އަދި މި ޝަޚްޞިއްޔަތުތަކުގެ ޒުވާން ދުވަސްވަރު ދައްކުވައިދީފައިވަނީ ޑޯ ޔަންގް-ސިއޯ އަދި ޕާކް ސިއޯ-ކްޔުންގްއެވެ.

ދެހާސްސަތާރަ ވަނަ އަހަރު ނުކުތް "ސައިމްޑަންގް، ލައިޓްސް ޑައިރީ"އިން އެކްޓިންގް ދާއިރާއަށް ނުކުތް ޕާކް ޖީ-ހިޔުންގެ ފާހަގަކޮށްލެވޭ އެހެން މަސައްކަތްތަކުގެ ތެރޭގައި "ދަ ކިންގް އިން ލަވް" އަދި ކްރައިމް ތުރިލާ ފިލްމު "ދަ ޗޭސް" ހިމެނެއެވެ. އޭނާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ޕްރައިމް ވީޑިއޯގެ އޮފީސް ރޮމޭންސް ޑްރާމާ "ސީ ޔޫ އެޓް ވޯކް ޓުމޯރޯ! އިން ސިއޯ އިން-ގުކް އާއެކުގައެވެ.

comment ކޮމެންޓް