ޔޫޓިއުބުން އޭއައިގެ އައު ވަސީލަތްތަކާއި ޝޯޓްސް ސީރީޒް ތަޢާރަފުކޮށްފި

ޔޫޓިއުބް ޝޯޓްސް އަދި ޔޫޓިއުބް ކްރިއޭޓް އެޕަށް ގޫގުލްގެ ޖެމިނައި އޭއައި ވަނީ ގުޅުވާލާފައި ---

ޔޫޓިއުބް ބޭނުންކުރާ ކޮންޓެންޓް ކްރިއޭޓަރުންނަށް ޚާއްޞަކޮށްގެން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އެކުލެވޭ އައު ވަސީލަތްތަކަކާއި، ޝޮޕިން ފީޗަރުތަކުގެ އިތުރުން "ޝޯޓްސް ސީރީޒް" ގެ ނަމުގައި އައު ފޯމެޓެއް ތަޢާރަފުކޮށްފިއެވެ. މި އައު ބަދަލުތައް ޔޫޓިއުބުން އިޢުލާންކޮށްފައިވަނީ އެ ކުންފުނިން ބޭއްވި "މޭޑް އޮން ޔޫޓިއުބް" ހަރަކާތުގައެވެ.

ޔޫޓިއުބް ސްޓޫޑިއޯއަށް އަލަށް އިތުރުކުރެވުނު އޭއައި ވަސީލަތްތަކުގެ ތެރޭގައި ވީޑިއޯތަކުގެ ސްޕީޑާއި، އޮނިގަނޑާއި އަދި ވާހަކަ ކުރިއަށްދާ ގޮތާމެދު އިރުޝާދުދޭ ނިޒާމެއް ހިމެނެއެވެ. މީގެ އިތުރުން ޗެނަލްގެ ސްޓައިލާ ގުޅޭގޮތަށް ތަމްބްނެއިލް އުފެއްދުމާއި، އެކި ބެލުންތެރިންނަށް ތަފާތު ތަމްބްނެއިލް ދެއްކޭނެ ގޮތް ހެދުމުގެ އިތުރުން، އެއް ވީޑިއޯއެއްގެ ތަފާތު ތިން ކަޓެއް ބޭނުންކޮށްގެން އޭ/ބީ ޓެސްޓް ހެދުމުގެ ފުރުޞަތުވެސް ކްރިއޭޓަރުންނަށް މިހާރު ވަނީ ހުޅުވާލާފައެވެ.

ޔޫޓިއުބް ޝޯޓްސް އަދި ޔޫޓިއުބް ކްރިއޭޓް އެޕަށް ގޫގުލްގެ ޖެމިނައި އޭއައި ވަނީ ގުޅުވާލާފައެވެ. މީގެ ސަބަބުން ކްރިއޭޓަރުންނަށް ޗެޓް އިންޓަފޭސްއެއް މެދުވެރިކޮށް ލިޔެގެން ދޭ އިރުޝާދުތަކާއެކު، ވީޑިއޯގެ ފްރޭމްތައް ތަރުތީބުކުރުމާއި، ކްލިޕްތައް ކެފުމާއި އަދި މިއުޒިކް ސިންކްކުރުން ފަދަ ކަންކަން ފަސޭހަކަމާއެކު އެޑިޓްކޮށްލެވޭނެއެވެ.

https://sun.mv/227296

ކްރިއޭޓަރުންގެ ރައްކާތެރިކަމަށްޓަކައި، ކްރިއޭޓަރުގެ މޮޑަރޭޝަން ސްޓައިލް ދެނެގަނެގެން ކޮމެންޓްތައް މޮޑަރޭޓްކުރާ އޭއައި ނިޒާމެއްގެ ޓެސްޓްތައްވެސް ވަނީ ފަށާފައެވެ. އަދި އަމިއްލަ އައިޑެންޓިޓީ ރައްކާތެރިކުރުމުގެ ގޮތުން ޑީޕްފޭކް އަދި މޫނާއި އަޑު ބޭނުންކުރުން ހުއްޓުވުމަށް، މޫނު ދެނެގަންނަ ވަސީލަތުގެ އިތުރުން ވާހަކަދައްކާ އަޑުވެސް ދެނެގަނެވޭނެ ނިޒާމެއް މިއަހަރުގެ ފަހުކޮޅު ގުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ.

ވީޑިއޯ ބަލާ ފަރާތްތަކަށް ޚާއްޞަކޮށްގެން "އާސްކް ޔޫޓިއުބް" ފީޗާ ވަނީ ޝޮޕިން އެސިސްޓެންޓެއްގެ ގޮތުގައި ފުޅާކޮށްފައެވެ. މީގެ ސަބަބުން ތަކެތި ހޯދާ ބެލުންތެރިންނަށް އެމީހުން ބޭނުންވާ ގޮތަށް އުފެއްދުންތަކުގެ އަޅާކިޔުންތަކާއި މައުލޫމާތުތައް ފަސޭހައިން ލިބިގެންދާނެއެވެ.

މީގެ އިތުރުން ޔޫޓިއުބް ޝޯޓްސްއަށް "ޝޯޓްސް ސީރީޒް" ގެ ނަމުގައި އައު ފޯމެޓެއް ވަނީ ތަޢާރަފުކޮށްފައެވެ. މި ފީޗަރުގެ ސަބަބުން ކްރިއޭޓަރުންނަށް އެމީހުންގެ ޝޯޓްސްތައް ސީޒަންތަކާއި އެޕިސޯޑުތަކަށް ބަހާލައިގެން ތަރުތީބުން ގެނެސްދެވޭނެއެވެ.

comment ކޮމެންޓް