ސެނެގާލްގެ ބަމްބާލީގައި މާނޭ 20 މިލިއަން ޑޮލަރުގެ ދަނޑުވެރިކަމުގެ މަޝްރޫޢެއް ފަށައިފި

ސެނެގާލްގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ސާޑިއޯ މާނޭ އޭނާގެ އުފަން ރަށް ކަމަށްވާ ބަމްބާލީގައި 20 މިލިއަން ޑޮލަރު (11.7 ބިލިއަން ސީއެފްއޭ ފްރޭންކް) ގެ ދަނޑުވެރިކަމުގެ ބޮޑު މަޝްރޫޢެއް ފަށައިފިއެވެ.

“އެސްއެމް10 އެގްރޯ” ގެ ނަމުގައި ފެށި މި މަޝްރޫޢަކީ މޭންގޯ ހެއްދުމާއި، އެ ތަކެތި ޕްރޮސެސްކޮށްގެން ތަފާތު އުފެއްދުންތައް ބާޒާރަށް ނެރުމަށް އަމާޒުކޮށްގެން ފެށި މަޝްރޫޢެކެވެ. ސައުދީ އަރަބިއްޔާގެ އަލް ނަސްރަށް ކުޅެމުން އަންނަ މާނޭ ބުނި ގޮތުގައި، މި މަޝްރޫޢުގެ މައިގަނޑު ބޭނުމަކީ އޭނާގެ އުފަން ރަށުގެ މީހުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމާއި، ދަނޑުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމެވެ.

މި މަޝްރޫޢުގެ ދަށުން 500 ހެކްޓަރުގެ ބިމެއްގައި 78،000 އަނބު ގަސް އިންދުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް އަނބު ބިންނަން ފެށޭނެ ކަމަށް ލަފާކޮށްފައިވާއިރު، މި މަސައްކަތުގެ ސަބަބުން ސީދާ ގޮތެއްގައި 1،000 އަށް ވުރެ ގިނަ ވަޒީފާ އުފެދޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. މީގެ އިތުރުން، ބަމްބާލީގައި ގާއިމުކުރާ ހަތަރު ފެކްޓަރީއެއް މެދުވެރިކޮށް އަހަރަކު 8،500 ޓަނުގެ އަނބު ޕްރޮސެސް ކުރުމަށް ވަނީ އަމާޒު ހިފާފައެވެ. މި ތަންތަނުގައި އަނބު ޕަލްޕް، ހިއްކި އަނބު އަދި އަނބު ބަޓަރު ފަދަ ތަކެތި އުފައްދައި، އެފްރިކާ، ޔޫރަޕް އަދި މެދުއިރުމަތީގެ ގައުމުތަކަށް އެކްސްޕޯޓު ކުރުމަށް ވަނީ ނިންމާފައެވެ. އަނބުގެ އިތުރުން ޕޭރު ވެސް މި މަޝްރޫޢުގެ ތެރެއިން ޕްރޮސެސް ކުރާނެއެވެ. އަދި ޒުވާނުންނަށް ދަނޑުވެރިކަމުގެ ތަމްރީނު ދޭ މަރުކަޒެއް ވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.

މިފަދަ ބޮޑު މަޝްރޫޢެއް ފެށުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ސެނެގާލްގެ ސެދިއޫ ސަރަޙައްދުގައި ހައްދާ އަނބުގެ ބޮޑު ބައެއް އިސްރާފުވަމުން ދިއުމެވެ. މާނޭ ފާހަގަކުރި ގޮތުގައި، އެ ސަރަޙައްދުގައި އަނބު ރައްކާތެރިކަމާއެކު ގުދަންކޮށް ޕްރޮސެސް ކުރާނެ ވަސީލަތްތައް ނެތުމުގެ ސަބަބުން، އުފައްދާ އަނބުގެ 30 އިންސައްތައާއި 40 އިންސައްތައާ ދެމެދުގެ އަދަދެއް ދަނީ ހަލާކުވެގެންނެވެ. އެހެންކަމުން، މި ތަކެތި އިސްރާފުވިޔަ ނުދީ، ރަށުގައި ތިބެގެން ޕްރޮސެސްކޮށް ވިއްކުމަކީ އޭނާގެ އަމާޒެވެ.

މާނޭ ބުނި ގޮތުގައި، އޭނާ ބޭނުންވަނީ އެ ސަރަޙައްދުގެ ބިމުގެ މުއްސަނދިކަން އެ މީހުންނާއެކު އެތާނގައި ދެމިއޮތުމަށެވެ. ސެނެގާލްގެ އިންވެސްޓްމަންޓް ޕްރޮމޯޝަން އޭޖެންސީން ވަނީ މި މަޝްރޫޢަށް ފަސް އަހަރު ދުވަހުގެ ޓެކްސް މާފުކުރުމުގެ އިނާޔަތްތަކެއް ވެސް ދީފައެވެ.

މިއީ އުމުރުން 34 އަހަރުގެ މާނޭ އޭނާގެ އުފަން ރަށަށް އެހީތެރިކަން ފޯރުކޮށްދިން ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ވެސް އޭނާ ވަނީ ބަމްބާލީގައި ސްކޫލަކާއި، ހޮސްޕިޓަލަކާއި، މިސްކިތެއްގެ އިތުރުން ޕެޓްރޯލް ސްޓޭޝަނަކާއި ޕޯސްޓް އޮފީހެއް ބިނާކޮށްދީފައެވެ. އަދި މިދިޔަ އަހަރުގެ ނޮވެންބަރު މަހު އޭނާ ވަނީ އެ ރަށުގައި ބޭކަރީއެއް ވެސް ހުޅުވާފައެވެ. މީގެ އިތުރުން، ރަށުގެ އެންމެ ފަގީރު އާއިލާތަކަށް މަހަކު 70 ޑޮލަރުގެ އެލަވަންސެއް ދިނުމާއި، ސްކޫލް ކުދިންނަށް ލެޕްޓޮޕް ފޯރުކޮށްދިނުން ފަދަ ކަންކަން އޭނާ އަންނަނީ ކުރަމުންނެވެ.

ނަމަވެސް، ކުރިން ކުރިއަށްގެންދިޔަ އިޖުތިމާޢީ މަޝްރޫޢުތަކާ ޚިލާފަށް، އަލަށް ފެށި “އެސްއެމް10 އެގްރޯ” މަޝްރޫޢަކީ ރަށުގެ އިޤުތިޞާދު ކުރިއަރުވައި، ދިގު މުއްދަތަކަށް އާމްދަނީ ލިބޭނެ މަގު ފަހިކޮށްދިނުމަށް ފަރުމާކޮށްފައިވާ ވިޔަފާރީގެ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ބިންގާ އަޅާފައިވަނީ މި މަހުގެ 19 ވަނަ ދުވަހުއެވެ. އަދި މި ތަނުގެ އިމާރާތްކުރުމުގެ މަސައްކަތް ނިންމުމަށް 18 މަސްދުވަސް ހޭދަވާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް