ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން މިއަދު އިލްތިމާސްކޮށްފިއެވެ.
އެ އިދާރާއިން މިކަމަށް އެދުނީ، ވައިބާރުވެ ކަނޑުތައް ގަދަވެ އަދި ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައި ވާތީއެވެ.
އެމްއެންޑީއެފުން ވަނީ، ދަތުރުކުރާ ނަމަ އަންގަންޖެހޭ ފަރާތްތަކަށް އެންގުމަށް ފަހުގައި ނޫނީ ދަތުރު ނުކުރުމަށް އަންގާފައެވެ. އަދި އުޅަނދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ނިޒާމާއި، ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ރަނގަޅަށް ހުރީތޯ ޗެކްކުރުމަށް ވެސް ވަނީ އެދިފައެވެ. މީގެ އިތުރުން، މުދާ އުފުލާ އުޅަނދުފަހަރުން އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ބަރު ނުކުރުމަށާއި، މުދާތައް ރަނގަޅަށް ލައިސަންލާފައި ބެހެއްޓުމަށް ވެސް އެ އިދާރާއިން އިލްތިމާސްކުރެއެވެ.
ދަތުރުކުރާ ފަރާތްތަކުން ލައިފްޖެކެޓް އެޅުމަށް އެމްއެންޑީއެފުން ވަނީ ހަނދާންކޮށްދީފައެވެ. ހަމައެއާއެކު، ޑައިވިން އަދި ވޯޓާ ސްޕޯޓްސް އިންތިޒާމުކުރާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށާއި، މެޓް އޮފީހުން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރު ނުކުރުމަށް ވެސް ވަނީ އަންގާފައެވެ.
މީހުން އަތޮޅުތެރެއަށް ދާން ފުރަން ފެށުން: --- ސަން ފޮޓޯ; މޫސާ ނަދީމްމެޓް އޮފީހުން ލަފާކުރާ ގޮތުގައި، މިއަދު އިރުއޮއްސި 18:00 އާ ހަމައަށް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރުމާއެކު ގުގުރާނެއެވެ. އަދި މެދު ރާއްޖެތެރެއާއި އުތުރުގެ ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
ވައި ޖެހޭނެ ކަމަށް ލަފާކުރަނީ ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 15 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށް މެޓުން ލަފާކުރެއެވެ. އަދި ވިލާގަނޑުގައި ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.
ކަނޑުތަކަށް ބަލާއިރު، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، އެހެން ހިސާބުތަކަށް ކަނޑުތައް އާއްމުގޮތެއްގައި ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.