ފްރާންސާއި ތުރުކީގެ ނުފޫޒުގަދަ ލީޑަރުންނާ އެކު، ނައިބު ރައީސް "ރައިޒިން ނޭޝަންސް ގާލާ"ގައި ބައިވެރިވެވަޑައިގެންފި

ނައިބު ރައީސް ގާލާގައި: ފްރާންސާއި ތުރުކީގެ ނުފޫޒުގަދަ ލީޑަރުންނާ އެކު، ނައިބު ރައީސްވަނީ "ރައިޒިން ނޭޝަންސް ގާލާ"ގައި ބައިވެރިވެވަޑައިގެންފައި --

އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަން (ޔޫއެންޖީއޭ 81) ގެ ހަވާސާގައި ބޭއްވި ޚާއްސަ "ރައިޒިން ނޭޝަންސް ގާލާ ޑިނާ" ގައި ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ބައިވެރިވެވަޑައިގެންފިއެވެ.

މި އަހަރުގެ މި ހަފުލާ ކުރިއަށް ގެންގޮސްފައިވަނީ "ސެލެބްރޭޓިން ދަ ޔޫއެން ޑެކްލަރޭޝަން އޮން ސީ ލެވެލް ރައިޒް: ފްރޮމް އެމްބިޝަން ޓު އިމްޕްލިމެންޓޭޝަން" މި ޝިއާރުގެ ދަށުންނެވެ.

މި ޝިއާރުގެ މައިގަނޑު ބޭނުމަކީ ކަނޑުގެ ލޮނުގަނޑު އުފުލުމާ ގުޅޭގޮތުން އދ. އިން ކަނޑައަޅާފައިވާ ގަރާރުތަކާއި އަމާޒުތައް ހަމައެކަނި ވާހަކަތަކެއްގެ ގޮތުގައި ނުބާއްވައި، އެކަންކަން އަމަލީ މައިދާނުގައި ތަންފީޒުކުރުމަށް ބާރުއެޅުމެވެ.

ނައިބު ރައީސް ގާލާގައި: ފްރާންސާއި ތުރުކީގެ ނުފޫޒުގަދަ ލީޑަރުންނާ އެކު، ނައިބު ރައީސްވަނީ "ރައިޒިން ނޭޝަންސް ގާލާ"ގައި ބައިވެރިވެވަޑައިގެންފައި --

"ރައިޒިން ނޭޝަންސް" އިނިޝިއޭޓިވް އަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ނުރައްކާ އެންމެ ބޮޑަށް ކުރިމަތިވެފައިވާ ޖަޒީރާ ކުދި ޤައުމުތަކުގެ ސިޔާދަތާއި، ސަގާފަތާއި، ތާރީޚު އަދި ރައްޔިތުންގެ ހައްޤުތައް ހިމާޔަތްކުރުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި ވަކާލާތުކުރުމަށް އުފައްދާފައިވާ ޚާއްސަ އިއްތިހާދެކެވެ. މި އިއްތިހާދުގެ ގާލާ ޑިނާއަކީ ދުނިޔޭގެ ލީޑަރުން އެއްތަނަކަށް އެއްވެ، މި ގައުމުތަކުގެ ދިފާއުގައި އަޑުއުފުލައި، އެހީތެރިކަން ހޯދުމަށް ބާއްވާ މުހިންމު ހަރަކާތެކެވެ.

މި ހަފުލާއާ ގުޅޭގޮތުން ނައިބު ރައީސް ވިދާޅުވީ، ކަނޑުގެ ލޮނުގަނޑު އުފުލުމާ ދެކޮޅަށް ވެފައިވާ ވައުދުތައް އަމަލީ ގޮތުން ތަންފީޒުކުރުމަކީ ރާއްޖެ ފަދަ ބިމުގެ އުސްމިން ތިރި ޖަޒީރާ ޤައުމުތަކުގެ ރަށްތަކާއި، ރައްޔިތުން އަދި މުސްތަޤުބަލު ރައްކާތެރިކުރުމަށްޓަކައި ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ.

ނައިބު ރައީސް، ތުރުކީގެ ރައީސް ރަޖަބު ޠައްޔިބު އުރުދުޣާނާއެކު --

މި ޙަފުލާގެ ތެރެއިން ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ވަނީ ފްރާންސް އަދި ތުރުކީ ފަދަ ދުނިޔޭގެ ނުފޫޒުގަދަ އަދި ބާރުގަދަ ޤައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

comment ކޮމެންޓް